English Edition
Dhivehi Edition
Couple of cheaters hugging and texting everyone on their smart phones

ސިނާނާ އެނބުރި އައުމުން ޖާވީއަށް ހުރިހާ އުފަލެއް ހާސިލްވީހެން ހީވެއެވެ. ހީކުރެވުނީ އެއީ އޭނާގެ ދެވަނަ ހަނީ މޫންކަމުގައެވެ. “އަހަރެން ރުޅިއައިސްގެން ފޭދުއަށް ދިޔައީ……” އޭނާ ބުނަން އުޅުނެވެ. ޖާވީ އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. “ އޭނާ ހުރިހާކަމަކަށް މައާފު ދިން ފަދައިން ސިނާގެ އަނގަމަތީ އަތްއަޅާފަައި އޭނާގެ ގަޔާއެއްކޮށް ބޮނޑިކޮށްލިއެވެ. “ދެން އެވާހަކަ ނުދައްކާ. އޭނާ ނުހަނު ލޯތްބާއެކު އޭނާގެ އަންހެނުންނަށް ލޯބި ދެމުން ގެންދިޔައެވެ. “އެނގޭތަ މިއަދު އަހަރެންގެ ވަޒީފާ މަތިވެއްޖެ. އަހަރެންގެ ކުރެހުން އެއްވަނައަށް ދިޔައީ. ދެން އަހަރެމެން ކުރީގައި އުޅުނު ކަހަލަ ދަތިހާލެއްގައި އުޅޭކަށް ނުޖެހޭނެ. ބޭރަށްވެސް ދެވޭނެ. އައިސް ކްރީމްވެސް ކާން ލިބޭނެ.”

“އަދި ބުނަންތަ؟… “ސިނާނާވެސް އެވާހަކަ އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. “އެއީ އަހަންނަށް ނުވިސްނޭތީ ކަންތައް ކުރެވުނު ގޮތެއް. “ ސިނާވެސް ލޯތްބާއެކު ބުންޏެވެ. “ފިރިމީހާއަށް ލިބޭ މިންވަރަކާމެދު ޝުކުރު ނުކުރެވުނީ އަހަރެންގެ ގޯސްކަމުންކަން މިހާރު ވިސްނިއްޖެ. ރަނުން ދަޅައަޅާ ކޮންމެ އެއްޗެއްގައި އުފަލެއް ނުވޭ.”

ކާވެންޏަށް އަހަރު ފުރޭ ދުވަސް އޮތީ ކުރިމަތީގައެވެ. ބުނެވޭނީ އެއީ ނުހަނު އުފާވެރި ކާވެންޏެއް ކަމުގައެވެ. އެކަމަކު އޭގެ ކުޑަ ވަގުތުކޮޅެއްގެ ކުރީގައި ކަންތައް ހިނގަމުން ދިޔަ ގޮތެއް އެކަކަށްވެސް އަޑުއަހާކަށް ކެތެއް ނުވާނެއެވެ.

އަމުދުން ބުނެދޭކަށްވެސް ނުކެރޭނެ މެއެވެ.

ޖާވީގެ ރަހުމަތްތެރި ނާޒިމް ރަށަށްއައީ ބޭރުގައި ވަރަށް ގިނަ ދުވަހު އުޅުމަށްފަހުގައެވެ. އޭނާ އައީ ނުހަނު ފުރިހަމަޔަށް ރިސޯރޓާއި ސްޕާ ހިންގުމުގެ ތަޖްރިބާއައިގެންނެވެ. އައްޑޫގެ ހުރިހާ ރިސޯޓްތަކެއްގައިވެސް ސްޕާތައް ހިންގައި ބަލަހަށްޓަނީ އޭނާއެވެ. އޭނާ އައިއްސުރެން މަސައްކަތުގައި އަބަދު އުޅެން ޖެހިފައިވުމުން އަދިވެސް އޭނައަކަށް ޖާވީއާ ބައްދަލު ކުރަން ދިއުމުގެ ފުރުސަތެއް ނުލިބެއެވެ.

ސިނާނާ ފޭދުއަށް ދިޔައީ ޖާވީއާ ދެމެދު ޒުވާބުތަކެއް ހިނގުމަށްފަހުއެވެ. ސިނާގެ ޝަކުވާއަކީ ދިރިއުޅެން ޖެހޭ ދަތިކަމުގެ ވާހަކައެވެ. އަބަދު ގޭގައި އުޅެން ޖެހޭތީއެވެ. ބޭރަށް ނުދެވޭތީއެވެ. ރެސްޓޮރެންޓްތަކުން ކައި މަޖާކޮށްނުލެވޭތީއެވެ. ހަފްތާބަންދުގައި ރިސޯޓްތަކަށް ނުދެވޭތީއެވެ. ޖާވީއަކީ ނުހަނު ކުޅަދާނަ އާކިޓެކްޓެއް މެއެވެ. އެހެންނަމަވެސް އޭނާގެ މަސައްކަތުން އެހާ ބޮޑު ފައިދާއެއް އަދިއެއް ނުލިބެއެވެ. ކާވެންޏަށް އަހަރުވާން ގާތްވީ އިރު ސިނާގެ ހިތްހަމަ ނުޖެހުން ވަނީ ވަރަށް ބޮޑުވެފައެވެ. އެހެންކަމުން ހިނގި ކުޑަ ޒުވާބަކަށްފަހު ސިނާ އޭނާގެ މަންމަގެ ގެއަށް ފޭދުއަށް ދިޔައީއެވެ.

ސިނާ ފޭދުއަށް ދިއުމާއެކު އޭނާގެ ބައެއް ރައްޓެހީންނާ ބައްދަލުވެ އެމީހުންނާއެކު ބޭރަށް ދެވެން ފަށައިފިއެވެ. އޭގެތެރޭން އެއްކުއްޖަކު ހުންނަނީ ޝަންގްރިއްލާގައި ކަމަށްވާތީ ނިކަން ފަސޭހައިން ސިނާއަށްވެސް އެރަށަށް ދެވޭނެގޮތް އޭނާ މެދުވެރިވެ ހަމަ ޖެހިއްޖެއެވެ.

އެއީ ސިނާއަށް ފެނުނު ރީތި ކުލަ ހުވަފެނެއް ފަދަ ތަނެކެވެ. އެއީ އޭނާ އެންމެ އުޅެން ބޭނުންވި ކަހަލަ ދުނިޔެއެކެވެ. ހަމަ ވަގުތުން ސިނާ އެ ރިސޯޓަށް ހިތްޖެހިއްޖެއެވެ.

ނާޒިމް، އެންމެން ކިޔާގޮތުންނަމަ ގްރޭޓް ނާޒިމްއާ ސިނާ ބައްދަލުވާކަށް މާ ގިނަ ވަގުތުތަކެއް ހޭދައެއް ނުވިއެވެ. ގުރޭޓަކީ މުޅި ރިސޯޓްގައި އެންމެ ބާރުގަ ނުފޫޒުގަދަ މީހާކަން އެއީ އެންމެންވެސް ދަންނަ ހަގީގަތެކެވެ. ސިނާ ތައާރަފް ވީއްސުރެން ގްރޭޓްގެ ނަޒަރު ސިނާއަކުން ނައްޓައެއް ނުލައެވެ. އެއީ ގްރޭޓްގެ ގޮތްކަންވެސް އެންމެން ދަނެއެވެ. އަލަށް އަންނަން ކޮންމެ އަންހެން ކުއްޖަކު އޭނާގެ ސަމުސަލަށް ނާރުވާ ދުލެއް ނުކުރާނެއެވެ. ދެކޮޅުވެރިކަމެއް ފަސްޖެހުމެއް ފެނިއްޖެނަމަ އަދި މާބޮޑަށް އޭނާ އެކަމަށް މަސައްކަތް ކުރާނެއެވެ. ކޮންމެ ގޮތަކުން ނަމަވެސް އޭނާ ބޭނުންވާ ކުއްޖަކު ކާމިޔާބު ކުރާނެއެވެ. ގްރޭޓަކީ އެކަންތަކުގެ ދެވަނައެއް ނުވާފަދަ ތަޖްރިބާކާރެއް މެއެވެ.

ސިނާއަކީ ވަރަށް ގިނަ ދުވަހު މާލޭގައި އުޅެފައި އައި މީހެއްކަމުން ރިސޯޓްގެ އެކަކަށްވެސް އޭނާއަކީ ކާކު ކަމެއް އަދި އޭނާގެ ދިރިއުޅުމުގެ އެއްވެސް މައުލޫމާތެއް އެނގިފައެއް ނުވެއެވެ. އެއީ ގިނަ މުއައްޒިފުންނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެނެވިފައިވާ މީހުންނާއި އަދި ބޭރުމީހުން ކަމާއެކުވެސް މެއެވެ. މިތަނަށް މުއައްޒިފުން އަންނަނީ ކޮންކޮން ތާކުންކަން އެނގޭ މީހަކުވެސް ނުހުރެއވެ. އަބަދުހެން އާ ފިރިހެން މުވައްޒިފުންނާ އަންހެން މުވައްޒިފުން އައިސް ގޮސްވެއެވެ. މީގެ ތެރޭގައިވެސް އަންހެން މުވައްޒިފުންނަށްނަށް ވަޒީފާ ދިނުމާ ވަކިކުރުމުގެ ވަރަށް ބޮޑު ދައުރެއް ގުރޭޓް އަދާކުރއެވެ.

ސިނާ، ގްރޭޓް ކަހަލަ ތަޖްރިބާ ހުރި މީހެއްގެ އަތްދަށުވެ ބެހިގެންދާކަށް ހުރަހެއް ނެތްމެއެވެ.

ޖާވީ ސިނާއަށް އިންތިޒާރު ކުރިއެވެ. ލަސްވެގެން ގުޅާހަދައެވެ. ކޮންމެފަހަރަކުވެސް ސިނާ ދެނީ ރުންކުރު ޖަވާބެކެވެ. އެހެންނަމަވެސް މިދުވަސްކޮޅު ޖާވީގެ މަސައްކަތް ހުރިގޮތުން އޭނާ އުޅެންޖެހިފައިވަނީ އަބަދު ކޯއްޓޭގައެވެ. އެތަނުގެ ގެސްޓް ހައުސް ކުރެހުމަށެވެ. އޭނާއަކަށް ސިނާގެ ބޯކޮޅުބަލަމުން ދާކަށް ވަގުތެއް ނުލިބެއެވެ. އެހެންނަމަވެސް އޭނާ ސިނާއަށް އިންތިޒާރު ކުރިއެވެ. އަދި އިތުބާރުވެސް ކުރިމެއެވެ.

ސިނާއަށް ގްރޭޓް ދިނީ ފަސޭހަ ވަޒީފާއެވެ. އޭނާއަށް ޖެހެނީ ގްރޭޓްގެ އެސިސްޓެންގެ ގޮތުގައި ޑިނާ ތަކާއި ހަފްލާތަކުގައި ބައިވެރިވާށެވެ. އޭނާއާއެކު ޑާންސް ކުރާށެވެ. އަދި ހިމޭންކަމާއެކު އެކަހެރި ގޮތުގައި ވަގުތު ހޭދަ ކުރާށެވެ. އެއަކީ ނުރައްކަލެއް އޮތްކަމެއް ކަމަކަށް ސިނާއެއް ނުދުށްޓެވެ. އޭގެ ފުރަގަހުގައި ފޮރުވިފައިވަނީ ކިހާވަރެއްގެ ތޫފާނެއް ކަމެއްކަން އޭނައަކަށް ރޭކައެއް ނުލިއެވެ. އެއީ ގްރޭޓްގެ ކުޅަދާނަކަމެވެ. އޭނާއަކީ އަންހެންކުދީން އޭނާގެ މަޅީގައި ޖެއްސުމުގެ ދެވަނައެއް ނެތްފަދަ ކުޅަދާނަ ޝިކާރަވެރިއެއްކަމެއް ސިނާއަކަށް ރޭކައެއްވެސް ނުލިއެވެ.

ޖާވީއަށް ސިނާއާއެކު ވަގުތު ހޭދަކުރާނެ ފުރުސަތެއް އެއްގޮތަކަށް ނުލިބެއެވެ. އެހެންކަމުން އޭނާގެ ފޫހިކަން ވަނީ ނުހަނު ބޮޑުވެފައެވެ. މަސައްކަތުގައި އުޅޭތީ އެއްވެސް ކަސްރަތެއް މިހާރަކު ނުލިބެއެވެ.

ޖާވީއަކީ އަބަދުވެސް ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. ސިނާއަށްވެސް ޖާވީ ކަމުދިޔައީ އެސަބަބަށްޓަކައެވެ. އޭނާގެ ފުޅާ ބައިމައްޗާއި ހިމަ އުނަގަނޑެވެ. އޭނާ އަސްލު އިސްކޮޅަށްވުރެން ދިގުކަމަށް ދައްކަނީވެސް އެހެންވެއެވެ.

ޖާވީގެ މި އެކަނިވެރިކަމުގެ އަސަރު އޭނާގެ ސިކުނޑި އަށް ވެރިވީ ހައިރާންވާހާ ބޮޑަށެވެ. އެހެންކަމުން އޭނާވެސް ވީކެންޑްތަކުގައި ޖޮގިން އަށް ދާން ފަށައިފިއެވެ. އޭނާއަށް ލިބިފައިވާހާވެސް މުދަލަކީ އޭނާގެ ރީތި ހަށިގަނޑު ކަމަށްވާތީއެވެ.

އޭނާ ޖޮގިންއަށް ދަނީ އީސީސީގެ ވަށައިގެން ބުރުޖެހުމަށެވެ. ޒީނިޔާއާ އޭނާއާ ދިމާވީ އެހިސާބުންނެވެ. އެއީ އޭނާގެ ހިތް އޭނާގެ އިޚްތިޔާރުން ބޭރުވެގެން ދިޔަ ފުރަތަމަ ފަހަރެވެ. ސިނާއާ ކާވެނި ކުރުމުގެ ފަހުން އޭނާ އެއްވެސް އަންހެންކުއްޖަކަށް ބަލައެއް ނަހަދައެވެ. އަދި އެހެން ކުއްޖަކަށް އޭނާގެ ހިތް ގުޑުވައެއް ވެސް ނުލެވެއެވެ. އެހެންނަމަވެސް ޒީނިޔާ ފެނުނު ވަގުތުން ފެށިގެން އޭނާގެ ހިތް އިޚްތިޔާރުން ނެއްޓިގެން ދިއެވެ.

ރައްޓެއްސެއްގެ އެހީގައި ޒިނިޔާއާ ގުޅާލާކަށް އުނދަގުލެއް ނުވިއެވެ. އެއީ ޒީނިޔާއަކީވެސް ހަމަ އެކަނި ގޭގައި އުޅޭ ކުއްޖެއްވީމައެވެ. އޭނާގެ ފިރިމީހާއަކީ ރިޒޯޓެއްގެ މަތީ މަގާމެއްގައި އުޅޭ މީހަކަށްވާތީ އަވަދި ނެތި ކަން ބޮޑުކަމުން މިހާރު ގެޔަށް އަޔަސް އަންނާނީ ދެހަފްތާއަކުން މަހަކުން އެއްފަހަރު ކަހަލަ ގޮތަކަށެވެ.

މިހެން ކަންތައް ހުރުމުން އޭނާ ހުންނަން ޖެހެނީ ވަރަށްވެސް ފޫހިވެފައެވެ.

ޖާވީ ޒީނިޔާއަށް ވެސް އެހާ ގަޔާވީ އޭނާގެ ހަށިގަނޑުގެ ފުރިހަމަ ކަމުންނެވެ. ބަލާބެލުމަށް ރޮމޭންޓި ގޮތެއްވެސް ހުންނާތީއެވެ. އަދި މިނޫންވެސް ޒީނިޔާ ހިތްއެެދޭ ގިނަ ސިފަތަކެއް އޭނާގެ ކިބައިން ފެނިގެންދާތީ ވެސްމެއެވެ. ޒީނިޔާއަކީވެސް ކުރެހުމާއި އާރޓަށް ލޯބިކުރާމީހެއްކަމުން ދެމީހުންގެ ގުޅުން އިސާހިތަކު އިތުރަށް ބަދަހިވެގެން ދިޔައެވެ.

