އެއްވެސް ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެެހުނު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަ ސީޒަނުގެ ނިޔަލަށް ކުލަބުގައި މަޑުކުރަން ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ފަހަކަށް އައިސް ޔުނައިޓޑުގައި ރޮނާލްޑޯގެ އަސްލުކުޅުން ދެއްކިފައި ނުވާތީ ޔުނައިޓެޑުގެ ސަޕޯޓަރުންނާއި ކުލަބުގެ ކުރީގެ ބައެއް ފުޓްބޯޅަ ލެޖެންޑުންގެ ފާޑުކިޔުންތައް ރޮނާލްޑޯއަށް އަމާޒުވެފައި ވާއިރު، މި ސީނަޒަނަށް ފަހު އޭނާ ކުލަބު ދޫކޮށްލަން ވިސްނަމުން އަންނަ ކަމުގެ ޚަބަރުތައް މީޑިއާގައި ވަނީ ތިލަވެފައެވެ. ނަމަވެސް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ޚަބަރު ފަތުރާ ގޮތުގައި ރޮނާލްޑޯ އޭނާ ޔުނައިޓެޑާއި އެކު ހަދާފައިވާ ދެ އަހަރުގެ އެއްބަސްވުން ހަމަވަން ދެން ކުލަބުގައި މަޑުކުރާ ގޮތައް ވަނީ ނިންމާފައެވެ. ނަމަވެސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު މުބާރާތަށް ޔުނައިޓެޑް ކޮލިފައި ނުވެއްޖެ ނަމަ ރޮނާލްޑޯ ކުލަބުގައި މަޑުނުކުރާނެ ކަން ވަނީ ޔަގީން ވެފައެވެ.
މީގެ ކުރިން ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭސް އާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ ރޮނާލްޑޯ ޔުނައިޓެޑުގައި މަޑުކުރާނީ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގު ކުޅެވޭ ނަމައެވެ. ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑަށް ވާދަ ނުކުރެވޭ ނަމަ އޭނާ ކުލަބުގައި މަޑުނުކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ނިމިގެން ދިޔަ އަހަރު އިޓަލީގެ ޔުވެންޓަސް އިން ޔުނައިޓެޑާއި ގުޅުނު ރޮނާލްޑޯ ޔުނައިޓެޑާއި އެކު ހަދާފައިވަނީ ދެ އަހަރުގެ އެއްބަސްވުމެކެވެ. އެގޮތުން ރޮނާލްޑޯ ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ދުނިޔޭގެ ފުޓްބޯޅައިގައިގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިއާ ރޮނާލްޑޯ އަށް މި ސީޒަނުގައި ކުރިމަތިވެފައިވާ ނާކާމިޔާބީ އަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ތަޖުރިބާ ކޮށްފައި ނުވާ ނާކާމިޔާބީއެކެވެ. ރޮނާލްޑޯ މިހާތަނަށް އޭނާ ކުޅުނު ކޮންމެ ކުލަބަކާއި އެކުވެސް ކާމިޔާބީތަކެއް ކާސިލްކޮށްފައިވާއިރު، މި ސީޒަނުގައި ޔުނައިޓެޑާއި އެކު ސީޒަން ނިންމާލަން ޖެހިފައިވަނީ ހުސްއަތާކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ފަހަރުގެ ސީޒަނުގައި ޔުނައިޓެޑަށް އެނބުރި އައިސް ރޮނާލްޑޯ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 24 މެޗުގައި 12 ގޯލު ޖަހައިދީފައެވެ.