English Edition
Dhivehi Edition

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ވޭތުވެދިޔަ ސެޕްޓެމްބަރު މަހު 15،571 މީހަކަށް 59.2 މިލިއަން ރުފިޔާގެ އެހީ ދޫކޮށްފިއެވެ. މިއީ އޭގެ ކުރީ މަސް ކަމަށްވާ އޯގަސްޓު މަހު 15،498 މީހަކަށް ދޫކުރި 58.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު އަލަށް 263 މީހަކު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައެވެ. މިއީ އޯގަސްޓު މަހު ރަޖިސްޓްރީވި 169 މީހުންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ. މިއާއެކު، އެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،885 އަށް އަރާފައެވެ.

މީގެ އިތުރުން، ތެލަސީމިއާ ކުދިންނަށް ދޭ އެލަވަންސްގެ ގޮތުގައި ވޭތުވެދިޔަ ސެޕްޓެމްބަރު މަހު 1.08 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޯގަސްޓު މަހު މި އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވަނީ 1.07 މިލިއަން ރުފިޔާއެވެ.

އެ އެޖެންސީން ހާމަކުރި ގޮތުގައި، ސެޕްޓެމްބަރު މަހު އަލަށް ހަ މީހަކު ވަނީ ތެލަސީމިއާ އެލަވަންސް ލިބޭ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައެވެ. އޯގަސްޓު މަހު މި ދަފުތަރުގައި ރަޖިސްޓްރީވެފައިވަނީ ހަތަރު މީހުންނެވެ. އެހެންކަމުން ތެލަސީމިއާ އެލަވަންސް ލިބޭ ފަރާތްތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 541 އަށް އަރާފައެވެ.