English Edition
Dhivehi Edition
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް

ރާއްޖޭގެ ތަރައްގީއަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވި ނަމަވެސް، އެފަދަ މަޝްރޫއުތައް ހިންގަންވާނީ ފުރިހަމަ ހާމަކަން ބޮޑު ގޮތަކަށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ލިބޭ ފަދަ އޮނިގަނޑެއްގެ ތެރެއިން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްގީގެ ދުވެލީގައި ރާއްޖެ ކުރިއަރައި ދިއުމަކީ ނާދިރުކަމެއް ކަމަށވެެ. އަދި އެފަދަ ޕްރޮޖެކްޓްތައް، ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒު ވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، ޕްރޮޖެކްޓް ކާމިޔާބު ވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަން ހަލީލް ފާހަގަކުރެއްވިއެވެ. އާންމުވެފައިވާ މައޫލޫމާތު ތަކަށް ބަލާއިރު ރަސްމާލެ ޕްރޮޖެކްޓަކީވެސް އާދަޔާ ހިލާފަށް ބޮޑު މަޝްރޫއުއެއްކަން ފާހަގަކޮށް ހަލީލްވަނީ ގިނަ ސުވާލުތަކެއް އުފައްދާފައެވެ. އެގޮތުން ހަލީލު ކުރެއްވި ސުވާލުތަކުގެ ތެރޭގައި

  1. ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ހަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ؟
  2. ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ؟ އަދި އެއީ ކިހާވަރެއްތޯ؟
  3. އިންވެސްޓްމަންޓުން އަޕްފުރަންޓް ޕެއިމަންޓްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭތޯ؟ އަދި އެއީ ކިހާ މިންވަރެއްތޯ؟
  4. އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ ޢަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި. އެހެންކަމުން، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބާތޯ؟ އަދި ވިޔަފާރީގެ ޓެކްސް ނުހިމަނާ، ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް/ ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯ؟
  5. ބިމުގެ މިލްކްވެރިކަން ދޫކުރަނީ ދާއިމަށްތޯ؟ ބިމުގެ މިލްވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، 99 އަހަރު އަލަށް ފެށޭތޯ؟
  6. 5000 ހައުސިން ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯ؟
  7. މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ/ ރައްޔިތުންގެ އެއްވެސް ޙައްގެއް ގެއްލޭތޯ؟ އަދި މިނޫންވެސް ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ ކަންކަމަށް އީޖާބީ ޖަވާބުތަކެއް ދިނުން ލާޒިމް.

އިތުރަށް ހަލީލް ވިދާޅުވީ ގައުމާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ހައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، އެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބޭނެފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދިނުންކަމަށެވެ.