ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުން މިނިވަން ކުރުމާ ގުޅޭ ގޮތުން 49 މެމްބަރެއްގެ ސޮޔާ އެކު މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ
ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ޕީޕީއެމްގެ ބައެއް މެމްބަރުންވެސް ވަނީ ސޮއިކުރައްވާފައެވެ.އޭގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް، މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު، ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ ހިމެނިވަޑައިގަންނަވައެވެ
ނަޝީދު މިނިވަންކުރުމަށް ހުށަހެޅި ގަރާރާއި ގުޅޭ ގޮތުން ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ވަނީ މަޖިލީހުގެ ސެޝަނެއް މާދަމާ ވެސް ބާއްވަން ގޮވައިލައްވާފައެވެ. އަދި ޚާއްސަކޮށް ނަޝީދާ ގުޅޭ ގަރާރު އަވަހަށް ފާސްކުރުމަކީ އިދިކޮޅު ހަތަރު ލީޑަރުން ވެސް ބޭނުންވާ ކަމެއް ކަމަށް ރިޔާޒް ވަނީ ވިދާޅުވެފައެވެ
މީގެ އިތުރުން ރައްޔަތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވީ ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އެއްވެސް އިންސާފެއް ނެތިކަމަށާއި ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް އިންސާފުން އެކަން ކުރިއަށް ގެންދަން ގޮވާލާފައިވާ ކަމަށެވެ. އަދި ނަޝީދު ނޮވެމްބަރު 1 ގައި ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އުންމީދު ކުރާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާއެކު ވަނީ ހުށަހަޅާފައެވެ