English Edition
Dhivehi Edition

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ވަގަށް ނެގީ ދިވެހިންގެ ބަޔަކު އިންޑިއާ އާއި ގުޅިގެން ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ؛އައްޑަނަ’ ޖަލްސާގައި ވާހަަކަދައްކަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެއް ދިވެހިންގެ ކަންކަން ނިންމުމުގައި ދިވެހިން ބޭނުންވާ ގޮތަށް ކަންކަން ނިންމަމުން ދިޔަ ބައެއްކަމަށެވެ.

އެހެންނަމަވެސް މިކަން ބަދަލުވެގެން ދިޔައީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައިކަން އަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފައެވެ. މި ގޮތުން އަބްދުއްރަހީމް ވަނީ އިންޑިއާގެ ނުފޫޒު 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާއަށް ވައްދައި އިންތިޚާބު އޮޅުވާލާފައިވާކަމަށް ތުހުމަތުކުރައްވާފައެވެ.

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ކާބަފައިން ގެނެސްދިން ދިވެހިރާއްޖެ އަކީ މިނިވަން އުފާވެރި އަދި ހަމަނުޖެހުމެއް ނެތް އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުން އައި ދިވެހިރާއްޖެ އެއް ކަމަށެވެ. އަދި މިގޮތަށް ރާއްޖެ ހިނގަމުން ދަނިކޮށް މިނިވަންކަމާއި ހަމަޖެހުމާއި އިސްލާމްދީނާއި އެކުވެރިކަމާއި ސުލްހަވެރިކަމާއި އެއްބައިވަންތަކަން އެގޮތުގައި ދެމިއޮންނަން ބޭނުން ނުވާ ބަޔަކު ޒަމާނުއްސުރެ ތިބިކަމަށާއި އެމީހުންނަށް މަދަދު ވާނެ ބަޔަކު ދިވެހިންގެ ތެރޭގައިވެސް ތިބިކަމަށެވެ.

އިތުރަށް އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ދަނިކޮށް ސުލްހަވެރިކަން ނަގާލައި، ރާއްޖެ އަޅުވެތިކުރަން ބޭނުންވާ ބަޔަކު އެމީހުންގެ ޝާނާއި ޝައުކަތު އިތުރުކުރަން ބޭނުންވާ ބަޔަކާއިއެކު ރާއްޖޭގެ ވެރިކަން ބަދަލު ކުރީކަމަށެވެ.