English Edition
Dhivehi Edition

ޝަފީގާއަކީ ފަގީރު އާއިލާއެއްގެ ކުއްޖަކަށް ވިޔަސް، އޭނާއަކީ ރީތި ކުއްޖެކެވެ. އަދި މިހާރު އޭނައަކީ ފަގީރު ކުއްޖެއް ވެސް ނޫނެވެ. އެހެނީ އޭނާއަކީ ޕްްރައިވެޓް އޮފީހެއްގައި މަތީ މަގާމެއް އަދާ ކުރާ ކުއްޖެކެވެ. އެހެންކަމުން މި އަދު އޭނާވަނީ މައިންބަފައިންގެ ނުފޫޒުން ބޭރުވެ އޭނާ ބޭނުން ގޮތަކަށް އުޅުމަށް މިނިވަން ވެފައެވެ. އޭނާ ހިތްއެދޭ ސްޓައިލަކަށް އޭނާގެ އިސްތަށިގަނޑު ބައްޓަންކޮށް ކުލަ ޖައްސައި ބޭނުންކަހަލަ ހެދުމެއް އެޅުމަކަށް މިއަދަކު އެއްވެސް ހުރަހެއް ނެތެވެ.

ޒުވާން ފިރިހެންކުދީންގެ ހިތްތައް ކަތިލާފަދަ ފުރިހަމަ ހިނިތުންވުމެއް އޭނާއަށް ލިބިފައިވެއެވެ. އޭނާގެ އަސަރުގަދަ ނަޒަރު އަމާުޒު ކޮށްލެވޭ ކޮންމެ ފިރިހެން ކުއްޖަކު ވެސް އޭނާއަށްޓަކައި ފިދާވާން ތައްޔާރަށް ހުރެއެވެ. އޭނާގެ ފުންނާބު އުސް ފައިވާނުގައި ލައްވާލާ ކޮންމެ ބަނޑިއަކަށް އެފިރިހެންް ކުދިންގެ ހިތްތައް ނަށަމުންދާކަން އޭނައަށް އެނގެއެވެ. އެހެންނަމަވެސް އޭނާ އެމީހުންގެ މި ދީވާނާ ކަމާމެދަކު ކުޑަވެސް ފަރުވާލެއް ނުބަހައްޓައެެވެ. އޭނާ ބޭނުންވަނީވެސް އެގޮތަށް އެމީހުން ތަޅުވާލުމެވެ.

މިކަން މިހެން އޮތް ނަމަވެސް އޭނާގެ މުސާރައަކަށް ލިބެނީ މުޅިއެކު ހަސަތޭކަ ރުފިޔާއެވެ. އެއީ ސެކެޓްރީއަކަށް ލިބޭވަރަށް ވުރެން ބޮޑު މުސާރައެއް ނަމަވެސް އޭނާގެ ޚަރަދުތަކެއް އެއަކުން ނުކުރެވެއެވެ. އެންމެ ޕޮއިޒަން ސެންޓްފުޅިއެއް ގަނެލާ ރީތި ގަހަނާތަކާއި ރަންޕްލޭޓްލީ ގަޑި ގަނެވޭ ވަރެއް ނުވެއެވެ. އޭނާ ހަމަސްދުވަހު ރައްކާ ކުރި ފައިސާއިން ކިރިޔާ ގަނެވުނީ ބޭރަށް ދާއިރު އަޅާނެ ރީތި ހެދުމަކާއި ހައިހީލްސްއަކާއި ކަރުގައި އަޅާނެ ރަންފަށަކާއި ގަރޫޑާ ގަޑިއެކެވެ.

އޭނާއަށް ލިބޭ މުސާރަ އޭރާ ބަލާފައި ކުޑައެއް ވެސް ނޫނެވެ. އެހެނީ އޮފީސްތަކުގައި އުޅޭ ހުރިހާ ކުދިންނަށް ވެސް ލިބެނީ އެވަރުގެ މުސާރައެކެވެ. ތަފާތަކީ އޭނާގެ ޚަރަދު ބޮޑުކަމެވެ. އައިސްކްރީމަށާއި އެނޫން އެކަހަލަ ބޭނުމެއްނެތް ކަންތަކަށް މާގިނައިން ޚަރަދު ކުރާ ކަމެވެ. އަދި އޭނާ ހިތްކިޔާ ތަކެތީގެ އަގުވެސް ބޮޑު ކަމެވެ.

ރަޝީދަކީ ޝަފީގާ އޮފީހަށް ވަނީއްސުރެން ޝަފީގާއާ އެކު ޚާއްސަ ގާތްކަމެއް ބަހަށްޓަމުން އަންނަ މީހެކެވެ. އެކަމަކު އޭނާއަކީ މީހެއްގެ ފިރިއެކެވެ. ދެތިން ދަރިން ތިބުމާއެކު އަތްމަތި ދައްޗެވެ. އެކަމަކު އޭނާއަކީ އޮފީހުގެ ބަސްވިކޭ ރަނގަޅު މަގާމެއްގައި ހުރި މީހެއް ކަމުން އޭނާއާ ޝަފީގާ ގުޅިގެން އުޅުމުން ވާ ފައިދާތަކެއް އޮވެއެވެ. ބައެއްކަ ހަލަ ކަންތައް އޮފީސްތެރޭގައި ކުރުމަށް ފަސޭހަވެ ކުރެވޭ ކުށްތައް، މަތީ ފަރާތްތަކުގެ ސަމާލުކަމަށް ދިޔަނުދީ ހިފަހަށްޓާލަން ރަޝީދުގެ އެހީތެރިކަން އޭނައަށް ލިބެއެވެ.

ޝަފީގާއަށް އޭނާ ބޭނުންހާ ވަރަކަށް އޮފީހުން ބޭރުގައި އުޅެވެއެވެ. ބޭނުން ދުވަހަކު ސަލާމް ބުނެވެއެވެ. ގަޑިޖެހިގެން އަަޔަސް ގަޑީގެ ލާރިއެއް ނުކެނޑެއެވެ. މިހެން މިކަންތައް ހުންނާތީ ޝަފީގާގެ ފަރާތުންވެސް ރަޝީދަށް ދޭތެރެ ދޭތެރޭން އޭނާ ބޭނުންވާ ބައެއް ހަދިޔާ ލިބެއެވެ. ވަކީން ޚާއްސަކޮށް ދެމީހުން އެކަނި އޮފީހުގައި ކޮށްލަންޖެހޭ ޚާއްސަ މަސައްކަތް އޮންނަ ރޭރޭގައެވެ.

ރަޝީދަށް އެވަރުން ފުދެއެވެ. ފުދި އިތުރުވެސް ވެއެވެ. އެހެންކަމުން މި ގާތް ގުޅުމަކީ ދެމީހުންނަށް ވެސް ވަރަށް ބޭނުން ހިފޭ ގުޅުމެއްކަމަށް ވަނީ ވެފައެވެ. މިކަން ނުދަންނަ މުވައްޒިފަކު އޮފީހުގައި ނުވެސް އުޅެއެވެ. އެހެންނަމަވެސް އެ އެންމެންވެސް ރަޝީދު ދެކެ ޖެހިލުންވާތީ އެވާހަކަ ދައްކަނީ އަޑުނީވޭ ވަރަށް ސިއްރުންނެވެ.

ޝަފީގާއާ އެއް އުމުރެއްގެ އެއް ޚިޔާލެއްގެ ރައްޓެހި ކުދިންތަކެއް އޭނާއާ ގުޅިގެން އުޅެއެވެ. އެ ކުދިން ބުނާގޮތުން ދިވެހިންނަށް ވުރެން ހުރިހާގޮތަކުން ވެސް ބޭރުމީހުން މާ ރަނގަޅެވެ. މާ އޯގާވެރިވެފައި މާ ހެވެވެ. ބޭނުންހާ އެއްޗެއް ހޯދައިދެވޭވަރުގެ ތަނަވަސްކަން ހުރެއެވެ. ދީފައިވާ މިނިވަންކަން ވެސް އެހާ ބޮޑެވެ.

މި ކުދިންގެ ތެރޭން ޝަފީގާގެ އެންމެ އެކުވެރި ސައީދާ ނޫން ހުރިހާ ކުދިން އަދި ތިިބީ މީހުނާ ނީނދެއެވެ. ސައީދާ ހުރީ އޭނާގެ ފިރިމީހާ އެންޑްރޫއާއެކު ލަންޑަނުގައެވެ. އޭނާގެ ދެ ދަރިންވެސް މިހާރު އެބަތިއްބެވެ. އެކުދިން ދާދިފަހުން ޗުއްޓީއަކަށް އައިސް ތިބި އިރު ޝަފީގާއަށް ވަނީ ފެނިފައެވެ. އާދައިގެ ދިވެހި ކުދީންނަށް ވުރެން ދޮން މިކުދިންގެ ބޮލުގެ އިސްތަށިގަނޑުގައި ހުންނަނީ ވެސް ރަން ކުލައެވެ. އެކުދިން ސައީދާގެ ގާތުގައި “މަމީ އައިލަވްޔޫ” އޭ ބުނެލާ އަޑާއި އަދި ވާހަކަ ދައްކާ ލަންޑަންގެ ރީތި މަޚުރަޖަ އިވުމުން ޝަފީގާގެ ހިތް ދަނީ ތެޅިގަނެގެންނެވެ. އޭނާ ހަމަ އެދު ވަހު ބޭރު މީހަކާ އިނުމަށް ގަސްތު ކޮށްފިއެވެ.

ޝަފީގާ ބޭރުމީހަކަށް ތައާރަފްވާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ވޮލަންޓިއަރ ޓްރޭނިން ސެންޓަރަށް އައިސް ހުރި ވެލްޑިންގެ އިންސްޓްރަކްޓަރަކާ އޭނާ ވަރަށް ފަސޭހައިން ގުޅާލައިފިއެވެ. އެއީ ސްކޮޓްލެންޑްގެ މީހެއްކަމަށްވާ ސްޓީވް ހެންކޮކް އެވެ. އޭނާ އެންޑްރޫހާ ޒުވާންވެފައި ހެންސަމް ނޫނަކަސް އޭނާއަކީ ޔޫރަޕްމީހެކެވެ. އަދި ތަނަވަސް ވެސް މީހެކެވެ.

