English Edition
Dhivehi Edition

ރާއްޖޭގައި އަންހެނުން އެންމެ މަދުން ކުޅޭ ކުޅިވަރަކީ ފުޓްބޯޅަކަމުގައި ވެފައިވަނީ ކޮންމެހެން ފުޓްބޯޅަ ކުޅޭ ހިތްނުވެގެނެއް ނޫނެވެ. މި މުޖުތަމުއުގައި ގެންގުޅޭ ފިކުރުތަކެއްގެ ސަބަބުން އަންހެން ތިބީ އެ ކުޅިވަރުކުޅެން ބޭނުންވެ އެހެންނަމަވެސް އެ ދާއިރާއަށް ނިކުންނަން ފަސްޖެހި ނުކެރިފައެވެ. އަންހެނުންނަށް މިވެނި އެވެނި ކަމެއް ނުވާނޭ ބުނާ ފިކުރު ފަހަތައް ޖައްސާލައިގެން ނޫނީ ކުރިއަށް ދެވެން ނެތްކަން ގަބޫލުކޮށް އަންހެނުން ފުޓްބޯޅަ ކުޅެން ނިކުތް ހިސާބަކީ އެ ކުޅިވަރު ރާއްޖޭގައި އިތުރަށް ކުރިއަރައިގެން ދިއުމަށް އެޅިގެން ދިޔަ ވަރަށް މުހިއްމު ބިންގަލެކެވެ

އައްޑޫ ސިޓީ މީދޫ އަކީ ޒަމާނުއްސުރެ ކުޅިވަރުގެ ދާއިރާގައި ފިރިހެނުންނާއި އެއް ހަމައެއްގައި އަންހެނުންވެސް ފައިތިލަ ސާބިތުކުރަމުން ދިޔަ ރަށެކެވެ. ބަށިކުޅުމާއި ވޮލީ ކުޅުމަކީ އެ ރަށުގައި އެންމެ ފޯރިއާއި އެކު ކުރިއަށް ދިޔަ ކުޅިވަރުތަކެވެ.މީދޫގައި އެޅިގެން ދިޔަ ފުޓްސަލް ދަނޑާއެކު މި ކުޅިވަރުތަކަށް އަންހެނުންގެ ފުޓްބޯޅަވެސް އިތުރުވެގެން ދިޔައެވެ. ނުހަނު ޖޯޝާ ފޯރިއާއި އެކު ހުޅުދޫ މީދޫގައިވެސް އަންހެނުންގެ ފުޓްސަލް މުބާރާތްތައް ކުރިއަށް ގެންގޮސް އެތައް މޮޅު ކުޅުންތެރިންނެއް އުފެދިގެން ދިޔައެވެ

މި ކުޅިވަރު ކުޅުންތެރިންގެ ތެރޭގައި އައިޝަތު އީޝާ އަޝްރަފް، ޝީޝާ ވެގެން ދިޔައީ ފާހަގަކޮށްލެވޭފަދަ މޮޅު ކުޅުންތެރިއަކަށެވެ. އުމުރުން ކިތެންމެ ހަނގު ނަމަވެސް އޭނަ ހިނގަމުން ދިޔައީ ބައްޕަ އަޝްރަފްގެ ފިޔަވަޅުމަތިން ބައްޕަ ދިޔަ ހިސާބަށް ފުޓްބޯޅައިގައި ކުރިއަށް ދިއުމަށެވެ. 1996 ވަނަ އަހަރާއި 1999 ވަނަ އަހަރުގެ ތެރޭގައި ގައުމީ ޓީމަށް ކުޅުނު އަޝްރަފް އަކީ އޭރުވެސް އަދި މިހާރުވެސް މީދޫގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. “ފުޓްބޯޅަ ކުޅެން ފެށި ހިސާބުންވެސް ބޭނުންވީ ބައްޕަ ކުޅުނު ފަދައިން ގައުމީ ޓީމަށް ކުޅެން. އަބަދުވެސް އެ ހިސާބަށް ދިއުމަށް މަސައްކަތްކުރަމުން ދިޔައީ.”މީދޫ ވިމެންސް ފުޓްސަލް ޓީމުން ބައްޕަގެ ކޯޗުކަމުގެ ދަށުން އެންމެ ފުރަތަމަ ދަނޑުމައްޗައް ނިކުތް އީޝާ ބުނެފައިވެއެވެ

