ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ އިސް މެމްބަރުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރެއްވުމަށް ނިންމަވައިފިއެވެ.
އެމްޑީޕީ އާ ގުޅިފައިވާ ޕާޓީތަކުން މިރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޖޭޕީގެ ނައިބު ލީޑަރު އަމީންގެ އިތުރުން ގާސިމްގެ އެޑްވައިޒަރަކަށް ހުންނެވި މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު ވެސް ވަނީ ރައީސަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ.
އޭގެ އިތުރުން ޖުމްހޫރީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މެންބަރުން ވަނީ މިރޭ ރައީސްގެ ކެމްޕެއިނާ ގުޅިވަޑައިގެންފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ އިސް މެމްބަރުންތަކެއް ނިންމާފައި މިވަނީ، ޖުމްހޫރީ ޕާޓީން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ޖުމްހޫރީ ޕާޓީން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހެދިނަމަވެސް، އެ ޕާޓީގެ މެމްބަރުން ބޭނުންވާ ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ ހައްގު އޮންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
ގާސިމްގެ އަރިހުގައި މީގެކުރިން ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރީގެ މެންބަރު ރިޔާޒު ރަޝީދާއި އިލްހާމް އަހްމަދުވެސް ވަނީ ރައީސް ސާލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާފައެވެ.