ރައީސް އަބުދުﷲ ޔާމީނާއި ގުޅޭ އެއްވެސް ވާހަކައެއް ސައުދީއިން ނުދައްކަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ
ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅަށްފަހު ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން، ރާއްޖެއާ ގުޅޭގޮތުން ދެއްކި ވާހަކައިގައި ސައުދީން ބޭނުންވަނީ އަބަދުވެސް އެ އިރެއްގައި އޮންނަ ސަރުކާރަކާ ގުޅުންބާއްވަން ކަމަށް ބުނެފައިވާ ކަމަށެވެ
ނަޝީދުގެ ދަތުރާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އެކިކަހަލަ ވާހަކަތައް ދައުރުވަމުން ދިޔައިރު ބައެއް ފަރާތްތަކުން ބުނެފައިވަނީ ނަޝީދުގެ ދަތުރުގައި ސައުދީ ވަލީއަހުދަށް، ރައީސް ޔާމީން ހައްޔަރުނުކުރައްވާނެ ކަމުގެ ޔަގީންކަން ނަޝީދު ދެއްވާފައިވާ ކަމަށެވެ. މި ވާހަކަތަކާއި ގުޅިގެން ނަޝީދު ވިދާޅުވީ ރައީސް ޔާމީން އާއި ގުޅޭ އެއްވެސް ވާހަކައެއް ސައުދީން ދައްކާފައި ނުވާކަމަށެވެ. ނަޝީދުގެ ސައުދީ ދަތުރާއި ބެހޭ ގޮތުން އަދި މާ ބޮޑު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ
ނަޝީދު މިދިޔަ ހޯމަ ދުވަހު ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އިނގިރޭސި ވިލާތައް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