ވޯޓް ކަރުދާސްތައް ޕްރިންޓް ކޮށްގެން ގެނެސް ރައްކާ ކޮށްފައި ހުރި “ސެކިއުރިޓީ ރޫމަށް” އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުންގެ އިތުރުން ހުއްދަ ނެތް އިތުރު ތިން މީހަކު ވަތް މައްސަލައެއް ފެންމަތިވެއްޖެއެވެ
ރޔާސީ އިންތިހާބު ބާތިލުކުރުމަށް އެދި ރައީސް ޔާމީންގެ ފަރާތުން ކޯޓަށް ހުަށަހަޅާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، ވޯޓް ކަރުދާސްތައް ރައްކާކޮށްފައި ހުރި ތަނަށް ވަން މީހުން އެނގޭނެ ގޮތައް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލޮގްއިން އެތަނަށްވަން މީހުން އެގެން ހުރިއިރު މި މައްސަލަ ރައީސް ޔާމީންގެ ޤާނޫނީ ޓީމުންވަނީ ފާހަގަކުރައްވާފައެވެ
ވޯޓް ކަރުދާސް ރައްކާކޮށްފައި ހުރި ސެކިއުރިޓީ ރޫމަށް ވަދެ ނުކުމެވާ ފަރާތްތައް ބެލެހެއްޓުމަށް ބޭނުންކޮށްފައިވާ ލޮގް އީސީން ހިއްސާ ކުރުމުން، އެ ލޮގަށް ބަލައިގެން އެ ރޫމަށް ވަނުމުގެ ހުއްދަ ދީފައިނުވާ 3 މީހަކު އެ ރޫމަށް ވަދެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ
ހުއްދަ ދެވިފައި ނުވާ 3 މީހުންގެ ތެރެއިން 2 މީގެއްގެ ނަން ރައީސް ޔާމީންގެ ވަކީލުން ހާމަކުރައްވާފައިވާރު، އޭގެ ތެރޭގައި ހިމެނެނީ ޖިނާތު ކިޔާ މީހަކާއި، އެމް.އޭ ސައްތާރު ގެ ނަމުގައި ލޮގް ގައި ނޯޓް ކޮށްފައިވާ މީހެކެވެ. މީގެ ތެރެއިން ޖިނާތު 38 ފަހަރަކު އެ ރޫމަށް ވަދެފައިވާކަމަށް އެ ލޮގުން ދައްކާއިރު ހުއްދަ ނެތް މީހަކު އެހާ ގިނައިން ވަދެފައިވަނީ ކީތް ކުރަންކަމާމެދުވެސް ސުވާލު އުފެއްދޭކަމަށް ރައީސް ޔަމީންގެ ވަކީލުންވަނީ ވިދާޅުވެފައެވެ.
ކޮމިޝަނުގެ މެންބަރުން އެތަނަށް ވަނުމަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާފައިވާ އަމަލެއް ކަމަކަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވިދާޅުވެފައިވާއިރު ކޮމިޝަންގެ މެންބަރުން އެތަނަށް ވަނީ ކީއްކުރަންތޯ ބަލައިދިނުމަށް ސުޕްރީމް ކޯޓުގައިވަނީ އެދިފައެވެ
އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން ވިދާޅުވެފައިވަނީ ވޯޓް ކަރުދާސް ރައްކާކޮށްފައިވާ ސެކިއުރިޓީ ރޫމަށް 40 އަށްވުރެ ގިނަ މީހުން ވަދެފައިވާ ކަމަށެވެ.އަދި އެތަނަށް މުވައްޒަފުން ވަދެފައިވަނީ ވޯޓު ކަރުދާސް ޗެކް ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށް އީސީގެ ވަކީލުންވަނީ ވިދާޅުވެފައެވެ