ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރައްވާ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނިންމަވައި، އެ މަނިކުފާނުގެ ވެރިކަމުގެ ނައިބު ރައީސް ފައިސަލް ނަސީމަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
އެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ އޮފިޝަލަކު ވިދާޅުވީ، 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން އިބޫ ނިންމެވުމަށްފަހު، ފައިސަލް އެ އިންތިހާބަށް ނެރުއްވުމަށް ފުރިހަމައަށް ތާއީދު ކުރައްވާފައިވާ ކަމަށެވެ. އަދި ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނަވާނީ މާލޭގެ މޭޔަރު އާދަމް އާޒިމް ކަމަށްވެސް އެނގިފައިވެއެވެ.
ފައިސަލް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވައި ކެމްޕެއިން ފައްޓަވާނެއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް މިހާރު ފާޅުގައި ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު, ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދުއެވެ.
މީގެއިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންތިހާބުގައި ވާދަނުކުރައްވައި ފައްޔާޒު އިސްމާއިލަށް ތާއީދު ކުރައްވާނެކަން ހާމަކުރައްވާފައެވެ.