މި އާގުޅުމުގެ ސަބަބުން ދެމީހުންގެ އެކަނިވެރިކަން ވެސް ފިލައިގެން ދިޔައެވެ. ހަވީރު އިރުއޮއްސޭ ގަޑިއަކީ ޒީނިޔާއަށް އެންމެ ހިތްފަސޭހަ ވަގުތެވެ. ދެމީހުން އެކަނި ޒީނިޔާގެ ގޭގައި އެވަގުތު ހޭދަ ކުރަމުން ދިޔައެވެ. ރީތި މިއުޒިކާ ލަވައިގެ ތެރޭގައެވެ. އެކަހެރިކަމާއި ނެށުމުގައެވެ. އެހެންކަމުން ދެމީހުންގެ ގާތްކަމާއި ގައިގޯޅިކަން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ.

ސިނާއާއި ގްރޭޓްގެ ގައިގޯޅިކަން ޑާންސްފުލޯތަކުން ފެނިގެން ދަނީ ފާޅުކަން ބޮޑުކަމާއެކުގައެވެ. މިއީ ސިނާއަށް ނުހަނު ހިތްފަސޭހަކަން ގެނެސްދޭ ވަގުތުތަކަކަށް ވެއްޖެއެވެ. ފެށުނީއްސުރެން މިއީ އޭނާ އެންމެ ދެކޭ ހިތްވާ ހުވަފެނެވެ. މުއްސަނދިކަމުގެ ދުނިޔޭގައި އަރާމު ދިރިއުޅުމެއް އުޅުމަށް އޭނާ އަބަދުވެސް ލޯބި ކުރެއެވެ. ޖާވީއާ ދެމެދު ޖެހޭހާ ވެސް މައްސަލައަކީ މިއީއެވެ.

އެރޭ ހިމެނުނީ އާދައާ ޚިލާފު ގާތްކަމެއް ދެމީހުންގެ ދެމެދުގައި އުފފެދުނު ރެޔަކަށެވެ. ގައިގޯޅިވީ ވަރަކަށް ދަމައި ގާތަށް ގެންދިއައެވެ. ބެލްކަނީއިން ފެށުނު ގާތްކަން ނިދާ ކޮޓަރިއާ ދިމާއަށް ގެންދިޔައެވެ. މަސްތީ ދަލެއްގައި ޖާވީ ޖެހި ޒީނިޔާގެ ޒުވާން ފުރިހަމަ ބައްޓަމުގެ ޖާދުވީ އޮއިވަރުގައި ބެހިގެން ދާން ފަށައިފިއެވެ.

ސިނާ ގްރޭޓާއެކު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެއީ ރީތި ކޮޓަރިއެވެ. ރޮމޭންޓިކޭ ކިޔާ ހުރިހާ ކަމެއް އެތާ ފުރިހަމަވެފައި ހުއްޓެވެ. ފަނޑު އައްޔެކެވެ. ހަމަހިމޭން މިޔުޒިކެކވެ. މީރު ބުއިންތަކެވެ. ހީވަނީ ރަނުން ވިރުވާއަޅައިފައިވާހެންނެވެ.

ގްރޭޓްފަދަ ކުޅަދާނަ ޝިކާރަވެރިއެއްގެ އަތުން ލަވަމުން ގެންދާ ރަތަފާ ދޫންޏެއް ފަދައިން ސިނާ އެދިމާއަށް ހިނގަމުން ދިޔައެވެ. އޭނާގެ އަތުގެ ތެރެއަށް އައެވެ. އޭނާގެ އުނގު ތެރެއަށެވެ. އޭނާގެ މަސްތީބެލުންތަކާ އެކު އެގަދަ އެނބުރޭ ރާޅުތަކުގެ ތެރެއަށް ސިނާ ވެއްޓެމުންދިޔައެވެ. އޭނާގެ ޑާންސް ހަރަކާތަކާއ އެއްވަރަށް ފަހި ހަމަ ކުރަމުން ގެންދިޔައެވެ. އޭނާ އެ ފުޅާ މަޑު އެނދަށް އުފުލާލައިގެން ގްރޭޓް ގެންދިޔައެވެ. އޭނާގެ ހިއްސުތަކުގައި ބީހެން ފެށިއެވެ.

ޖާވީ އޭރުވަނީ ޒީނިޔާގެ އަތާއި ހިތުގެ ގައިދުގައި ހައްޔަރުވެފައިވާ މައިނާ ދޫންޏެއްގެ ގޮތުގައެވެ. އޭނާ ބެހިގެން ގޮސްފައި މިވަނީ ފުންމިން ނޭނގޭ ޖިސްމާނީ ކަނޑެއްގެ ތެރެއަށެވެ. ފަތައިގަންނާކަށް ފީނާކަށް ބާރެއް ނުހިނގާ ގަދަ އެނބުރޭ ރޯޅިއެއްގެ ތެރެއަށެވެ.

އެނާޒްކު އަދި ފޮނިކަން އޭނާގެ ހަމަހޭވެރިކަން ގެއްލުވާލިއެވެ. އެހެންނަމަވެސް ސިނާގެ ޚިޔާލު އައިސް އޭނާގެ ކޮނޑުގައި ކޮއްޓާލިހެން ހީވިއެވެ. ބުނާއަޑު އިވުނުހެން ހީވިއެވެ. “ޖާވީ! ތިޔަ ކުރަނީ ކީތް؟”

އެއީ ޖާވީ ހޭލައްވާލި ސަބަބެވެ. އެރީތި ހުވަފެން، ސައިބޯނި ބޮތްކެއްހެން ފަޅައިގެން ދިޔައީ އެވަގުތުއެވެ.

ގަދަ ނިންޖަކުން ހޭލެވުނު ފަދައިން ސިނާ ކުއްލިއަކަށް ތެދުވީ ކީއްވެހެއްޔެވެ ؟ ކޯމާއެއްގައި އޮތުމަށްފަހު ހޭ އެރިހެންނެވެ. އޭނާގެ ކޮނޑުގައި މީހަކު ކޮއްޓާލިހެން ހީވިއެވެ. “ސިނާ، ތިޔަ ކުރަނީ ކީތްތަ؟ އެއަޑު އޭނާގެ ބޮލުގެ ތެރެއަށް ވަތް ގޮތެއްވެސް ނޭނގުނެވެ. އެއާއެކު އޭނާގެ ކުރިމަތީގައި ފެންނަށް ހުރި ހިތްގައިމު ޖާދުވީ ބާރު އެކުލެވޭ ގްރޭޓް ބިރުވެރި ފުރޭތައެއްގެ ސިފައިގައި ފެނުނީ ކީއްވެ ހެއްޔެވެ؟

ސިނާނާ ހަމަ ކުއްލިއަކަށް އޭނާގެ އަތްދަށުން ދެމިގެންފިއެވެ. އަދި އެތަނުން ބޭރަށް ނުކުތެވެ.ފަހަތުން ގްރޭޓް އާދޭހުގެ ރާގުގައި ގޮވަމުން ދިޔައެވެ. މިއީ ދޫނި ހިފާ ކުޅަދާނަ، އަދި މަޝްހޫރު ގްރޭޓްގެ އަތްދަށުން މިހާތަނަށް އުދުހިގެން ދިޔަ ހަމަ އެކަނި ދޫނި ކަމުގައި އޭނާއަށް ހީކުރެވުނެވެ.

ސިނާ އަވަސްގޮތަކުން އެނބުރި ރަށަށް އަތުވެއްޖެއެވެ. އަދި ޖާވީއަށް މެސެޖް ކުރިއެވެ. “އަހަރެން މިދަނީއެވެ.”

ސިނާއައި އިރު ޖާވީވެސް ހުރީ ގޭގައެވެ. އޭނާގެ އިންތިޒާރުގައެވެ. މީގެ ކުޑައިރުކޮޅެއް ކުރީން ގެނބެމުން ދިޔަ ފުންކަނޑުން އެއްގަމަށް އަރައިގެން އައިހެވެ.

ސިނާ ވެއްޓެމުން ދިޔަ ފުން ވަޅުގަނޑު ވަކީން ތިލައެއް ނޫނެވެ. އޮއިވަރު ވަކި ކުޑައެއް ނޫނެވެ. އެހެންނަމަވެސް އެކަން މިހާރު އެވަނީ މާޒީގެ ތެރެއަށް ދިއުމަށް ދޫކޮށްލެވިފައެވެ.

ސިނާވެސް އަދި ޖާވީވެސް އިތުރު ވާހަކައަކަށް ފުރުސަތެއް ނުދިނެވެ. ހިނގިއްޔާ ހިނގިކަމެއް މިހާރު އެވަނީ އަތުން ބީވެފައެވެ. އަދި ބޭނުމީ ހިތުންވެސް ފިލުވާލުމަށެވެ. ހަނދާނުން ވެސް މެއެވެ.

