English Edition
Dhivehi Edition
ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދެލި ފޮހެވޭ ގަލަންތަކެއްގެ ވާހަކަ އިންތިޚާބުގެ ކުރިން އެންމެ ގަދައަށް ދެއްކީ އިދިކޮޅު ފަރާތްތަކުން ކަމަށް ރައީސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ

އައްބާސް މިހެން ވިދާޅުވީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި ވާހަކަދައްކަވަމުންނެވެ.ރައީސް ޔާމީން ހުށަހަޅާފައިވާ މައްސަލައަށް މަދުވަނީ ހަމައެކަނި އުދުހޭ މުއްސައްލާއެއް ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ ވަކީލް ހިސާން ހުސައިން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އައްބާސް ވިދާޅުވީ ދެލި ފޮހެވޭ ގަލަންތަކެއްގެ ވާހަކަ އިންތިޚާބުގެ ކުރިން އެންމެ ގަދައަށް ދެއްކީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އޭރު ބަޔާނެއް ވެސް ނެރުނުކަމަށެވެ.

މީގެ އިތުރުން އައްބާސްވަނީ ދެލި ފޮހެވޭ ގަލަމުގެ ވާހަކަ ފުލޯކު ވާހަކައަކަށް ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެކަން ހުށަހެޅުއްވުމުންތޯ ވިދާޅުވެ، ސުވާލުކުރައްވާފައެވެ

މިއަދުގެ އަޑުއެހުން ނިންމާލީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ސިއްރު ހެކިވެރިންނާ ގުޅޭ ގޮތުން މާދަމާ ގޮތެއް ނިންމުމާ އެކު އެ މައްސަލާގެ ފަހު އަޑުއެހުން ވެސް މާދަމާ ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހުގައެވެ