English Edition
Dhivehi Edition
ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ވެރިކަންކުރާ ޕީޕީއެމުން ރިޔާސީ އިންތިޚާބުގެ ވޯޓާ ގުޅޭ މައްސަލަތަކެއް، ފުލުހުންނަށް ހުށަހެޅިއަސް އިންތިޚާބު ބާތިލްވުމުގެ އެއްވެސް ފުރުސަތެއް މިހާރު ނެތް ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ

ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން، ޝަމީމް ވިދާޅުވީ އިންތިޚާބު ބާތިލްކުރުމުގެ ދޮރުތައް ބަންދުވެފައިވުމާ އެކު ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި ގާނޫނީ ގޮތުން މިހާރު އޮތް ހަމަޔަކީ އެއީ ކަމަށެވެ

އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގައި އީސީގެ ވަކީލް ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ ވަކީލުން ސުޕްރީމް ކޯޓަށް ވަޑައިގަތީ ޖިނާއީ އަދުލުގެ ނިޒާމް ހިނގާ ގޮތް މާރަނގަޅަށް ސާފުވެވަޑައިނުގަންނަވާތީކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ ޖިނާއީ މައްސަލައެއް ހިނގައިފިއްޔާ، ކޮރަޕްޝަން ފިޔަވައި އެހެން މައްސަލަތައް ބެލުމުގެ ބާރު އޮންނަނީ ފުލުހުންނަށްކަމަށާއި ޖިނާއީ މައްސަލައެއް ހިންގުމުގެ ނަތީޖާއަކީ، އެ މީހެއްގެ މައްޗަށް ޕްރޮސިކިއުޓަ ޖެނެރަލް ދައުވާއުފުލުން ކަމަށެވެ

ޖިނާއީ މައްސަލައެއްގައި ތުހުމަތު ކުރެވޭ އިންސާނަކު ވެސް ހުންނަން ޖެހޭނެ ކަމަށް ވިދާޅުވެ ޝަމީމު ވަނީ މިސާލުޖައްސަވާފައެވެ”ޕީޕީއެމުން ތުހުމަތުކުރާ ފަދަ ޖިނާއީ އަމަލެއް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރަކު ހިންގާފައިވީ ނަމަވެސް އެކަމުގެ ޒިންމާ އުފުލަން ޖެހެނީ އެ މީހަކު. އެއީ، އެ ކޮމިޝަނުން ބޭއްވި އިންތިޚާބުގެ ނަތީޖާ ބާތިލްވާނެ ކަމެއް ނޫން” ޝަމީމް ވިދާޅުވިއެވެ

އިންތިޚާބު ބާތިލްކުރުމަށް، ރައީސް ޔާމީންގެ ވަކީލުން ހުށަހެޅުއްވި ހެކިތަކަށް ބަލައި އިއްޔެ ސުޕްރީމް ކޯޓުންވަނީ އިންތިޚާބު ބާތިލް ކުރެވެން ނެތް ކަމަށް ހުކުމްކޮށްފައެވެ