English Edition
Dhivehi Edition

2009 ވަނަ އަހަރު އެމެރިކާގެ އަންހެނަކު ރޭޕްކުރިކަމަށް ބުނެ ޖުވެންޓަސްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ދެކޮޅަށް އަޑުއިވިގެންދިޔަ ވާހަކަތަކާއެކު ސޯޝަލް މީޑިއާ އަށް ހީވީ އީދެއް އައިސްގެން އުޅޭހެންނެވެ

ރޮނާލްޑޯއަށް ފާޑުކިޔާ ފަރާތްތަކުން، އޭނާއަށް ރައްދުކޮށް ދައްކަމުން ދިޔަ ވާހަކަތަކާއެކު އޭނާގެ ސަޕޯޓަރުންވެސް ކެކިއަރައިގަތެވެ. ރޮނާލްޑޯގެ ދީފާއުގައި ތެދުވި މީހުން އެ ވާހަކަދެއްކި އަންހެންމީހާއަށާއި އެ ވާހަކަ ޖަހާފައިވާ މެގަޒިންއަށް ހުރިހާ ރުޅިއެއް ބޭލިއިރު ރޮނާލްޑޯއަށް ފާޑުކިޔާ ވާހަކަދެއްކި މީހުންނަށްވެސް އެމީހުން ދިޔައީ ރައްދު ދެމުންނެވެ.ސޯޝަލް މީޑިއާގެ މި ‘ހަނގުރާމަ’ ނުނިމެނީސް އަނެއްކާވެސް މި އޮތީ ރޮނާލްޑޯގެ ސަޕޯޓަރުންނަށް އޭނާގެ ދިފާއުގައި ނިކުންނަންޖެހޭ އެހެން ވާހަކައެއް ފެން މަތިވެފައެވެ

ރޮނާލްޑޯ އުމުރުން 34 އަހަރުގެ ކެތުރީން މަޔޯގާ ރޭޕްކުރި ވާހަކަތަކާއެކު އަނެއްކާވެސް ‘އެހެން އަންހެނަކު’ މިވަނީ ރޮނާލްޑޯ އޭނާވެސް ރޭޕްކުރިކަމަށް ބުނެފައެވެ. ކެތުރީންގެ ވަކީލު ބުނެފައިވަނީ ކޮންމެވެސް އަންހެނަކު އޭނާއަށް ގުޅާ ރޮނާލްޑޯ ކަންތައް ކުރި ގޮތް ކިޔައިދީފައިވާ ކަމަށެވެ. “އަހަރެން އެ މައްސަލަވެސް ލަސް ވޭގަސްގެ ފުލުހަށް ހުށަހަޅާނަން” ވަކީލު ބުނެފައިވެއެވެ. އަދި މިހާތަނަށް އެ އަންހެންމީހާގެ އެއްވެސް މައުލޫމާތެއް މީޑިއާގައި ހިއްސާކޮށްފައި ނުވާއިރު މި ވާހަކަތަކަށް އަދި ރޮނާލްޑޯގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ

މީޑިއާ އާއި ވާހަކަދައްކަމުން ކެތްރީން ބުނެފައިވަނީ 2009 ވަނަ އަހަރު ރޮނާލްޑޯ، އޭނާ ދިރިއުޅޭ ޕޭންޓްހައުސްއަށް ކެތްރީން ގެންދިއުމަށްފަހު އޭނާ ރޭޕް ކުރިކަމަށެވެ

ލަސް ވޭގަސްގެ ފުލުހުން ބުނެފައިވަނީ 13 ޖޫން 2009 ގައި ކެތުރީން، ރޭޕް ގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް އެ އަމަލު ހިންގި ފަރާތާއި ބެހޭ އެއްވެސް މައުލޫމާތެއް ދީފައިނުވާކަމަށެވެ. އަދި އެ މައްސަލަ ބެލުން ހުއްޓާލަން ޖެހުނީ ކެތުރީންގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބިގެން ކަމުގައި ފުލުހުން ވަނީ ބުނެފައެވެ .