English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މެނިފެސްޓޯ ލޯންޗްކުރުމުގެ ޖަލްސާ ބާއްވަން ނިންމާފައިވަނީ މިރޭ 9:30ގައި ޕާޓީގެ މައި ޖަހަގަ މ. ކުނޫޒުގައެވެ. ޤާސިމްގެ ރިޔާސީ ކެމްޕޭން މިހާރު ލޯންޗުކޮށްފައިވާއިރު، ކެމްޕޭންގެ ސްލޯގަން އަކީ “ހާސްކަނޑާލާ! ހަމަޖެހޭނެ!”އެވެ.

ޖޭޕީގެ މެނިފެސްޓޯ މިރޭ ލޯންޗުކުރަން ނިންމާފައިވާއިރު މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންތައްތައް އެޕާޓީން ވަނީ ހާމަކޮށްފައެވެ.

އޭގެ ތެރޭގައި އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރުމާއި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކަށް ކުރީގެ ރައީސް އިބްރާހީމް ނާޞިރާއި ރައީސް މައުމޫން ގެންގުޅުއްވިފަދަ މެދު މިނުގެ ސިޔާސަތެއް ހެއްދެވުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމާއި މުޖުތަމައުގެ ފަރުދުން ފުއްދުންތެރިކުރުވުމާއި ބެހޭ ވައުދުތައްވެސް ހިމެނެއެވެ.

ގާސިމްގެ ރަނިންމޭޓުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ޑރ. އަމީން އިބްރާހީމެވެ. އަދި އިންތިޚާބީ އެޖެންޓުގެ ގޮތުގައި ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަލީ ވަހީދު ވަނީ ކަނޑައަޅުއްވާފައެވެ.