ޝަފީގާ އޭނާއާ ފުރަތަމަ ބައްދަލުވީ ދުވަހުވެސް ދެމީހުން އެކީގައި ހައި ސްޕީޑް ލޯންޗެއްގައި ފުރައިގެން ދިޔައީ ފުރަނަ ފުށްޓަށެވެ. ޝަފީގާ ހިތް ރުހޭހާ ކެއުމަކާއި ބުއިމެއް އޭނާ ޝަފީގާއަށް ގެނަސް ދިނެވެ.

އެއީ ހުކުރުވިލޭރޭ ކަމުން ދެމީހުން ރިސޯޓްގައި ވަރަށް ގިނަ އިރު މަޖާ ކުރުމާއި އުފާކުރުމުގައި ހޭދަ ކުރިއެވެ. ނިދަން ދިޔައީވެސް ދެމީހުން އެކީގައި އެއް ކޮޓަރިއަކަށެވެ. އެހެނީ އޭނާ ހުރީ ކޮންމެ ގޮތަކުން ނަމަވެސް ސްޓީވްގެ ހިތް ހާސިލް ކުރުމަށް އަޒްމް ކަނޑައަޅައިގެންނެވެ.

އެދުވަހާއި އެރޭ ވެސް ޝަފީގާ ހޭދަކުރީ ސްޓީވްއާއެކު ލިބެން އޮތްހާ އުފަލެއް ހާސިލް ކުރުމުގައެވެ. މާލެ އައީ ހޮނިހިރު ދުވަހުގެ ވަރަށް ހެނދުނާއެވެ. އެއީ އެދުވަހު ދެމީހުންވެސް އޮފީހަށް ނުކުންނަން ޖެހޭތީ ވެސް މެއެވެ.

ޝަފީގާ އެދުވަހަކު އޮފީހަކަށް ނުނިކުމެއެވެ. ބޮލުގައި ރިއްސާވަރުންނެވެ. އެހެންވެ އެ ދުވަހާއި އެރޭ އެއްކޮށް އޭނާ ނިދީއެވެ.

މެންދުރު އޮފީހަށް އައި އިރު ހުރީ ނިދިފިލާފައެވެ. އެހެންނަމަވެސް ވަރުބަލިކަމެއް ނުފިލައެވެ. މޫނުމަތިވަނީ މިލާ މޯޅިވެފައެވެ. އެދުވަހު ރަޝީދަކާ ވެސް އޭނާ މާގިނަ ވާހަކައެއް ނުދައްކައެވެ. ހީވަނީ އެންމެން ދެކެވެސް އޭނާ ފޫހިވެފައި ހުރިހެންނެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. މިހާތަނަށް އޭނާ ދެކެމުން އައި ރީތި ހުވަފެން މިއަދު ވަނީ ހަގީގަތަކަށް ވެފައެވެ. މިއަދު އޭނާ މި އޮފީހުގައި މިހެން އިނަސް ދާދި އަވަހަށް އޭނާ ހުންނާނީ ޔޫރަޕްގައެވެ. ލަންޑަނުގައި ހުރި ސްޓީވްގެ ގޭގައެވެ. އެދެމީހުން ހަނީމޫނަށް ދާނީ ޕެރިހަށެވެ

.މި ޚިޔާލުތައް ކުރެވެން ފެށުމުން އޭނާ ސްޓީވްގެ މަތީން ހަނދާންވިއެވެ. ސްޓީވްއަށް ފޯނުން ކޮށްލަން ބޭނުންވިއެވެ. އޭނާ ދެކެ ލޯބިވާވަރު ހާމަ ކުރުމަށެވެ. އޭރު ޝަފީގާވަނީ އޭނާގެ ފޯންނަމްބަރ ސްޓީވަށް ދީފައިވެސް މެއެވެ. އެއީ އޮފީހުން ގުޅޭ ނަމްބަރާއި ގޭދޮށު ގެއެއްގެ ފޯނު ނަމްބަރެވެ. އެހެން ނަމަވެސް ސްޓީވްގެ ފޯނެއް އަދިވެސް ނާދެއެވެ. ޝަފީގާގެ އަތުގައި ސްޓީވްގެ ފޯންނަމްބަރެއް ނެތްކަންްް ހަނދާންވީ ދެނެވެ. އެހެން ނަމަވެސް ވީޓީސީގެ ނަމްބަރު އޭނާ ޑައިރެކްޓަރީ ބަލައިގެން ހޯދައިފިއެވެ. އޭނާ އެތައް އިރެއްވަންދެން ގުޅިފަހުން އެންމެފަހުން އަންހެން ކުއްޖަކު އެފޯނު ނަގައިފިއެވެ. ޝަފީގާ ކުޑަކޮށް ނުތަނަވަސް ވެފައި ހުރެމެ ސްޓީވްއާ ގުޅިދާނެތޯ އަހައިފިއެވެ. އަންހެން ކުއްޖާ ފޫހި ރާގަކަށް ބުންޏެވެ.
“ސްޓީވް މިވަގުތު ހުރީ މަސައްކަތެއްގަ. ތީ ކާކުތަ؟”

ޝަފީގާ ނަން ބުނާކަށް ބޭނުމެއް ނުވިއެވެ. ފަހުން ގުޅާލާނަމޭ ބުނެފައި އޭނާ ފޯން ކަނޑާލިއެވެ. އެދުވަހު ބާކީ އޮތް ވަގުތުތަކާއި އެރޭވެސް ޝަފީގާގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ.

އޭގެ އަނެއް ރޭ ޝަފީގާއާ ބައްދަލުކުރަން މީހަކު އައިސް ހުރި ވާހަކަ މީހަކު އައިސް ބުނުމުން އޭނާގެ ހިތް އަވަސްވެގެން ދިޔައެވެ. އެވާނީ ސްޓީވްކަމަށެވެ. އޭނާ ހިތަށް އެރިއެވެ. އޭނާ އަވަސް އަވަހަށް މޭކަޕް ކޮށްލައި ލިޕްސްޓިކް އުނގުޅައި ހޭވިފައިވާ އިސްތަށިގަނޑު ރީތި ކޮށްލައިގެން ނުކުތެވެ. ސްޓީވް އޭނާގެ މަތީން ހަނދާން ނައްތާލިކަމަށް ހީވީ އޭނާގެ ޝައްކާއި ވަހުމުގެ ސަބަބުންނެވެ. އެހެންވެ އޭނާ ކޮޓަރިތެރެވެސް ކުޑަކޮށް ރީތިކޮށްލިއެވެ. އެކަމަކު ސްޓީވް ބައިންދަން ކަމުދާވަރުގެ ތަނެއް އެގެޔަކު ނުވެސް ނެތެވެ. ތެޅިތެޅި އޮތް ހިތަކާއެކު އޭނާ ނުކުތީ ދައްކާނެ ވާހަކަތައް ހިތުގައި ރާވަމުންނެވެ. މިގޭ މީހުންގެ ކުރިމަތީގައި ޔޫރަޕްގެ މީހަކާ ސަލާމް ކުރަންވާ ގޮތަކަށް ނުވެސް ކުރެވޭނެޔޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ ދޮރުހުޅުވާލިއިރު ފެންނަން ހުރީ ޒިޔާދެވެ.

“އަހަރެން ކޯސް ނިންމާލާފައި މާލެއައީ މިއަދު.” ޒިޔާދު ބުންޏެވެ.” ގެޔަށް ދަބަސް ލާފައި ފުރަތަމަވެސް މިއައީ ޝަފީގާއާ ބައްދަލު ކޮށްލަން.”

ޒިޔާދަކީ ސްކޫލް ދައުރުގައި އޭނައާ ފުރަތަމަ ގުޅުނު ކުއްޖާ އެވެ. އޭނާގެ އެގުޅުން ދާނެ އެންމެ މައްޗަކަށް ދިޔައެވެ. އެހެންނަމަވެސް ކާވެންޏަކާ ހިސާބަށް ނުގޮސް އޮތީ ދެމީހުންގެ ކިޔެވުން ނުނިމޭތީއެވެ.

ޒިޔާދު ކޯހުގައި ދިޔަ ފަހުންވެސް ބަރާބަރަށް ސިޓީ ފޮނުވަމުން ގެންދިޔައެވެ. ޒިޔާދަކީ އިސްކޮޅުން ދިގު ރީތި ހަށިގަނޑެއްގެ ވެރި ހަރަކާތްތެރި ޒުވާނެކެވެ. ޒިޔާދަށް ސިޓީ ފޮނުވުން ހުއްޓާލީ ޝަފީގާއެވެ. އޭނާ އޮފީހަށް ވަނުމާއެކު ފެންނަން ފެށި އެހެން ޒުވާނުންތަކާ ބަލާއިރު ޒިޔާދަކީ ގަދަ ކުލައެއް ހުރި މީހަކަށް ނުވިއެވެ. އެ ގުޅުން ކުރިޔަށް ގެންގޮސްފިނަމަ ހަޔާތުގެ ބައިވެރިޔަކަށް އޭނާއަށް ލިބޭނީ ޒިޔާދު ކަހަލަ އާދައިގެ މީހެކެވެ. ވަކިން ޚާއްސަކޮށް ބީރަށްޓެއްސެކެވެ.

“އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟” މިހެން ޒިޔާު ބުނީމާ ޝަފީގާއަށް ސިހުން ލިބުނެވެ.

“ނޫން ވަންނަވާ!” ޝަފީގާ މިހެން ބުނި އަޑުގައި ވަނީ ދުރުކަމެވެ. އެހެނީ ސްޓީވް އަތުވެދާނެތީ އޭނާ ހުރީ ކަންބޮޑުވެފައެވެ. އެހެންވެ އަވަހަށް ޒިޔާދު އައި ބޭނުމެއްގެ ވާހަކަ އަހާލިއެވެ.

“އަހަރެން އައި ބޭނުން ވަރަށް ކުރުކޮށް ބުނެލާނަން.” ޒިޔާދު ބުންޏެވެ. “ޝަފީގާ އަހަންނަށް ސިޓީ ފޮނުވުން ހުއްޓާލިޔަސް ޒަމާންތަކަކަށް ގުޅިފައިވާ ގުޅުމެއް އެހާ ފަސޭހައިން ހިތަކުން ނުފިލާނެ. އަހަރެން މިއައީ އެގުޅުން އަލުން އާ ކުރުމުގެ ބޭނުމުގައި. އަހަންނާ ގުޅާނެ ގޮތް ޝަފީގާއަށް އަދި ހަނދާނެއް ނުނެތޭނެ. ހަމަ އެކަނި މިހެން ބުނެލަން.” ޒިޔާދު ނުކުމެގެން ދިޔަތާ އެތައް އިރެއްވީ އިރުވެސް ޝަފީގާ އެދިމާއަށް ބަލަހަށްޓައިގެން ހުއްޓެވެ.

