English Edition
Dhivehi Edition
ހީނާ ވަލީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަގާފީ ޓޫރިޒަމްގެ ތަސައްވުރު އެކަށައަޅައި، ގައުމީ ތަރިކައިން މާލީ މަންފާ ލިބޭނެ ގޮތް ހެދުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ސަރުކާރުން ކުރިއަށްގެންދާ “އަހާ” ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގާޒީ ބަންޑާރައިންގެ ހަނދާންތައް ދިރުވައި އާލާކުރުމުގެ މަޝްރޫއުގައި ހިމެނޭ ރަށްތަކަށް މާލީ މަންފާ ލިބޭނެ ގޮތަށް މިހާރު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ފަސް ރަށަކީ ހއ. އުތީމު، ބާރަށް، ތަކަންދޫ، ށ. މަރޮށި އަދި ލ. އިސްދޫއެވެ. މިނިސްޓަރު ވިދާޅުވީ، މި ރަށްތަކުގައި ހުރި ތާރީހީ ތަރިކަތައް ހިމާޔަތްކޮށް، ސަގާފީ ޓޫރިޒަމްގެ ތެރެއިން އެ ރަށްރަށުގެ އިގްތިސާދަށާއި ރައްޔިތުންނަށް ސީދާ މާލީ ފައިދާ ލިބޭނެ މަގު ފަހިކޮށްދިނުމަކީ މި ޕްލޭންގެ މައިގަނޑު އަމާޒު ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ނިމި، މި މަހުގެ ނިޔަލަށް ފައިނަލް ލިޔުން ޔުނެސްކޯއަށް ހުށަހެޅޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ރާއްޖޭގެ ފަސް މިސްކިތެއް ހުށަހަޅާފައިވާއިރު، އައިކޮމޮސް އިން ވަނީ ސެޕްޓެމްބަރު މަހު އެ މިސްކިތްތަކުގެ އިވެލުއޭޝަން ނިންމާފައެވެ. ސަރުކާރުގެ އުންމީދަކީ އަންނަ އަހަރުގެ ފަހުކޮޅު މި މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ރަސްމީކޮށް ހިމެނިގެން ދިއުމެވެ.

މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުމަކީ އިންޓަނޭޝަނަލް ފެންވަރުގައި ރާއްޖޭގެ ތަރިކަ ބަލައިގަނެވިގެންދާނެ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިސްކިތްތައް ބަލަން އަންނަ ޓޫރިސްޓުން އިތުރުވެ، ރަށްތަކަށާއި މުޅި ގައުމަށް އިގްތިސާދީ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

ރާއްޖޭގައި ސަގާފީ ޓޫރިޒަމް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ ދަށުން މި މަސައްކަތްތައް ކުރިއަށްގެންދާނީ ޓޫރިޒަމް މިނިސްޓްރީއާއި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ކަމަށް މިނިސްޓްރީން ބުންޏެވެ. ރާއްޖޭގެ ހިރިގަލު މިސްކިތްތަކަކީ އިންޑިއާ ކަނޑުގެ ވިޔަފާރީގެ ތާރީހާއި، އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ދިވެހިން ކުރި ޖިހާދާއި، ދިވެހިންގެ ފަންނުވެރިކަން ދައްކުވައިދޭ އަގުހުރި ތަރިކައެކެވެ.