އިންތިޚާބު ބާތިލް ކުރުމަށް ކޯޓަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވި ނަމަވެސް، އެކަން ކުރަން މަޖުބޫރުވީ ރައްޔިތުން ގެނައި ޝަކުވާތަކުގެ ސަބަބުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ
ޕީއެސްއެމް ނިއުސްގެ “އެންމެ ފުރަތަމަ ގައުމު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ންތިޚާބު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިންތިޚާބު ގަޑުބަޑުކޮށްފައި އޮތް ކަން ހެކިތަކުން ފެންނަން ހުރުމުންކަމަށެވެ. އަދި އީސީގެ މެމްބަރުންގެ އިހުމާލުން ނުވަތަ އެބޭފުޅުން ރާވައިގެން ގަސްދުގައި އިންތިޚާބުގެ ކަންކަން ރާވާފައި ހުރީ ގޯސްކޮށް ކަން ހެކިތަކުން އެނގިވަޑައިގެންނެވިކަމަށް ނިހާން ވިދާޅުވިއެވެ. އެހެންކަމުން އިންތިހާބުގައި ހިނގައި ދިޔަ ކަންތައްތައް ބެލުމަށް އޮތް ތަނަކީ ސުޕްރީމް ކޯޓު ކަމަށް ވާތީ ކޯޓަށް ވަޑައިގަތީ ކަމަށް ނިހާން ވިދާޅުވިއެވެ
މިއަހަރުގެ އިންތިހާބާއި ބެހޭ ގޮތުން ނިހާން ވިދާޅުވީ ބޭރުގެ އެކިއެކި ފަރާތްތަކުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންތިޚާބަށް ނުފޫޒު ފޯރުވޭނެ ފަދަ ވާހަކަތަކެއް އިދިކޮޅު ފަރާތްތަކުން ދެއްކާފައިވާކަމަށެވެ. އަދި އިލެކްޝަން ކޮމިޝަނުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބާއްވާނެ ކަމަށް ބުނެ އެންމެ ފުރަތަމަ އެ ވާހަކަ ދައްކާފައިވަނީވެސް އިދިކޮޅު ފަރާތްތަކުން ކަމަށް ނިހާން ވަނީ ފާހަގަކުރައްވާފައެވެ