.ޒިޔާދަކީ ޝަފީގާ ހީކުރި ކަހަލަ އާދައިގެ މީހަކަށް ނުވިއެވެ. ސްކޫލް ނިމުނު އިރުވެސް އޭނާ ވަނީ 9 މާއްދާއިން އެއްވަނަ ހޯދާފައެވެ. ކޯހުގައި އޭނާ ދަސްކުރީ ސިވިލް އިންޖިނިއަރިންގ ކަމުން އޭނާއަށް މިހާރު ވަރަށް ބޮޑު މުސާރަ ލިބޭ މުހިންމު މަގާމެއް ވެސް ވަނީ ލިބިފައެވެ. މިހާރު އޭނާއަށް މާލޭގައި ކިތަންމެ ރަނގަޅަށް ވެސް އުފާވެރި ދިރިއުޅުމެއް އުޅެވޭ ވަރުވެއެވެ. މިކަން މިހެން އޮތް ނަމަވެސް ޝަފީގާގެ ހިތް މިހާރަކު ހުހެއް ނޫނެވެ. އޭނާއަކީ ޔޫރަޕް މީހެއްގެ ގަރލްފްރެންޑެކެވެ. މުސްތަގްބަލްގައި އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. އެހެން ކަމުން މިއަދު އޭނާއަށް ދެވެން އޮތް ޖަވާބަކީ “ސޮރީ” އޭ އެވެ.

އޭގެ ފަހުން ސްޓީވްއާ ޝަފީގާ ބައްދަލުވީ ޖެހިގެން އައި ދުވަހުއެވެ. އޭރު އޭނާއާއެކު ބޭރުގެ ދެތިން މީހުންވެސް ތިއްބެވެ. އަދި ސްޓީވްއާ ވަރަށް ގައިގޯޅިކޮށް އޭގެ ތެރޭން ބޭރުގެ ދޮން ކުއްޖަކު އުޅެއެވެ. މިތަން ފެނުމުން ޝަފީގާގެ ހިތުން ވިންދެއް މަދުވިއެވެ. އެހެން ނަމަވެސް ޔޫރަޕްގެ މީހުންނާ ގުޅިގެން އުޅެވޭނީ މިކަހަލަ މަންޒަރުތަކަށް ކެތްތެރިވެގެން ކަން އޭނާއަށް އެނގެއެވެ. އޭނާ ކަންބޮޑު ނުވާކަން ދައްކަމުން ސްޓީވްއާ ކާރިއަށް ޖެހިލިއެވެ. ސްޓީވް އޭނާގެ އެކުވެރިންނަށް ޝަފީގާ ތައާރަފް ކޮށްދިނެވެ. ” ޖޭން، ދިސް އިޒް މިސް.. މިސް ރަޝީދާ!”

“ޝަފީގާ.” އޭނާ އަވަހަށް ރަނގަޅު ކޮށް ދިނެވެ. އޭނާގެ ނަން ސްޓީވްއަށް ހަނދާން ނެތުނީތީ އޭނާ ދެރަވިއެވެ.

އެހެންވެދާނެއެވެ. ބޭރު މީހެކެވެ. އެހެންނޫނަސް އެދުވަހަކު އެހާ ރަނގަޅަކަށް ނަމެއް ހަނދާނެއް ވެސް ނުވާނެއެވެ. އެދުވަހު ސްޓީވް އޭނާއަށް މުޚާތަބް ކުރަމުން ދިޔައީ މުޅިންވެސް “ޑާރލިންގ” ނުވަތަ “ހަނީ” ނުވަތަ “ޑިއަރ” މިކަހަލަ ނަމަކުންނެވެ.

ތައާރަފުގެ މި ވަގުތުކޮޅަށް ފަހު ސްޓީވްއާ އެެންމެން އެކީ ދިޔައީ ކެއުމަކަށެވެ. ހޮޓެލް އެލިޔާ އަށެވެ. އެހެން ނަމަވެސް ކެއުމުގެ ތެރޭގައި އަދި އޭގެފަހުންވެސް އޭނައަކަށް ސްޓީވްއާ އެކަހެރިކޮށް ބައްދަލެއް ނުވެއެވެ. ސްޓީވްގެ އެންމެ ކާރީގައި ޖައްސާފައި އިންނަނީ ޖޭންއެވެ. އެހެންކަމުން އޭނާއަށް ފޯން ނުކުރަނީ ކީތްވެހޭ ވެސް އަހައެއް ނުލެވުނެވެ.

ޝަފީގާ އެނބުރި ގެޔަށް އައީ ވަރަށް ވެސް ނުތަނަވަސް ހިތަކައިގެންނެެވެ. ސްޓީވްއާ އެކަހެރިކޮށް ބައްދަލު ނުވެވުމަށް ވުރެން އޭނާ ކަންބޮޑުވީ ސްޓީވް އޭނާއަށް ސަމާލުކަމެއް ނުދޭކަން ފާހަގަ ވުމުންނެވެ. ވަކިވުމުގެ ކުރިން އޭނާ ބުނެލީ ހަމައެކަނި “ސީޔޫ” މިހެންނެވެ. އެކަމަކު ފަހުން ބައްދަލުވާނަމޭ ބުނުމުން އެއީ އޭނާގެ ހިތަށް ލިބުނު ކުޑަ އުންމީދެކެވެ. މާދަމައަކީ ބުރާސްފަތި ދުވަހެވެ. އެހެންވެ އޭނާ ނިންމީ ތަންކޮޅެއް އަވަހަށް ތެދުވުމަށެވެ. ސްޓީވް މަސައްކަތް ނުފަށަނީސް ފޯނުން ގުޅޭތޯ ބެލުމަށެވެ. އަދި މާދަމާރޭ ކޮންމެ ވެސް ރިސޯޓަކަށް ދެމީހުން އެކަނި ދާން ނިންމާނީއެވެ. އެހެންވެ އެރޭ ތަންކޮޅެއް އަވަހަށް އޮށޯވެ ނިދޭތޯ މަސައްކަތް ކުރިއެވެ.

ނިދަން އުޅުނު ވަރަކަށް ނިދި ދިޔައީ ދުރަށެވެ. އެންމެފަހުން ނިދުނީ ފަތިސްވީ ފަހުންނެވެ. އެހެންކަމުން ހެނދުނު އޮފީސް ހުޅުވުނު އިރުވަސް އޭނާ އޮތީ ގަދަ ނިދީގައެވެ.

ޝަފީގާއަށް ފޯނެއް އައިސް އޮތް ވާހަކަ އިވުމުން އޭނާއަށް ހޭލެވުނު ގޮތްވެސް ނޭނގުނެވެ. އަވަހަށް މޫނުގައި ފެން ފޮދެއް ހާކާލައިގެން ޖެހިގެން ހުރިގެއަށް ހިނގައްޖެއެވެ. އޭނާގެ ހިތް ތެޅެމުން ދިޔައެވެ. ސްޓީވްގާތު އޭނާގެ ހިތުގެ ޝުއޫރުތައް ބަންޑުން ކޮށްލާނެ ގޮތެއް ވިސްނަމުން ދިޔައެވެ. އަވަހަށް އޭނާ “ހެލޯ” އޭ ބުނި އިރު އޭނާގެ އަޑުގައި ހުރި ބަރުކަމާއި ކުރަކިކަން އޭނާގެ ކަންފަތަކަށް ވެސް ފަސޭހައެއް ނުވިއެވެ. އަނެއްކޮޅުން އިވުނީ ދިވެހި ބަހުން ހެލޯއޭ މީހަކު ބުނި އަޑެވެ. އޭނާ ވީ ނާއުންމީދުން ހިތް މޮޅިވެގެން ދިޔައެވެ. “މީ ޒިޔާދު. މި ގުޅާލީ މިރޭ އަހަރުމެންގެ ގޭގައި އޮންނަ ކުޑަ ކެއުމަކަށް ދައުވަތު ދިނުމަށް. އެއީ އަހަރެންގެ އާ ވަޒީފާގެ އުފަލުގައި އޮފީސް އެންމެނާއި ޚާއްސަ ރައްޓެހިންނަށް ދޭ ކެއުމެއް.”

ޝަފީގާގެ މެޔަށް ފިނިވެގެން ދިޔައެވެ. މިރެއަކީ އޭނާ ރިސޯޓަށް ދާން ރާވާފައިވާ ރެއެކެވެ. ޒިޔާދުގެ ގެޔަށް ދެވޭނީ ކިހިނެއްހެއްޔެވެ؟ ޒިޔާދު ކޮންމެހެން މިގަޑީގައި އޭނާއަށް ފޯންކޮށް އެ އުނދަގޫ ކުރީ ކީއްހެއްޔޭ ހިތާހިތުން ޝަކުވާ ކުރެވުނެވެ. ޝަފީގާ ވަަރަށް ނުރުހިއްޖެއެވެ. އޭނާ ވަރަށް ފޫހި ރާގަކަށް ބުންޏެވެ.

“ސޮރީ”

“ސޮރީއޭތަ؟” ޒިޔާދު ފިނި އާހެއް ދޫކޮށްލިއެވެ. “ތީގެ މާނައަކީ އަހަރެން ކުރީދުވަހު ކުރި ސުވާލުގެ ޖަވާބަކީވެސް ތިއީ ދޯ؟”

“އާނ!” މިހެން ޖަވާބު ދީފާނަމޭ ޝަފީގާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ޒިޔާދަކީ އޭނާގެ އެއް އިރެއްގެ ބޯއިފްރެންޑެވެ. އެހެންނަމަވެސް މިއަދު އޭނާއަށް މިވަނީ ޒިޔާދަށް ވުރެން މާރަގަނޅު މީހަކު މަތިވެފައެވެ. އެ ދެމެދަށް ޒިޔާދު ވަދެއްޖެނަމަ އޭނާ ދެކެމުން އައި ރީތި ހުވަފެން އަބަދަށްޓަކައި ފުނޑުފުނޑު ވެދާނެއެވެ.

