އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން އިސްނަގައިގެން ރާއްޖޭގެ ދެ ރަށެއްގައި ހިންގި “މޯލްޑިވްސް ޖޫނިއަރ ލައިފްގާޑް ޕްރޮގްރާމް” ގެ ފުރަތަމަ ޕައިލެޓް ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މި ހަރަކާތްތައް ބާއްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 12 އިން 14 އަށް ކ. ތުލުސްދޫގައި އަދި ސެޕްޓެމްބަރު 16 އިން 18 އަށް ފުވައްމުލަކު ސިޓީގައެވެ.
އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމަކީ ވޯޓާ ޕެޓްރޯލް އޮސްޓްރޭލިއާއާ ގުޅިގެން ކުރިއަށްގެންދިޔަ ތިން ދުވަހުގެ ތަމްރީނެކެވެ. މީގެ ތެރޭގައި މޫދުގައި މީހުން ސަލާމަތްކުރުމުގެ އަސާސީ ހުނަރުތަކާއި، ފުރަތަމަ އެހީ ދިނުމާއި، ތިމާވެއްޓަށް އަހުލުވެރިވުމުގެ އިތުރުން ލީޑަޝިޕާއި ޓީމު މަސައްކަތުގެ މުހިންމު ފިލާވަޅުތައް އަމަލީ ގޮތުންނާއި ކްލާސްރޫމް ތެރޭގައި ވަނީ ދަސްކޮށްދީފައެވެ. އެގޮތުން ތުލުސްދޫގައި އެކަނިވެސް 24 ބައިވެރިން މި ތަމްރީނު ފުރިހަމަކުރިއެވެ.
މި ޕައިލެޓް ބުރަށްފަހު އަމްފާގެ ރައީސް ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ދެ ރަށުން ލިބުނު ތަޖުރިބާތަކަކީ މި ޕްރޮގްރާމް ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ މުޖުތަމައުތަކުގައި ކަނޑުމަތީގެ ރައްކާތެރިކަމުގެ ސަގާފަތެއް ބިނާކުރުމަށް އެޅުނު މުހިންމު ބިންގަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
އަމްފާއިން މިހާރު ތައްޔާރުވަމުން އަންނަނީ 2027 ވަނަ އަހަރު މި ޕްރޮގްރާމް ރާއްޖޭގެ އެކި ރަށްރަށަށް ފުޅާކުރުމަށެވެ. އެގޮތުން ހަމައެކަނި ރަށްރަށަށް ގޮސް ތަމްރީނު ދީފައި ނިންމާލުމުގެ ބަދަލުގައި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ގުޅިގެން ދެމެހެއްޓެނިވި ޕާޓްނާޝިޕް އުސޫލަކުން މިކަން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މިގޮތުން ޕްރޮގްރާމްގެ މިންގަނޑުތަކާއި ސާމާނު އަދި ފަންނީ އެހީ އަމްފާއިން ފޯރުކޮށްދޭއިރު، ރަށު ފެންވަރުގެ ކޯޑިނޭޝަންގެ ކަންކަން ކުރިއަށްދާނީ ކައުންސިލްތަކާ ގުޅިގެންނެވެ.
މި މަޝްރޫއުގެ ދުރު ރާސްތާގެ އަމާޒަކީ ކޮންމެ ރަށަކުންވެސް މޫދުގެ ރައްކާތެރިކަމަށް އަހުލުވެރި ލޯކަލް ޓްރެއިނަރުން ބިނާކޮށް، އަމިއްލަ މުޖުތަމައުގެ ތެރޭގައި މި އިލްމު ދެމެހެއްޓޭނެ ގާބިލުކަން އުފެއްދުމެވެ. ކުރިއަށް އޮތް 2027 ވަނަ އަހަރު މި ޕްރޮގްރާމް ހޯސްޓްކުރަން ޝައުގުވެރިވާ ކައުންސިލްތަކަށް އެ ފުރުސަތު ހުޅުވާލުމުގެ ތަފުސީލުތައް ކުރިއަށް އޮތް ތަނުގައި އިއުލާނުކުރާނެ ކަމަށް އަމްފާއިން ބުންޏެވެ.