English Edition
Dhivehi Edition

އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ، ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހް އަށް ހުވާ ކުރެއްވެން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ

މޫސަ މިހެން ވިދާޅުވީ އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކަންކަމާ ބެހޭގޮތުން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ބަލަހައްޓާ ކޮމެޓީން މަޖިލީހުގެ އިދާރާގައި މޫސައާ ބައްދަލު ކުރައްވައި، އެ ހަފުލާގެ ކަންކަން ކުރިއަށް ގެންދިއުމާ ބެހޭގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާ މަޖިލީހުގައެވެ

މޫސަ ވިދާޅުވީ އަންނަ މަހުގެ 11 ވަނަ ދުވަހު އިބޫ ހުވާ ކުރެއްވުމުގެ ކަންކަން ހަމަޖައްސައި ދެއްވުމަށް އެ ކޮމެޓީން އެދުނު ކަމަށާއި އަދި އެދުވަހު ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ޖެހޭނެ ކަމަށް އޭނާ ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަން ނުކުރެވޭނެ ސަބަބެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާކަމަށާއި މިކަމާއި ގުޅޭ ގޮތުން މަޖިލީހުގެ ރައީސްއަށް މަޝްވަރާކުރައްވާނެކަމަށް މޫސަ ވިދާޅުވިއެވެ

މީގެ އިތުރުން މޫސަ ވިދާޅުވީ 2013 ވަނަ އަހަރު އޭރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ނުނިމި ދިއުމުގެ ސަބަބުން އެ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އާ ރައީސަށް ހުވާ ނުކުރެއްވުނަސް، އެކަން އެގޮތަށް އަބަދު ދެމިގެންދާން ޖެހޭ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