“ޝަފީގާ! ސާފުކޮށް ޖަވާބު ދީބަލަ. ނޫނީ އަހަރެންގެ ފަރާތުން މި ސުވާލު ތަކުރާރުވަމުން ދާނެ.”

ޝަފީގާއަކަށް މިކަމަކަށް ސާފު ހައްލެއް މިވަގުތަކު ފެންނާކަށްޖަވާބެއް ދެވޭކަށް މިހާރަކު ނެތެވެ. މި ވަގުތު އޭނާއަށް މުހިއްމީ ސްޓީވްއާ އޭނާގެ ގުޅުން އެކަންޏެވެ. މި ގުޅުމުގެ ތެރެއަށް އެކަކުވެސް ވެއްދުމަކަށް ޝަފީގާ ބޭނުމެއް ނުވެއެވެ. އެހެންވެ އޭނާ އަވަހަށް ފޯން ކަނޑާލިއެވެ.

އޭނާއަށް މި ކުރެވުނު ކަންތަކުގެ ރަނގަޅު ނުރަނގަޅު ވިސްނާކަށް އޭނާ މިވަގުތު ބޭނުމެއް ނުވިއެވެ. ދެން އޭނާ ސްޓީވްގެ ނަމްބަރަށް ގުޅާލިއެވެ.

“ހޫޒް ސްޕީކިންގ ޕްލީސް.”

“ޝަފީގާ”

“ސޮރީ އައެމް ބިޒީ!”

ދެން އިވުނީ ފޯން ކަނޑާލި އަޑެވެ.

ހީވީ ޝަފީގާގެ ހިތުން ހިމަ ނާރުތަކެއް ބުރިވި ހެންނެވެ. އެ ދުވަހާއި އެރޭ ވެސް ޝަފީގާ ހޭދަކުރީ ކޮޓަރިތެރޭގައެވެ. އޮފީހަށް ދާން ނުކުންނާނެ ހިތްވަރެއްވެސް ނެތެވެ. މީހަކާ އަނގައިން ބުނާގެ ހިތްވަރެއް ނެެތެވެ. އަމިއްލަ ޚިޔާލުތަކާ ހަނގުރާމެ ކުރާނެ ބުއްދިއެއްވެސް ނެތެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް ދެމީދާ ފެހުނީއެވެ. ނޫނެކެވެ. އޭނާ ފެހީ އެންމެ މީދަލެކެވެ. އެކަމަކު އެއީ ދޮން މީދަލެކެވެ. ކަޅު މީދާ އައީ މަތިން ބައިން ނެވެ. އަސްލުގައި އޭނާ އެ ދެމީދާވެސް ބޭނުމެވެ. ދޮނަކަސް ކަޅަކަސް މިވަގުތު އޭނާ މީދަލެއް ބޭނުމެވެ. އެހެންނަމަވެސް އޭނާއަކަށް ދެން ޒިޔާދަކާ ގުޅެވޭކަށް ނެތެވެ. މިއަދު ކަންތައް ކުރެވުނު ގޮތުންވެސް ދެން އޭނާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟މިހާރު އޭނާގެ ކެއުމުގެ ހަފްލާ ކުރިއަށް ދާނެއެވެ. ލަވަޖަހާނެއެވެ. މީރު ކާއެއްޖެހި ކާނެއެވެ. އެންމެން މަޖާ ކުރާނެއެވެ. އެހެންނަމަވެސް އޭނާ މި އޮންނަން ޖެހުނީ އެކަނިވެރިވެފައެވެ. ފޫހިވެފައެވެ. ބަނޑުހައިވެފައެވެ.

ޝަފީގާގެ ރައްޓެހި ތުނާއާއި ޕަރީ އައިސް ގޮވާލީ އެރޭ 11 ޖެހި އިރު އެވެ. އެމީހުން އައީ ޒިޔާދުގެ ޕާޓީ ނިންމާފައެވެ. އޭނާއަށް ދޭން ހެދިކާ ކޮޅެއްވެސް ގެނައެވެ. އެ ދެމީހުން ވެސް އޭނާއާ ކުރީ އެއް ސުވާލެކެވެ. ޒިޔާދުގެ ޕާރޓީއަށް ނުދިޔައީ ކީއްވެގެން ހެއްޔެވެ؟

” އަހަރެން ބޮލުގާ ރިއްސާތީ.” ޝަފީގާ ދޮގެއް ހަދާލިއެވެ.

މިއަކީ ތެދެއް ނޫންކަން އެމީހުންނަށް ވެސް އެނގޭ ވަރުވެއެވެ.

“މިރޭ ހަމަ ދާހިތެއް ނެތީ.”

” އަހަރުމެން ހީކުރީ ސްޓީވްއާ އެކީ ރިސޯޓަށް ދާން ވެގެން ކަމަށް. އެކަމަކު ސްޓީވް ދިޔައީ ޖޭންއާ އެކީކަން އެނގުމުން އަހަރުމެން މިއައީ ކަލޭ އުޅޭނެކަން އެނގޭތީ.”

މި އިބާރާތްކޮޅު އިވުމުން ޝަފީގާގެ ހުވަފެން ކުނޑިކުނޑި ވެގެން ދިޔައެވެ. އޭނާ އިނގިރޭސި ވިލާތުގެ ރައްޔިތަކަށް ވުމުގެ އުންމީދުތައް ބުރަބުރައިގެން ހިނގައްޖެއެވެ.

“ޝަފީގާ! ހާސްވަނީ ކީއްވެ؟ ބަގީޗާއެއް އޮވެއްޖެއްޔާ މާ ބިންނާނެ މީހުން ވާނެ.” ޕަރީ ހިތްވަރު ދިނެވެ. ” އެކަކު ނެތިއްޔާ އަނެކަކު ހުންނާނެ. ”

“އަހަރުމެން ޝަފީގާހާ ރީތި ނަމަ ކުޅިކުޅެލާ ދައްކާ ދޭނަން. ” ތުނާ ބުނެލިއެވެ. “އެހެރީނު ޒިޔާދު އައިސްފަ. އަލުން ގުޅާލަންވީނު.”

އޭނާގެ އެކުވެރިންގެ ހިއްވަރު ލިބުމުން ޝަފީގާއަށް ކުޑަ ހަމަޖެހުމެއް އައެވެ. ތެދެކެވެ. އޭނާއާ ރައްޓެހިވާން އެދޭ މީހުންގެ ލިސްޓް ދިގުކަން އޭނާއަށް އެނގެއެވެ. އޭގެ މީހަކަށް އޭނާ ދޭން ޖެހޭނީ ބައި ޗާންސެކެވެ. އެމީހުން އެ ޗާންސު ކޮޅާ ދިމާއަށް ދުވެފަ އަންނާނެއެވެ. ޝަފީގާ ހިތާހިތާ ހިނިތުންވެލިއެވެ. އެއީ އެއްވެސް ކަމެއް ނޫނެވެ. މާދަމާ އޭނާ ހުންނާނީ ކުރިއަށް ވުރެން މާ ކުރީގައެވެ. ފިރިހެނުންގެ ހިތްތައް ގަތުލުކުރަން އޭނާއަށް އެނގެއެވެ. ޔޫރަޕް މީހެއް ކީއްކުރަން ހެއްޔެވެ؟ އެމެރިކާގެ ފިރިހެނުން ވެސް އޭނާގެ ފައިތިލަ ދަށަށް ތިރިކުރުވާނަމެވެ. އެނގިދާނެތާއެވެ.

 

އަނެއް ދުވަހު އޮފީހަށް ދިއުމަށް ޝަފީގާ ތައްޔާރުވެލީ އެހެން ދުވަސްދުވަހާ ތަފާތު ޒީނަތްތެރިކަމަކާ އެކުގައެވެ. އެދުވަހު އޭނާލީ ގަޔަށް ބާރު ޓޮޕެކެވެ ބާރު ޖީންސެކެވެ. ޓޮޕްގެ ބުރަކަށްޓާ ދިމާއިން ހާމައަށް ހުންނަ ބައި ބޮޑުކަމަށް އޭނާގެ ޒަމާނީ ރައްޓެހި ކުދިންވެސް އޭނާގާތު ބުނެފައިވެއެވެ. އެހެންނަމަވެސް އޭނާ އެހެދުން އެ އަޅަނީ ވަކި މަގްސަދަކަށެވެ. ދުރުދުރުގައި ގޮށް ހަރުކޮށްފައި ހުރި ޓޮޕްގެ މަތީގޮށް ނާޅުވާ ހުރީވެސް ގަސްތުގައެވެ. އަދި އަންނަ މަހުގެ މުސާރަ ލިބުނީމާ ގަނެވެންދެން ޚަރަދު ކުޑަކޮށް ޖަހަމުން އައި ޕޮއިޒަން ސެންޓްފުޅީގެ ބޮޑު ބައެއް މުޅި ގަޔަށް ޖަހާލީވެސް ގަސްތުގައެވެ. މޭކަޕް ނުކޮށް ހުންނަ އިރުވެސް ޝަފީގާގެ މޫނު ވަރަށް އޮމާނެވެ. އަދި ތުންފަތުގައި ވެސް ގުދުރަތީ ފިނިފެންމާ ކުލައެއް ހުންނަކަމަށް އޮފީހުގެ އަހުމަދު އެއްދުވަހު ބުނެލި ހަނދާން ވެއެވެ.

އަހުމަދަކީވެސް ފުރިހަމަ ފިރިހެން ކުއްޖެކެވެ. ޖީސީ ނިމިގެން އޮފީހަށް ވަނީ ބޮނޑް އޮތީމައެވެ. އޭނާވަނީ ކޯހެއްވެސް ފުރިހަމަ ކޮށްފައެވެ. ފެށުނީއްސުރެން އޭނާއަކީ ޝަފީގާ އާ މެދު ޚާއްސަ ގޮތެއް ބަހަށްޓާ މީހެއްކަން އެނގެއެވެ. ޝަފީގާ އޭނާއާ މެދު މިފަދަ ގުޅުމެއް ނުބާއްވާފައިވަނީ އޭނާއަކީ ވެސް ބީރަށްޓެހި ރަށެއްގެ މީހެއް ކަން އެނގޭތީއެވެ. އެހެންނަމަވެސް އޭނާ ވަނީ ޝަފީގާއާ އާ އެކު ދިރިއުޅުމުގެ ރޮނގުގައި ކުރިޔަށް ދިއުމަށް ބޭނުންވެފައިކަން އެނގެއެވެ.

މިއަދު އޭނާ ބޯ އޮމާން ކޮށްލީ އަހުމަދަށް އެންމެ ފާހަގަ ކުރެވޭނެހެން ޕްރިންސަސް ޑައާނާގެ ސްޓައިލަށެވެ. އަހުމަދަށް ކަމުދަނީ އޭނާގެ އިސްތަށިގަނޑުގެ އަސްލު ކުލައެވެ. އެކަމަކު އޭނާ ވަނީ ދޮން ކުދިންގެ ހުންނަހެން ބްލޮންޑް ކޮށްލާފައެވެ. އޭނާގެ ތުންފަތުގައި މިއަދު ހާކާލީ ރެވްލޮންގެ ރޯޒް ކުލައިގެ ކުލަގަދަ ލިޕްސްޓިކެކެވެ.

ގަޑިޖެހެން ކާރިވެފާ ވުމާއެކު އޭނާ ރީތިވުމުގެ ކަންތައް ނިންމާލާފައި ލޯގަނޑުން ބަލާލިއެވެ. މިއަދު އޭނާގެ ރީތިކަން ފާހަގަ ނުކުރެވޭނެ އެއްވެސް ފިރިހެނަކު ނުހުންނާނެ ކަން ޔަގީންވެ ހިތްހަމަ ޖެހިގެން ދިޔައެވެ. އޭނާގެ އާ ހައި ހީލަށް އެރީވެސް އެރީތިކަން އިތުރަށް ފުރިހަމަ ކޮށްލުމަށެވެ. އޭނާގެ ލިޒަޑް ހަމުގެ ހޭންޑްބޭގް ހިފައިގެން ނުކުންނަމުން ވެސް ބޭއިޚްތިޔާރުގައި މޫނުބަލާ ލޯގަނޑާ ދިމާއަށް ބަލާލެވުނެވެ. އެއާއެކު ހިތްހަމަ ޖެހުމުގެ ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ދުވެލިއެވެ.

ބޭރު ދޮރާށްޓާ ހަމަޔަށް ދިއުމުގެ ކުރީގައި ޝަފީގާގެ މޫނުގައި ފެންތިއްކެއް ޖެހުނުހެން ހީވިއެވެ. ދޮރާށިން ބޭރަށް ނުކުމެ އަޅާލިފައި އެޅުނީ ނުވަ އިންޗި ފުން ފެންގަނޑެއްގެ ތެރޭގައެވެ. ސިއްސައިގެން ގޮސް ފައި ހިއްލާލިއިރު ޗަކަސްގަނޑުގެ ތެރޭގައި އޭނާގެ އާ ހައިހީލްސް ހަރުލާފައި ހުއްޓެވެ. ހިތާހިތާ މަގުހަދާ މީހުންނަށް އެއްޗެހި ގޮވާލެވުނެވެ. އެވަގުތ ފައިވާން ނަގަން ބޭނި އަތުގައި ހުރި އުޅާތައް ކިލާ ފެނަށް ގެނބިގެން ދިޔައެވެ. ފައިވާން ނަގާފައި ބަލާލިއިރު ކަނާތުގައި އަޅާފައިވާ ގަރޫޑާ ގަޑިވެސް އެ ގަންބާލެވުނީ ފެނުގެ ތެރެއަށްކަން އެނގުނެވެ.

ގަޑިން 2 ޖަހަން ފަސްމިނިޓް ހުއްޓެވެ. ބާރަށް ހިނގާފައި އޮފީހަށް ދެވޭނީވެސް 15 ވަރަކަށް މިނިޓުންނެވެ. އޭނާ އެތެރެއަށް ވަދެ ފެންފައިވާނަކަށް އަރައިގެން ފެންގަނޑުތެރޭގައި ހިނގާފައި ދާން ފަށައިފިއެވެ. އަދި އޮފީހަށް ވަދެވެން ދެތިން މިނިޓަކަށް ވީތަނާ އޮއްސާލި ބޯ ވާރޭގަނޑުތެރޭގާ އޭނާގެ ރީތި ހެދުމާއި އެ ޚާއްސަ މޭކަޕާއި ހެއަރ ސްޓައިލް ދޮވެވިގެން ހިނގައްޖެއެވެ. އަދި ހަމަ އެއާ އެކު އޭނާގެ ރީތިކަމާއި ފަރިކަމުގެ އުޖާލާ ކުލަތައް މޫނުމަތިން އޮހިގެން ގޮސް ނާއުންމީދުގެ އަނދިރިކަން އެ މޫނުމައްޗަށް ވެރިވެ ބަނަވެގެން ހިނގައްޖެއެވެ.

އޮފީހަށް ވަނުމާއެކު ހުރިހާ އެންމެން ހޭން ފެށި ހުނުންގަނޑުން އޭނާގެ އުންމީދު ފުނޑުފުނޑު ވެގެން ދިޔައެވެ. ވަކިން ޚާއްސަކޮށް މިމީހުންގެ ތެރޭގައި އަހުމަދުވެސް ހޭން ހުރިތަން ފެނުމުން އޭނާއާ މެދުވެސް ނަފުރަތުން ފުރިގެން ދިޔައެވެ.

އޭނާ މޭޒުދޮށުގައި އިށީނުމާއެކު އޮފީހުގެ ފިރިހެން ކުދިން އައިސް މޭޒުދޮށް ފުރާލިއެވެ. ބައެއްކުދިން މޭޒުމަތީގައި އިށީނދެ އަދި މޭޒުގައި ބަނޑުއަޅައިގެން ތިބެ ޝަފީގާއަށް ތާރީފުގެ ބަސްތައް އޮއްސަން ފަށައިފިއެވެ. މިއަދު މިއެންމެން އޭނާގެ ކުރިމައްޗަށް މި އޮއްސަނީ ޚުޝާމަދާއި ތާރީފުގެ ބަސްތަކެވެ. މިއީ އުނދަގޫ ކަމެކެވެ. އެހެންނަމަވެސް މިއަދު އޭނާ ބޭނުންވަނީ މިގޮތެވެ. އެމީހުންގެ ނަޒަރު އޭނާގެ މައްޗަށް ހުއްޓުވާލުމެވެ. އޭނާ ބޭނުންވަނީ އޭގެ ތެރޭން އެކަކު އޭނާއާ ސީރިއަސްކޮށް ގުޅުމެވެ. އޭނާ އަޑު އަހަމުން ދަނީ އެފަދަ ލަފްޒެއް އޭން މީހެއްގެ ދުލުން ބުނާ އަޑު އެހުމަށެވެ. އެހެންނަމަވެސް އޭނާއަށް އެކުރާ ޚުޝާމަދަކީ އަގެއް ނެތް އެއްޗެއް ކަން އޭނާއަށް އެނގެއެވެ. އެހެނީ އޭނާ އެއިނީ ތެމިފޯވެފައެވެ. އިސްތަށިގަނޑު އެ އޮތީ ކަފަ ބުރެއްހެންނެވެ. މޭކަޕުތައް ގަނޑުގަނޑަށް އެ ފައިބަނީއެވެ. ތުންފަތުގައި ލިޕްސްޓިކްގެ އަސަރެއްވެސް ނެތެވެ. މިހެންކަމުން އެމީހުން އެކިޔާ އެއްޗައްސަކީ ދޮގެއްކަން އޭނާއަށް ޔަގީންވިއެވެ. އޭނާ ވީ ފޫހިން އެތަނުން ތެދުވެއްޖެއެވެ. މި މީހުންގެ ތެރެއަކު އޭނާއަށް ކަމުދާ އެކަކުވެސް ނެތޭ ހިތަށް އެރިއެވެ. އޭނާ ދިޔައީ އަހުމަދުގެ މޭޒު ދޮށަށެވެ. އެއްޗެއް އަހާލުމުގެ ބަހަނާގައެވެ. އެކަމަކު އަހާނީ ކީކޭކަމެއް ހިތަކަށް ނޭރިއެވެ. ނަސީބަކުން އެ ވަގުތު އަހުމަދު އޭނާއާ ވާހަކަ ދައްކަން ފެށިއެވެ.

“ޝަފީ” އޭނާ އިނީ އިސްދަށަށް ޖަހައިގެންނެވެ. “ތިޔަ ހެދުން ކިތަންމެހާވެސް ރީތި. އެކަމަކު ތިޔައަކުން ނިވަލެއް ނުވެއެއްނު؟ ”

ޝަފީގާ އެހެދުން ލީވެސް އޭގެ ތުނިކަން ރަނގަޅަށް އެނގިހުރެއެވެ. އެކަމަކު ވާރެއާ ތެމުމުން އެއެކޭ ކާތަކެތި މެހިން ސަލާމަތްކުރަން ލާފައި ހުންނަ ޕްލާސްޓިކް ދުއްޔެކޭ އެއްގޮތެވެ. ފިރިހެން ކުދިންތައް އޭނާގެ މޭޒުދޮށަށް ދިޔަ ސަބަބު މިހާރު އޭނާއަށް ވިސްނިއްޖެއެވެ. އޭނާ ވެސް ބަލާލިއެވެ. އަދި އަވަހަށް އޭނާގެ ދެއަތުން މޭމަތި ނިވާ ކުރަން އުޅެގެންފިއެވެ.

އޭރުވެސް ފިރިހެން ކުދިން ބިއްލޫރިގަނޑުގެ ތެރޭން ބަލަން ތިއްބެވެ.

“ގޮތް ކުޑަ ފިރިހެނުންތަކެއް.” އޭނާ ހިތާ ހިތާ ބުނެލިއެވެ.

އޭނާ އައި ރުޅީގައި ގޮސް ވަނީ ފާޚާނާއަށެވެ.

