އައްޑޫސިޓީގެ ތަރައްގީގެ ޕްލޭންގެ ޑްރާފްޓް އައްޑޫ ސިޓީ ކައުންސިލުން ނިންމައި ރަށްވެހިންނާއި، ވިޔަފާރިވެރިންނާއި، ޖަމްއިއްޔާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދިވެހި ދައުލަތުގެ ވުޒާރާތަކާއި، ތަންފީޒީ އިދާރާތަކާއި، މިނިވަން މުވައްސަސާތަކުގެ ހިޔާލާއި ލަފާ ހޯދުމަށް ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ ތަރައްގީގެ ޕްލޭންގެ ޑްރާފްޓް އެކުލަވާލާފައިވަނީ ބައިނަލްއަގްވާމީގޮތުން އެއްބަސްވެފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ހާއްސަ ސަމާލުކަމެއްދީގެން ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ ޕްލޭންތަކާއި އެއްގޮތްވާގޮތަށް ކަމަށެވެ. އައްޑޫގެ މިހާރުގެ ހާލަތު ދެނެގަތުމަށްޓަކައި ތަފާސްހިސާބު އެއްކޮށް ދިރާސާކުރުމަށްފަހު އައްޑޫގައި ދިރިއުޅޭ ރަށްވެހިންނަށް އެންމެ މުހިއްމު ބޭނުންތައް ދެނެގަތުމަށްޓަކައި އައްޑޫގެ ކޮންމެ 5 ގޭބިސީއަކުން އެއް ގޭބިސީއަށް ޒިޔާރަތްކޮށް ސާވޭއެއްކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެގެން ޕްލޭނިން ވޯކްޝޮޕްތައް ބާއްވައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ފެނަކަ، އެމްޓީސީސީ، ވެމްކޯ، އާރުޑީސީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، ގަން އެއަރޕޯޓް، އަދި އައްޑޫގައި ހިންގާ ޔުނިވަރސިޓީ ކޮލެޖްތަކާއި، އައްޑޫގައި އެކިއެކި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކާއި، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އައްޑޫގެ ޒުވާނުންގެ ހިޔާލު ހޯދުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި މީގެ ކުރިން އެކުލަވާލާފައިވާ ޕްލޭންތައް ވަޒަންކޮށް ހާސިލު ކުރެވުނު މިންވަރު ދެނެގަތުމާއި ދިމާވި ގޮންޖެހުންތައް ފާހަގަކުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީގެ މުސްތަގުބަލުގެ ތަސައްވުރާއި، ކަނޑައެޅިފައިވާ ތަރައްގީގެ 12 ލަނޑުދަނޑި ހާސިލްކުރުމަށް ރާވާފައިވާ ކަންކަމާއި އޭގެ ތެރެއިން އެންމެ އިސްކަންދޭ މުހިންމު 11 ކަމަކާ ގުޅޭގޮތުން ގިނަބައެއްގެ ހިޔާލާއި ލަފާ ހޯދައި، ޕްލޭން ތަންފީޒުކުރުމަށް ވީހާވެސް ގިނަ ބައެއްގެ އެހީތެރިކަން ލިބޭނެގޮތަށް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއްކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، މި ތަރައްގީގެ ޕްލޭނާ މެދު ވީހާވެސް ގިނަ ފަރާތްތަކުން ހިޔާލު ފާޅުކޮށް، އިސްލާހުތައް ހުށަހަޅައި، މިކަމަށް ބާއްވާ ބައްދަލުވުންތަކުގައި ފުރިހަމައަށް ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފައެވެ.