އެންމެ ފަހުން މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅެ މެންޗެސްޓާ ޔުނައިޓެޑު 1-4 އިން ބަލިވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާފައި ނުވަނީ އަނިޔާގައި ހުރުމުން ނޫން ކަމަށް ރޮނާލްޑޯގެ އެއްބަނޑު އެއްބަފާ ކޮށްކޮ ކާޓިއާ އެވެރިރޯ ބުނެފިއެވެ.
ރޭގެ މެޗަށް ފަހު އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ކާޓިއާ ބުނެފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑުގެ ސްކޮޑުގައި ހިމަނާފައިނުވަނީ އަނިޔާގެ މައްސަލަ ހުރުމުން ނޫން ކަމަށާއި، އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ. ކާޓިއާގެ ޕޯސްޓުގައި ބުނެފައިވަނީ ރޮނާލްޑޯ ހުރީ އެއްވެސް އަނިޔާގެ މައްސަލައެއް ކުރިމަތި ނުވެ ސިއްޚަތު ސަލާމަތުން 100 ޕަސަންޓް ފިޓުކޮށް ކަމަށެވެ.
” ރޭ ސިޓީއާއި ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗުގެ ސްކޮޑުން ރޮނާލްޑޯ ބާކީ ކުރީ އޭނާ އަނިޔާގައި ހުރުމަކުން ނޫން. އެއީ ދޮގެއް. ރޮނާލްށޯ ހުރީ ހަމަ ސިއްޚަތު ސަލާމަތުން 100 ޕަސަންޓް ފިޓުކޮށް.” ކާޓިއާގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވެއެވެ.
ރޮނާލްޑޯ ރޭގެ މެޗަށް ނެގި ޔުނައިޓެޑްގެ ސްކޮޑުގައި ހިމަނާފައި ނުވާ މައްސަލާގައި ޔުނައިޓެޑުގެ ސަޕޯޓަރުންވެސް އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުމުގެ ބަސްތައް ރައްދުކޮށް ޕޯސްޓުތައް ހިއްސާކުރަމުންނެވެ.
މި މައްސަލާގައި ޔުނައިޓެޑުގެ ކޯޗު ރަލްފް ރަންގްނިކް ބުނެފައިވަނީ ރޭގެ މެޗަށް ސިޓީއާއި ދެކޮޅަށް ނެގި ޔުނައިޓެޑުގެ ސްކޮޑުގައި ރޮނާލްޑޯގައި ހިމަނާފައި ނުވަނީ ޔުނައިޓެޑުގެ މެޑިކަން ޓީމުން ރޮނާލްޑޯ ފިޓް ނޫން ކަމަށް ބުނެފައި ވުމުން ކަމަށެވެ. ޔުނައިޓެޑުގެ މެޑިކަލް ޓީމާއި ހަވާލާދީ ރަންގްނިކް ބުނީ ރޮނާލްޑޯ އެންމެ ފަހުން ބޭއްވި ފަރިތަކުރުން ތައްވެސް ފުރިހަމަ ކޮށްފައި ނުވާ ކަމަށާއި، އޭނާ ފަރިތަކުރުންތައް ފުރިހަމަ ކޮށްފައި ނުވަނީ އުނަނގަޑަށް އަނިޔާވެފައި ވުމުން ކަމަށް ވެސް ރަންގްނިކް ވަނީ ބުނެފައެވެ.
” ރޮނާލްޑޯ ހުރީ އަނިޔާގައި. އޭނާގެ އުނަގނަޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ސިޓީގެ މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތައް ވެސް ފުރިހަމަ ކޮށްފައެއް ނުވޭ. އަހަރެން ބެލީ ކުލަބުގެ މެޑިކަލް ޓީމުގެ ލަފަޔަށް. މެޑިކަން ޓީމުން އެންގީ ރޮނާލްޑޯ ފިޓު ނޫން ކަމަށް.” ރޭގެ މެޗަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން ރަންގްނިކް ބުނެފައިވެއެވެ.
ރޭ ސިޓީއާއި ދެކޮޅަށް ޔުނައިޓެޑު ކުޅުނު ޑާބީ މެޗުން ޔުނައިޓެޑް ބަލިވީ 1-4 ގެ ނަތީޖާ އަކުންނެވެ. މި މެޗަށް ފަހު ގިނަ ބަޔަކު ދަނީ ޔުނައިޓެޑުގެ ދައް ކުޅުމާއި މެދު ހިންހަމަ ނުޖެހިގެން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ރޭގެ ބައްޔާއި އެކު ޔުނައިޓެޑަށް ވަނީ ލީގުގެ ގަދަ ހަތަރަކުން ވެސް ފުރުސަތު ގެއްލިފައެވެ. ހަތަރު ވަނާގައި މިވަގުތު އޮތީ ޔުނައިޓެޑަށް ވުރެ އެއް ޕޮއިންޓު އިތުރަށް ހޯދައިގެން އާސެނަލްއެވެ.