ހެނދުނު ޝަފީގާއަށް ހޭލެވުނީ އޭނާގެ ޕްލައިވުޑު ފިލައިން ހަދާފައިވާ ކޮޓަރީގެ އާނގައަކުން މޫނަށް އަވިއެޅެން ފެށީމައެވެ. އިއްޔެ ކުރި ވިއްސާރައިގައި އެތަނުގައި ޖަހާފައި ހުރި ބޯކަރުދާސްގަނޑު އޮތީ ނައްޓާލާފައެވެ. އެއީ އޭނާގެ ތިމާގެ މީހުންގެ ޚަރަދުގައި ހަދާފައި ހުރި ކޮޓަރިގަނޑެކެވެ. އެކަމަކު އެގޭ މީހުން މި ކޮޓަރިއަށް ވެސް މަހަކު 100 ރުފިޔާ ނަގައެވެ. އެ މީހުން މިހާރު މިތަން ބޭނުންވެގެން އުޅެން ވެސް ފަށައިފިއެވެ. އެކަމަކު މިތަނުން ނުކުންނަން ޖެހިއްޖެނަމަ މިވަރުގެ ތަނެއްވެސް މިހާރު މި އަގުގައި ލިބޭކަށް ނެތެވެ. އެހެންވެ އޭނާ ވަނީ ގޮތް ހުސްވެފައެވެ.

އެއީ ހުކުރު ދުވަހެކެވެ. ޝަފީގާ އޭނާގެ އަމިއްލަ ނަފްސާމެދު ފިކުރުކުރަން އެތައް އިރަކު ބިންމަތީ އަޅާފައިވާ ގޮދަޑިމަތީ އޮތެވެ. އޭނާއަކީ ރައްޓެހި ހުރިހާ ކުދީންނަށް ވުރެން ރީތި ކުއްޖެކެވެ. އެކަމަކު އެހެންކުދިންނަށް ވަނީ ދާއިމީ ގުޅުމެއް ހޯދިފައެވެ. އެކަމަކު އޭނާއަށް އެވަރުވެސް ނުވެއެވެ. އޭނާގެ ކިބައިގައިވަނީ ކޮން އުނިކަމެއްބާއޭ އޭނާ ވިސްނަމުން ދިޔައެވެ. އޮފީހު ކުދިންވެސް އޭނާއަށް ކުރަނީ ޖެއްސުމެވެ. އަހުމަދު ނޫނީ ކޮންމެވެސް މަލާމާތެއް ކޮށްނުލާ މީހަކު ނޫޅެއެވެ. އޭނާއަކަށް ގޮތެއް ހުހެއް ނުވާނެއޭ އޭނާގެ ހިތަށް އެރިއެވެ.

އޭނާއަކަށް ރައްޓެހިވާނެ ފިރިހެނުން މަދެއް ނޫނެވެ. ބޭނުންވަރަކަށް މަޖާ ކުރެވެން އެބައޮތެވެ. ނެތީ އެންމެ އެއްޗެކެވެ. އޭނާއާ އިނދެގެން އުޅޭނެ ތަނަވަސް މީހެކެވެ. ޔޫރަޕް މީހެކެވެ.

މިހާރު އޭނާވެސް އަވަސް ގޮތަކަށް މީހަކާ އިންނަން ޖެހިއްޖެ ކަމަށް ހީވާން ފަށައިފިއެވެ. އެއީ މި ދާ ގޮތަށް ކަންތައް ހިނގަމުން ދާނަމަ ފަހަރުގައި ގޯހެއް ވެސް ވެދާނެތީއެވެ.

އޭގެ އަނެއްދުވަހު އޭނާ އޮފީހަށް ދިޔައީ ތެޅިތެޅި އޮތް ހިތަކައިގެންނެވެ. އޭނާ ބޭނުންވީ އަވަސް ގޮތަކުން އަހުމަދާ ގުޅާލުމަށެވެ. ރައްޓެހިވާން ނުވަތަ އިންނަން އަހުމަދަށް ހުށަހެޅުމަށެވެ. އެ ދުވަހު އަހުމަދު އޮފީހަކަށް ނާދެއެވެ. އުފަލަކީ އޭނާގެ ހައްގެއް ނޫނޭ އެ ވަގުތު ހިތަށް އެރިއެވެ.

“ޝަފީގާއަށް އޮތް ފޯނެއް.” އޮފީސް ކުއްޖަކު މޫނަށް ގޮތެއް ހަދާފައި ބުނެލިއެވެ. އަދި ފޯނު އަތްގަނޑު މޭޒުމަތީ ބާއްވާފައި އޭނާ ދުރަށް ހިނގައްޖެއެވެ.

ވާހަކަ ދެއްކީ ތުނާއެވެ. އެއީ ކެއުމުގެ ޖާފަތަކަށް ޝަފީގާއަށް ދައުވަތު ދޭންވެގެންނެވެ. އަދި އެއީ ވީއެސްއޯގެ ޖާފަތެއްކަން އެނގުމުން އޭނާއަށް ހީވީ އޭނާގެ ހިތުގައި ވަރައެއް ލެވިގެން އުދުހިގަތް ހެންނެވެ.

އެރޭ ޕާޓީއަށް ދިއުމަށް އޭނާ ވަރަށް ތައްޔާރުވިއެވެ. ލީ ރަތްކުލައިގެ ގަޔަށް ބާރު ޓޮޕަކާއި ހުދު ބެލްސްއެކެވެ. އޭނާގެ އިސްތަށިގަނޑު ވަކީން ބޮޑަށް ސިލްކް ޝޭމްޕޫއިން ދޮވެ މަޑުކޮށްލިއެވެ. އޭނާ ވަދެގެން އައި އިރު ޖެހޭ ވައިރޯޅިން އެ އިސްތަށިގަނޑު އެކި ދިމަ ދިމާއަށް ވިހުރެމުން ދިޔައެވެ. ފައިއަޅާ ކޮންމެ ފަހަރަކު ހަށިގަނޑުގެ ވަނާތަކަށް އަންނަ ލޮޅުންތަކުން ހީވަނީ އެތަނުގައި ތިބި ފިރިހެނުންނަށް އަންނާށޭ ކިޔާ ހަނާ އަޅާހެންނެވެ.

ޕާޓީއަށް ދިޔަ މީހުންނަށް މަރުހަބާ ކިޔަން ހުރީ އަލަށް އައިސް ހުރި ބޭރު މީހެކެވެ. އަލިފާން ހުޅުރޯވެފައިހެން ހީވާފަދަ ރަތް އިސްތަށިގަނޑެއްގެ ވެރި ޒުވާން އިނގިރޭސިއެކެވެ. އޭނާއާ ސަލާމް ކޮށްލިވަގުތު ޝަފީގާ އޭނާގެ ގަދަ ފެހި ކުލައިގެ ލޮލަށް ބަލާލިއެވެ. އެ ވަގުތު އޭނާގެ ހިތް އެލޮލުގެ ތެރޭން އޭނާގެ ހިތުގެ ތެރެއަށް ދަމައިގަތް ހެން ހީވިއެވެ. އޭނާއަށް ބޮބްގެ އަތުން ދޫވެސް ކޮށް ނުލެވުނެވެ.

ޝަފީގާ އައިތަން ފެނިގެން ސްޓީވްވެސް އެދިމާއަށް އައެވެ. އެކަމަކު އެވަގުތު ޝަފީގާ ބޮބްއަށް ބަލަން ހުރި ގޮތުން އެތަނަށް ނަައިސް ދިޔައީއެވެ.

ބޮބްއަކީ ސްޓީވަށް ވުރެން މާ ޒުވާން މާ ސްމާޓް މީހެކެވެ. ޝަފީގާ ފުރަތަމަ ނަޒަރުންވެސް އޭނާއަށްޓަކައި ފިދާވެއްޖެއެވެ.

ޕާޓީގެ ތެރޭގައި ބޮބްއާއި ޝަފީގާ ގުޅުން އިތުރަށް ބަދަހި ވެއްޖެއެވެ. އޭނާ އުފާވީ ބޮބު އިންނަން ބޭނުންވަނީ ދިވެހި ކުއްޖަކާކަން އެނގުނީމައެވެ. އެހެންކަމުން ޝަފީގާގެ އުންމީދު އާލާވެގެން ހިނގައްޖެއެވެ. އިއްޔެއާއި އޭގެ ކުރީ ދުވަހު އޭނާއަށް ދިމާވި ހިތްދަތި ކަމާއި ނާއުންމީ ވަޔަށް ޖައްވަށް އަރައިގެން ހިނގައްޖެއެވެ.

އިއްޔެ އަހުމަދާ ދިމާނުވިކަމީވެސް ނަސީބެކެވެ. އަދި އޭނާއާ ގުޅުމަށް ހުށަނުހެޅުނުކަން ވެސް އަދި މާ ރަގަޅެވެ.

އެރޭގެ ޕާޓީ ނިމުނު އިރު ޝަފީގާ ވަނީ ބޮބްއާ ހިތާފުރާނައިން ގުޅި ލާމެހިފައެވެ. އެހެނީ ބޮބް އެންމެ ގަބޫލީ ޝަފީގާ ކަހަލަ ސްޓައިލެއްގެ ދިވެހި ކުއްޖެއް ކަމަށް ވެސް އޭނާ ގާތު ބުނެފައިވެއެވެ. އޭނާ ޝަފީގާގެ އެޑްރެސް ދީ ގެޔަށް އައުމަށް ދައުވަތު ދިނެވެ.

އެރެއާއި އޭގެ އަނެއް ދުވަހަކީ އުފާވެރި ދުވަހެކެވެ. ވަށައިގެން ފެންނަ ހުރިހާ އެއްޗެއްގައި ހުރީ ގަދަ ކުލަތަކެވެ. މުޅި ދުނިޔޭގައި ފިނިފެންމަލުގެ ކުލަ ޖެހިފައިވާ ކަހަލައެވެ. އޭނާގެ ނޭވާހަށްޓަށް ފުރިހަމަޔަކަށް ނުފެތެއެވެ. ހިތް އަވަސްވެ ބާރަށް ތެޅެމުން ދާތީއެވެ. ބޮބްގެ އަތްނބެއްގެ ގޮތުގައި އިނގިރޭސިވިލާތަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ވުމުންނެވެ.

ހަމަ އެދުވަހު އޭނާއަށް ނޭނގޭ ބާވަތެއްގެ ގޮތްތަކެއް ވާން ފަށައިފިއެވެ. ހިތުގެ ފުނުން މީހަކު ދެކެ ލޯބި ވެވުނީމާ މިކަހަލަ ކިތަންމެ ގޮތްތަކެއް ވެސް ވާނެޔޭ އޭނާގެ ހިތަށް އެރިއެވެ. އެކަމަކުު މިވާ ގޮތްތަކެއް އޭނައަކަށް ކަމަކު ނުދެއެވެ. އޭނާ އަނބުރައިގަންނަނީއެވެ. މޭ ނުބާ ކުރަނީއެވެ. ހޮޑުލެވެން އުޅޭހެން ހީވަނީއެވެ. އެއީ ބޮބް އޭނައާ ބައްދަލު ކުރަން އައިވަގުތުވެސް މެއެވެ.