މިހާރު މިއޮތީ މިއާ ހަނީމޫން ފާހަގަ ކުރުމުގެ ވަގުތު އައިސްފައެވެ. ކާވެނީގެ އާއަހަރާއެކު އެހުރިހާ ކަމެއް ބިލާހަކަށް ވެގެން ދިއުމަށް ދެމީހުންވެސް މިވަނީ އަޒުމު ކަނޑައަޅާފައެވެ. ހަޔާތުގައި ބާކީއޮތް ދުވަސްތަކުގެ މިފަދަކަމެއް ތަކުރާރު ނުވާނެހެން ވެސް މެއެވެ.

އޭގެ ދުވަސްކޮޅެއްގެ ފަހެވެ. ޖާވީގެ ރަހުމަތްތެރިޔާއަށް އެންމެ ފަހުން ވަގުތެއް ލިބުނީ ދިގު ބަންދެއް އައިތަނާއެވެ. ހަމަޖެހިފައިވާ ގަޑި ޖެހުނުތަނާ ގޭގެ ބެލް ޖަހައިފިއެވެ. ދޮރުހުޅުވާލިއިރު ޖާވީގެ ކުރިމަތީ ހުރީ ނާޒިމެވެ. އެތައް ދުވަހެއްގެ ފަހުން ދެރައްޓެހިން އެންމެ ފަހުން ދިމާވުމުން ދައްކަން ހުރިހާކަމެއް ހަނދާން ނެތިގެން ދިޔައެވެ. އެންމެފަހުން ޖާވީ އޭނާގެ އަންހެނުން ސިނާ ނާޒިމަށް ތައާރަފް ކޮށްދިނެވެ. “ސިނާނާ، މިއީ ނާޒިމް . އަހަރެންގެ ބެސްޓް ފްރެންޑް. އެންމެ ބެސްޓް މީހާ، ދަގްރޭޓް! އެކަމަކު މީނައާ މެދު ސަމާލުވާތި.” އޭނާ އެނބުރި އިސްދަށަށް ޖެހިފައި ޝޮކެއް ލިބިފައި ހުރި އޭނާގެ އަންހެނުން ސިނާނާއަށް ބަލާލުމަށްފަހު ސަމާސާ ރާގަކަށް. “ ނާޒިމް، މިއީ އަހަރެންގެ ސްވީޓް ވައިފް، ސިނާ.”

ގްރޭޓް އެދަނޑިވަޅު ހުޝިޔާރު ކަމާއެކު އޭނާއަށް ލިބުނު ހައިރާންކަން ފޮރުވަން މަސައްކަތް ކުރިއެވެ. “މިއީ އަހަރެންގެ އަންހެނުން ނުހަނު ވަފާތެރި ޒީނިއާ.” އޭނާ ޒީނިޔާއަށް ޖާވީ ތައާރަފް ކޮށްދިނެވެ. “މިއީ ރީތި އަންހެންކުދިންގެ ހިތާ ކުޅުމަށް ދެވަނައެއް ނުވާ ޖާވީ. ކަލޭ ވެސް ސަމާލުވާތި.” އޭނާވެސް ދަނޑިވަޅުގެ ގޮތުން ކޮށްލީ ސަމާސާ އެކެވެ. އެހެންނަމަވެސް މިއަކީ އެއްވެސް ސަމާސާއެއް ނޫނެވެ. މި ސިއްރު މި ދެ ޖޯޑުގެ ދެމެދުގައި އޮތީ ވަރަށް ފުނުގައެވެ. އަދި އެހާވެސް ތިލަފަށުގައެވެ.

މިކަންތަކާ ކުރިމަތިލާނެ ގޮތެއް އެކަކަށްވެސް ނޭނގެއެވެ. އޮތްހވެސް ކަމަކީ އެމީހަކަށް އެކަނި އެނގޭ ސިއްރު ފުނުގައި ވަޅުލުމެވެ. އެއީ ބަޔާންކޮށް ހާމަކޮށްލެވޭ ވަރަށް ވުރެން މާ ހިތި އަދި ވޭނީ ސިއްރެއް ކަމުގައި ވާތީއެވެ.