ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ކުރިއަށްގެންދާ “މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ގެ މި އަހަރުގެ ހަތަރުވަނަ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ. ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ހިންގާ މި ކޯސް ކުރިއަށްދާނީ މި މަހުގެ 31 އިން އަންނަ ނޮވެމްބަރު މަހުގެ 12 ގެ ނިޔަލަށެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމަނައިގެން، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި އެކުއަކަލްޗާގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. ރައީސްގެ އިރުޝާދާ އެކު، ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް އަހަރަކު ދެ ކޯހުން ހަތަރު ކޯހަށް މިހާރު ވަނީ އިތުރުކޮށްފައެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި މެރިކަލްޗާގެ ސިނާއަތެއް ރާއްޖޭގައި ގާއިމުކުރުމަށް މަގުފަހިކުރުމެވެ. ވޯލްޑް ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މި ކޯހުގެ ދަށުން، މި ސިނާއަތް ތަރައްގީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. ފޯމު ފުރިހަމަކުރުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާ އެކު އީމެއިލް ކުރަންޖެހެނީ [email protected] އަށެވެ. ޖުމްލަ 15 ފުރުސަތު ހުޅުވާލާފައިވާއިރު، ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން ފޯމު ހުށަހަޅައިފިނަމަ ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައެވެ. ކޯހުގެ ބައިވެރިން މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ހުރުމާއި ކެއުމުގެ ހުރިހާ އިންތިޒާމެއް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހަމަޖައްސައިދޭނެއެވެ.