ބޮބްއަށް ޝަފީގާގެ ހާލު ފެނުމުން ސީރިއަސް ކަމަށް ވިސްނިއްޖެއެވެ. އެހެންވެ އޭނާ ގޮވައިގެން ސެންޓްރަލް ހޮސްޕިލަށް ވަގުތުން ހިނގައްޖެއެވެ.

ބޮބް އޭނާއަށް އެހީވާން ހުރިކަން އެއީ ޝަފީގާއަށް ކޮޅެއްނެތް ފަދަ އުފަލެއް ލިބުނު ކަމެކެވެ. އޭނާގެ ގާތްކަން އެތައް އަހަރެއް ވަންދެން އިނދެގެން އުޅުނު ފިރިއެއް ފަދައެވެ.

ހޮސްޕިޓަލުން ވަގުތުން އޭނައަށް ސަމާލުކަން ދިނެވެ. ބެއްލެވީ އެންޑީއެވެ.

“ކޮންގްރެޗްލޭޝަން، ” އެންޑީ ބޮބްއަށް ބައްލަވާފައި ވިދާޅުވިއެވެ. “ޔުއަ ބިއުޓިފުލް ވައިފް އިޒް ޕްރެގްނަންޓް!”

ބޮބް އެތަނުން ހިނގައްޖެއެވެ.

މިއަދު އޭނާއަށް ދެން އޮތީ ކޮން އުންމީދެއް ހެއްޔެވެ؟ މިހާތަނަށް އޭނާ އުޅެމުން އައި ދިރިއުޅުމުގެ ހިތިކަން އަރުތެރެއަށް މިއައީ އެންމެ ނުބައި ދަނޑިވަޅުގައެވެ. އޮފީހުން ލިބޭ މުސާރަކޮޅުން ނުފުދިގެން އެހެން ގޮތްގޮތުން ދިރިއުޅުމުގައި ކުލަ ޖައްސަން އުޅުމުގެ ނަތީޖާ އައިސް މިއޮތީ ބޯމަތިވެފައެވެ. މިކަމުން ސަލާމަތްވާން އޭނާ ހަދާނެ އޮތީ ކޮންގޮތެއް ހެއްޔެވެ؟ އެހީތެރިވާނީ ކާކުހެއްޔެވެ؟ މިކަމުގެޒިންމާ އަޅުވަންވީ ކާކުގެ މައްޗަށް ކަން ޚުދު އޭނާއަށް ވެސް ނޭނގެއެވެ.

އޭނާ ވިސްނާލިއެވެ. ހަނދާނަށް ގެނެވޭ ވަރަށް ވުރެން ދިގު ލިސްޓެކެވެ. މަގުމަތީގައި ފެންގަނޑު ހެދިފައި އޮތް ދުވަހެއްގެ މަތީން އޭނާ ހަނދާން އާވިއެވެ. އެއީ އޭނާއަށް ގުޅި މަތީ އޮފިސަރެކެވެ. އެދުވަހު ވާރޭ ވެހި މަގުމަތީގައި ފެން ބޮޑުވެފައި އޮތެވެ. އޭނާގެ ހައިހީލްސް ނުތެންމައި ގެޔަށް ދެވޭނެ ގޮތްވިއެވެ. އެކަމަކު ގެޔަށް ދިއުމުގެ ބަދަލުގައި ދެވުނީ އޭނާގެ ދެބުރި ގެއަށެވެ. އޭނާގެ ހައިހީލްސް އެއް ނުތެމެއެވެ. އެކަމަކު އޭނާގެ އިއްފަތް ފުން ކަނޑަކަށް ޣަރަގުވެގެން ދިޔައެވެ.

މިކަހަލަ އެތައް ހާދިސާއެއް ވަނީ މި ދިޔަ ދެމަހެއްހާ ދުވަހު ހިނގާފައެވެ. ވަކީން ޚާއްސަ އަނެއް ހާދިސާއަކީ ރައްޓެހި ގުރޫޕަކާއެކު ރިޒޯޓަކަށް ދިޔަ ދަތުރެކެވެ. އެ ރޭ ފަތިހު އިރު އެރި އިރަކުވެސް ލޮލުފިޔައެއް ޖަހާނެ ފުރުސަތެއް ނުލިބިއެވެ. ދިވެހި ޒުވާނުންނާއި ބޭރުގެ ކިތަންމެ ބަޔަކު އޭނާގެ ކޮޓަރިޔަށް އެރޭ ޒިޔާރަތް ކުރިއެވެ. ދިޔައީ ހާސް ޑޮލަރުގެ ބޭނުމުގައެވެ. އެނބުރިއައީ ހާސް އަނިޔާއަކާއި ވޭނެއް ހިފައިގެންނެވެ.

މިއަދު އޭނާއަށް އެހީވާނެ ހަމަ އެކަކުވެސް ނެތެވެ. ސްޓީވް ވެސް އޭނާއަށް ގެއްލިއްޖެއެވެ. ބޮބް ހިނގައްޖެއެވެ. ދެން ހުރީ އަހުމަދެވެ. އޭނާއަށް ދެއްކެން އޮތީ ކޮން މޫނެއް ހެއްޔެވެ؟

އޭނާގެ އުންމީދު މުޅިއަކުން ނަގައެއް ނުލިއެވެ. މިކަމެއް އަދި އޮފީހުގެ ކުދިންނަކަށް ނޭނގެއެވެ. ފަަހަރުގައި އަހުމަދު އަދި ކާމިޔާބު ކޮށްލެވިދާނެއެވެ.

“މަރާފައި ނެސްޕްރޭ ދަޅަކަށް ލާފައި އޮތް ކުއްޖަކު ކުނިގޮނޑުން ފެނިއްޖެ.” މިއީ ހަވީރު ނޫހުގައި އޮތް ފަލަ ސުރުޚީ އެކެވެ.

މިކަންތައް ތަހުގީގު ކުރުމަށް ސިފައިންގެ ޚާއްސަ ޓީމެއް މިހާރު ޝައްކު ކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

ޝަފީގާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައެވެ. އޭނާގެ މޫނުމައްޗަށް އަނދިރިވާން ފެށިއެވެ. އޭނާ ހުރިތަނަށް ބިންމައްޗަށް ތިރާވިއެވެ. މިއަދު މި މުސީބާތުން އޭނާ ސަލާމަތް ކުރާނީ ކާކު ހެއްޔެވެ؟ އެހީތެރިއަކު ނެތެވެ. ރައްޓެއްސެއްގެ ރުހުމެއް ނެތެވެ. ގާތްތިމާގެ މީހަކު ނެތެވެ. ކުރީގައި ދަންނަ އެންމެން މިއަދު ނަފްރަތު ވެއްޖެއެވެ. ދެން މާ ގިނަ ދުވަހެއް ނުވާނެއެވެ. އޭނާވެސް ކުރިމަތިލާން ޖެހޭނީ އުމުރުގެ ޖަލާއެވެ.

އޭނާ ހަމަ ރަނގަޅަށް ވެސް ރޯން ފަށައިފިއެވެ. ހިތުގައި ޖެހިގެންނެވެ. ދެރަވެގެންނެވެ. އެހީއަކަށް އަތް ދިއްކޮށްލާނެ ދިމާއެއް ނުވިސްނިގެންނެވެ.

އޭނާ ވިސްނާލިއެވެ. މިފަދަ ހާލަތަކަށް އޭނާ ދާން މި ޖެހުނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބައިހެއްޔެވެ؟ ތިމާގެ ހިތް އެދޭ ފަދަ ދިރިއުޅުމެއް ހޯދަން އުޅުމުގައި އޮތީ ކޮން ކުށެއް ހެއްޔެވެ؟ ދުނިޔެމަތީގައި ތަނަވަސްކަމަށް ނޭދެނީ ކާކު ހެއްޔެވެ؟ އެކަމަކު މި ގޮތަށް ދުނިޔެއިން ބޭކާރުވެ ބޭޒާރު ވެގެން އެންމެނެއް ނުދެއެވެ. މިހެން މިވީ ކީއްވެ ހެއްޔެވެ؟ މިގޮތަށް އޭނާގެ ތަގުދީރުގައި ވަނީ ކީއްވެ ހެއްޔެވެ؟

ތަގުދީރުގައި މިހެން ވިޔަސް އޭނާއަކަށް ކުރެވޭނެ ޝަކުވާއެއް މިއަދަކު ނެތެވެ. އޭނާގެ ދިރިއުޅުން ބައްޓަން ކުރެވިފައިވަނީ ތަގުދީރަކަށް ބެލުމެއް ނެތިއެވެ. އަމިއްލަ ތަގުދީރު އަމިއްލަ އަތުން ރާވާލެވޭނެ ކަމަށް ހީކޮށެވެ. ނުވަތަ އެކަމާ އެއްވެސް ފިކުރެއް ނެތިއެވެ.

މިއަދު އޭނާގެ ތަގުދީރުގެ މަތީން ހިތަށް މި އެރީ މިފަދަ ފުން އަނދަވަޅަކަށް ވެއްޓުނީމައެވެ. މިކަންތައް ނުހިނގާ ކަމަކަށް ދެނެއް ނުހެދޭނެއެވެ. މިއީ ފެނުނު ހުވަފެނަކަށްވެސް ނުހެދޭނެއެވެ. އޭނާގެ ދިރިއުޅުމުގައި ދުވަހަކުވެސް ނުފިލާނެ ލައްގަނޑެއް ޖެހުނީއެވެ. ދާނީ ކޮން ދިމާއަކަށް ހެއްޔެވެ؟ ހުރިހާ ދޮރެއް ވަނީ ބެދިފައެވެ. ވަށައިގެން އޮތީ ކަނު އަނދިރި ކަމެވެ.