ވަރުގަދަ އަޒުމަކާއެކު އީޝާ ކުޅެން ފެށިނަމަވެސް ވަކި ހިސާބަކުން މީދޫގައި އަންހެނުންގެ ފުޓްސަލް އަށް އޮތް ތަރުހީބު ކުޑަވެ އެކަން މަޑުމަޑުން ހުއްޓިގެން ދިޔައެވެ. އެހާ ހިސާބުންވެސް އީޝާ އެ ކުޅިވަރު ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. “މީދޫގައި ކުޅިވަރު ހުއްޓުނު ހިސާބުން ދެން ދާން ފެށީ ހުޅުދޫ އަށް ކުޅެން. ބޭނުންވީ ހުއްޓާނުލާ ކުރިއަށްދާން.”އީޝާ ބުންޏެވެ. އޭނާގެ ނަސީބު އަތުގައި ހިފީ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޯދުމަށްޓަކައި އެފްއޭއެމް އިން މީދޫގައި ބޭއްވި ސެލެކްޝަން ބުރުންނެވެ. “އުއްމީދެއް ނުކުރަން ގައުމީ ޓީމަށް ހޮވޭނެ ކަމަކަށް. އެކަމަކު ހޮވުނު ކަން އެގުނީމަ ފުރަތަމަ ގަބޫލެއްވެސް ނުކުރެވުނު. “އަބަދުވެސް ދެކެމުން އައި ހުވަފެން ހަގީގަތަކަށްވުމުން ކުރެވުނު އިހްސާސްތައް ކިޔައިދެމުން އީޝާ ބުންޏެވެ

އައްޑޫ ސިޓީ ގެ ހުރިހާ ރަށަކުން ހޮވުނު ކުދިންގެ މެދުގައި އަނެއްކާވެސް ސެލެކްޝަނެއް ބޭއްވުނެވެ. “ހިތަށް އެރި ނުކުޅެ ހުރެފަ ހުރިހާ އެންމެންގެ ތެރޭގައި ދެން ކުޅެވޭނެބާއޭ؟ މާ މޮޅު ކުދިން ތިބޭނޭ. އެކަމަކު ހިތްވަރު ބަލިނުކޮށް ވަރަށް މަސައްކަތްކުރިން. އައްޑޫ އަތޮޅުން ހޮވުނު ހަތަރު ކުދިންގެ ތެރޭގަ ހިމެނުމުން ވަރަށް އުފާވި. ބޭނުންވީ ގައުމީ ޓީމަށް ކުޅެ ގައުމަށް ރީތި ނަމެއް ހޯދައިދޭން. ” 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަން މެޗުތައް ކުޅެފައިވާ އީޝާ ބުންޏެވެ

މިދިޔަ މަހުގެ ތެރޭގައި 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ކިރިގިސްތާނަށް ގޮސްފައިވާ އީޝާ ބުނެފައިވަނީ ކޮލިފިކޭޝަން މެޗުތަކުން ބަލިވުމުން ދެރަވި ކަމަށާއި އެހެންނަމަވެސް އަދި މިއީ ފެށުމެއް ކަމަށެވެ. “ބަލިވުމުން ދަރަވި. އެކަމަކު މިއީ އަދި ފެށުމަށް. އިރާދަކުރެއްވިއްޔާ ދެން ފަހަރަކުން ކާމިޔާބުވާނެ”އީޝާ ބުންޏެވެ. މީގެ އިތުރުން އީޝާ ބުނެފައިވަނީ ބޭނުންވަނީފުޓްބޯޅައިގައި އިތުރަށް ތަމްރީންތަކެއް ހޯދާ މި ކުޅިވަރުން އިތުރަށް ކުރިއަށް ދިއުމަށްކަމަށެވެ.

ކުޅިވަރުގެ ދާއިރާގައި ބައްޕަގެ ފިޔަވަޅުމަތިން ހިނގަން ފެށި އީޝާއަށް ބައްޕަ ކުޅުނު ފަދައިން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބިފައިވާއިރު އީޝާ ބޭނުންވަނީ މި ކުޅިވަރު ކުޅެ ގައުމަށާއި ރަށަށް އަދި މައިންބަފައިންނަށް ރީތި ނަމެއް ހޯދައިދޭށެވެ. “މަންމަ އާއި ބައްޕަގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. މި ކަމުގައި ކުރިއަށް ދިއުމަށް އެހީތެރިވެދޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްލަން ބޭނުން.”އީޝާ ބުންޏެވެ

އީޝާ މިވަނީ ވަރުގަދަ އަޒުމަކާއެކު ކަމަކަށް ކުރިމަތި ލައިފިނަމަ ކޮންމެވެސް ހިސާބަކުން އެކަން ކާމިޔާބުވާނެ ކަން ސާބިތުކޮށްދީފައެވެ. ފަހުގެ ތާރީހެއްގައިވެސް މީދޫގެ އަންހެން ކުޅުންތެރިއަކަށް ކުޅިވަރުގެ ދާއިރާއިން މިހިސާބަށް އާދެވިފައިވާ ނުވާއިރު ‘އޭއޯ ނިއުސް’ އިން އެދެނީ އީޝާ އަށް މިދާއިރާއިން އިތުރަށް ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ލިބި ކާމިޔާބީއަށެވެ