އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅޭ މެންޗެސްޓާ ޑާބީ މެޗުގައި އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭނެކަން ޔަގީންވެއްޖެއެވެ.
މިރޭ ސިޓީގެ އަމިއްލަ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެންޗެސްޓާ ޑާބީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ރޮނާލްޑޯ މިރޭ ސިޓީއާއި ދެކޮޅަށް ކުޅެން ނެތި 21 ކުޅުންތެރިންގެ ސްކޮޑުގައި ރޮނާލްޑޯ ހިމެނިފައިނުވާކަން ފާހަގަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ޔުނައިޓެޑުގެ ކުޅުންތެރިން މެޗުގެ ކުރިން މަޑުކުރުމަށް ހަމަޖެހިފައިވާ ލޯރީ ހޮޓެލްޢަށް ދިޔަ ޓީމުގައި ރޮނާލްޑޯ ނެތްކަން ގިނަ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ. ލޯރީ ހޮޓެލްއަށް ދިޔަ ޔުނައިޓެޑުގެ ސްކޮޑުގައި ރޮނާލްޑޯ ހިމެނިފައި ނެތުމުން ގިނަ މީޑިއާތަކުން ވަނީ އެކަން ފާހަގަކޮށް ތަފާތު ގޮތްގޮތައް ޚަބަރުފަތުރާފައެވެ.
ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި ހިލްޓަން ހޮޓަލަށް ދިޔަ ސްކޮޑުގައި ރޮނާލްޑޯ ނެތް ނަމަވެސް ކުލަބުން ރަސްމީކޮށް ރޮނާލްޑޯ މިރޭގެ މެޗަށް ނެގި ޔުނައިޓެޑުގެ ސްކޮޑުގައި ހިމަނާފައި ނުވާކަން ރަސްމީ ސިފައެއްގައި ހާމަކޮށްފައި ނެތުމުން ރޮނާލްޑޯ ސިޓީއާއި ދެކޮޅަށް މިރޭ ފެނިގެން ދިއުން ގާތްކަމަށް ބުނެ ޚަބަރު ފަތުރާފައިވެއެވެ.
ރޮނާލްޑޯ މިރޭ ޑާބީ މެޗުގައި ނުކުޅޭނެ ކަން ޔަގީންވެފައިވަނީ ރޮނާލްޑޯ އޭނާގެ އިންސްޓަގްރާމް ގައި ކުރި ޕޯސްޓަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ރޮނާލްޑޯ އޭނާގެ އިންސްޓަގްރާމްގައި މިރޭގެ މެޗުގައި އޭނާއަށް ފުރުސަތު ގެއްލުނު ސަބަބެއްކަމުގައި ބުނެފައިވާކަމަށް ރިޕޯޓުތަކުގައި ބުނެފައިވަނީ މިރޭގެ މެޗަކީ ކޮންމެ ހެންވެސް މޮޅުވުން މުހިންމު މެޗަކަށް ވުމުން ޓެކްޓިކަލީ ޓީމު ރޭވުމުގައި ޑިފެންސް ލައިނަށް ބޮޑަށް އިސްކަން ދޭންޖެހޭތީ ކަމަށް ކޯޗު ރަންގްނިކް ބުނެފައިވާ ކަމަށެވެ.
ރޮނާލްޑޯގެ އިތުރުން މިރޭ ސިޓީއާއި ދެކޮޅަށް ޔުނައިޓެޑް މިރޭ ކުޅޭ މެޗުގައި ކަވާނީ އާއި ލުކް ޝޯގެ އިތުރުން ރަފޭލް ވެރާން އަށް ވެސް ސްކޮޑުގައި ހިމެނިފައި ނުވާކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.
ފަހަކަށް އައިސް ވަރަށް ބޮޑަށް ފޯމު ދައްވެ ރަނގަޅު ކުޅުމެއް ރޮނާލްޑޯއަށް ދެއްކިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައްް އޭނާއަށް އަންނަނީ އަމާޒުވަމުންނެވެ. ބައެއް ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި މިރޭގެ މެޗުން ރޮނާލްޑޯއަށް ފުރުސަތު ނުދޭން ކޯޗު ނިންމީ ފަހަކަށް އައިސް އޭނާގެ ފަރާތުން ފެންނަމުން ދާ ދައް ކުޅުމުގެ ސަބަބުންނެވެ.
ލީގުގައި އެންމެ ފަހުން ނިމިގެން ދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ ސިޓީއާއި ދެކޮޅަށް ޔުނައިޓެޑު ކުޅުނު ޑާބީ މެޗުން ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 0-2 ނެ ނަތީޖާއިން ސިޓީ އަތުން ބަލިވެފައެވެ. މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ރޮނާލްޑޯ ކުޅެފައިވާއިރު، މި މެޗުގައިވެސް ރޮނާލްޑޯއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އޭގެ ފަހުން ލީގުގައި ލިވަޕޫލް އަތުން 5-0 އިން އަމިއްލަ ދަނޑުގައި ބަލިވި މެޗަށް ފަހު، ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗާއި ޗެމްޕިއަންސް ލީގުގައި އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑާއި ކޯޗު ސަލާމަތް ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުތަކުންނެ އެެވެ.
ރޮނާލްޑޯ އެންމެ ފަހުން ޔުނައިޓެޑް ކުޅުނު 10 މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވާއިރު، އޭނާއަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ.
މިރޭގެ މެޗަކީ ޔުނައިޓެޑަށް ކޮންމެ ހެންވެސް މޮޅުވުން މަޖުބޫރު މެޗަކަށް ވެފައިވާއިރު، މިރޭގެ މެޗުން އެޓީމު ސިޓީއަތުން ބަލިވެއްޖެ ނަމަ ލީގުގެ ގަދަ ހަތަރެއްގެ ފުރުސަތު ގެއްލިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މި ފަހުން ޔުނައިޓެޑުން ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި ޔުނައިޓެޑަށް ވަރަށް ބޮޑަށް ފާޑުކިޔާ ޕޯސްޓުތައް ހިއްސާކުރަމުންނެވެ.