 

އެ ދުވަހުގެ ބާކީ އޮތް ވަގުތަކާއި މުޅި އެރޭގެ ހަތަރު ދަން ޝަފީގާ ހޭދަ ކުރީ އެއަނދިރ ކޮޓަރީގައެވެ. ކެއުމެއް ބުއިމެއް ނެތިއެވެ. ދިރިހުރުމުގެ ބޭނުން ކެނޑިފައެވެ. ހަޔާތުގެ އުންމީދު ގެއްލިފައެވެ. ފުރާނައިގެ އަގެއް ނެތިފައެވެ.

ފަތިހުގެ ފިނިކަން ޖައްވަށް ވެރިވިއެވެ. އާދަޔާ ޚިލާފު ނޫކުލައެއް އުދަރެހަށް އަރަން ފަށައިފިއެވެ. އެވަގުތު ބަންގީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. އެހެންޏާ ނީވޭކަހަލަ ރާގެއްގައެވެ. ހިތަށް ނޭނގޭ ބާވަތެއްގެ ފިނިކަމެއް ގެނަސް ދެމުންނެވެ.

އޭނާގެ ކުރިމަތީގައި ހުރި އަލަމާރީގެ މޫނުބަލާ ލޯގަނޑުން ކުޑަދޮރެއްގެ އަލި ފެންނަހެން ހީވިއެވެ. އެއީ ހުޅުވިފައިވާ ދޮރެކެވެ. ދޮރުގެ އަނެއް ފަރާތުން ފެންނަނީ ގަދަ އަލިކަމެކެވެ. ދޮރުގައި ލިޔެފައި އޮތް ތިން އަކުރެއް އޭނާއަށް ފެނުނެވެ. އެއީ އޭނާ ދަންނަ ލަފްޒެއް ހެނެއް ހިޔެއް ނުވިއެވެ.

އޭނާ އެނބުރި އެ ދޮރަށް ބަލާލިއެވެ. “ތައުބާ!”

އޭނާ ފުރާނަ ނެތް ހަށިގަނޑެއް ފަދައިން ތެދުވިއެވެ. އޭރު އަލަމާރީގައި ހުރި ބިއްލޫރިގަނޑުން އޭނާގެ ހަމަ އިސްކޮޅު ފެނުނެވެ. އޭނާގެ ބޯ ވަނީ ހޭވިފައެވެ. މޫނު މަތީގައިވަނީ މިލައެވެ. ގައިގައި ވަނީ ހަޑިކަމާއި ނުސާފު ކަމެވެ.

ވަށައިގެންވާ ހުރިހާ ދޮރެއް ވަނީ ބަންދު ވެފައެވެ.އެނޫން އެއްވެސް ދޮރެއް ނެތެވެ. އަމިއްލަ އިޚްތިޔާރެއް ނެތް ގޮތަކަށް އޭނާއަށް އެ ދޮރާ ދިމާއަށް ދެވުނެވެ. ކާރިއަށް ދާވަރަކަށް އެ ދޮރު ބޮޑުވަމުން ފުޅާ ވަމުން ދިޔައެވެ. އެތަނުން އޭނާއަށް ފެންނަމުން ދިޔައީ އަލިކަމެވެ. އުންމީދެވެ. ލޯތްބެވެ. ހިތްހަމަ ޖެހުމެވެ.

އެވަގުތު އޭނާގެ އަމިއްލަ ނަފްސަށް އަނެއްފަހަރު ބަލާލެވުނެވެ. އޭނާގެ ގައިގައި ވަނީ ނުސާފު ކަމާއި ފާފަވެރިކަމެވެ. މިފަދަ ހަޑިކަމެއްގެ މަތީގައި ހުރެ އޭނާ މި ދޮރުން ވަންނާނީ ކިހިނެއްހެއްޔެވެ؟ ފުރަތަމަ ފަހަރަށް އޭނާގެ ކިބައިގައިވާ ނުތާހިރުކަން އޭނައަށް އިހްސާސްވިއެވެ. އެވަގުތު ދޮރުގެ އެތެރޭން އަލިކަމެއް އޭނާއަށް ހަނާއަޅާތަން ފެނުނުހެން ހީވެއެވެ. އެ އަލިކަމުގައި ވަނީ އޯގާވެރިކަމެވެ. ކުލުނެވެ. ހިތް ހެޔޮ ކަމެވެ. މައާފު ކުރުމެވެ.

ދެން ޝަފީގާ އެ ހަޑި ހެދުން ބަދަލުކޮށް ހިތާ ނަފްސު ތާހިރު ކޮށްފިއެވެ. ހިތުގެ ފުންމިނުން އޭނާ ހެއްދެވި ފަރާތުގެ ލޯތްބާއި މައާފަށް އެދިއްޖެއެވެ. އޭނާ ފެންވަރާލައިގެން ދެއްކުންތެރިކަމެއް ނުވާ ސާފު ހެދުމެއް އެޅިއެވެ. އެވަގުތު ދުވަހަކުވެސް ބަދަލުވުމެއް ނެތް އާ ހަޔާތަކަށް އޭނާ އަލުން އުފަންވީ ކަމުގެ އިހްސާސެއް ކުރެވުނެވެ. ފުރަތަމަ ފަހަރަށް ޚާލިސް ހިތަކާއި އެކު ސަޖިދައަށް ތިރިވިއެވެ.

 

އިރު އަރައިފިއެވެ. އާދުވަހަކަށް އަލިވިލިއްޖެއެވެ. ދުނިޔެ ރޯޝަންވެ ކުލަ ޖެހިއްޖެއެވެ. ޝަފީގާ ގެ ހިތުގައިވާ ނުތަނަވަސްކަން ފިލައި އާ ނޫރަކުން ދިއްލި އުޖާލާ ވެއްޖެއެވެ.

އޭނާގެ ބަނޑުގައި އަތް ޖައްސާލިއެވެ. އޭރު ބަނޑުތެރޭގައި އޮތް ދަރިފުޅު ތޮޅެލިހެން ހީވެއެވެ.މިއަދު އޭނާ އެވަނީ ދުނިޔޭގެ ލަދާ ކުރިމަތިލާން ޖެހިފައެވެ. ކުރެވިފައިވާ ކުށްފާފައިގެ ސަޒާ ލިބިގަންނަން ޖެހިފައެވެ. ކޮންމެ ފަދަ ލަދަކާ ކުރިމަތިލާން ޖެހުނަސް އޭނާގެ ނަފްސަށްވެސް އަދި އެ ދަރިފުޅަށް ގެއްލުމެއް ނުދޭނަމޭ އޭނާގެ ހިތަށް އެރިއެވެ. ފާފަ ކުރީ އޭނާއެވެ. ދަރިފުޅުގެ ކުށެއް ނެތެވެ. އޭނާ ސުލްހައިގެ މަގު ޚިޔާރު ކުރަން އަޒުމު ކަނޑައެޅިއެވެ.

 

އޮފީހުގެ ތެރޭގައި ދެކެވެނީ އެއް ވާހަކަ އެކެވެ.

ޝަފީގާއަށް މިއައި ބޮޑު ބަދަލުގެ ވާހަކަ އެވެ. އޭނާގެ މޫނަކު ކުލަގަދަ މޭކަޕެއް ނުހުރެއެވެ. ލާ ހެދުން ތަކުން ހަށިގަނޑު ނިވާވެއެވެ. ތަނަވަސްކަމާއި މުއްސަނދިކަން ފަހަތުން ދުވާތަނެއް ނުފެނެއެވެ. މައިން ބަފައިންނާއި އާއިލާގެ ގުޅުން ހޯދިއެވެ. އޭނާއަށް ލިބޭ މިންވަރުން މިހާރު ފުދެއެވެ.

 

އަހުމަދުގެ ނަޒަރުގައި ޝަފީގާ މިހާރަށް ވުރެން ރީތި ވެފައިވާތަނެއް ނުފެނެއެވެ. އޭނާގެ ހިތުގެ ސާފުތާހިރު ކަން އޭނައަށް ފެނުނެވެ. އޭނާގެ އިޚުލާސްތެރިކަމާއި ސާލިހު އުޅުންތައް އޭނާގެ ސަމާލުކަން ހޯދިއެވެ. ކުލަގަދަ މޭކަޕަކުން ބައްޓަންތަކުގެ ހާމަ ކަމަކުންނޫނެވެ.

އޭނާ ޝަފީގާގެ އަތުގައި ހިފިއެވެ. އޭނާއަށް ލޯބި ދިނެވެ. ޝަފީގާގެ ބަނޑުގައި އޮތް ދަރިފުޅަކީ އޭނާގެ ދަރިއެއް ކަމުގައި ހެދިއެވެ. ޝަފީގާގެ ކުށުގެ ސަޒާ އޭނާ ލިބިގަތެވެ. އޭނާ އަހުމަދާ ކާވެނި ކޮށްފިއެވެ.

 

މިއަދު އޭނާއަށް މުޅިން އާ ފިލާވަޅުތަކެއް ދަސްވިއެވެ. އުފާވެރި ދިރިއުޅުމަކީ އަމިއްލަ ބާރުން ހޯދޭ އެއްޗެއް ނޫންކަމެވެ. ނުރަގަޅު މަގުން ދަތުރުކޮށްގެންނެއް އަމާން ކަމުގެ އައްސޭރިއަކަށް ނުދެވޭނެ ކަމެވެ. ދުރުން ފެންނަ ކޮންމެ ވިދާ އެއްޗަކީ ރަނަކަށް ނުވާނެ ކަމެވެ. އުފަލާއި ހިތްހަމަ ޖެހުން ލިބެން އޮތީ މުދަލަކުން ފައިސާއަކުން ނޫން ކަމެވެ. ވަށައިގެން ވާހައި ދޮރެއް ބަންދުވިޔަސް އެއް ދޮރު އަބަދުވެސް ހުޅުވިފައި ހުންނަ ކަމެވެ. އުންމީދުގެ އެންމެ ފަހު ވާފަށުންވެސް އަތް ދޫކޮށްލައިގެން ނުވާނެ ކަމެވެ.

މިއާ ހަޔާތް އޭނާއަށް ލިބުމުން ދުނިޔޭގެ ހަވާ ނަފްސުގެ ނުސާފުކަން ފިލައި މުޅިން އާ ދުނިޔެއެއް ލިބިގެން ދިޔައެވެ. މިއީ ހަގީގީ އުފަލެކެވެ. ހިތަށް ވެސް ގެނެވިފައި ނުވާފަދަ ހިތް ހަމަ ޖެހުމެކެވެ.

 

 

ނިމުނީ