ކޮންމެ ރެއަކު ޕީޕީއެމުން ކުރަމުން ދަނީ ގާނޫނާ ހިލާފު މުޒާހަރާތަކެއް ކަމަށާއި އެކަން ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ
ލަންކާގައި ތިއްބެވި އީސީގެ ހަތަރު މެމްބަރުންނާއެކު ކޮމިޝަންގެ ރައީސް ވެސް ބައިވެރިވެ ވަޑައިގެންމިއަދު ބޭއްވެވި ޓެލެ ކޮންފަރެންސެއްގައި ، ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނެ، ޕީޕީއެމް އޮފީހުގެ ދޮރުމަތީގައި ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާއަކީ ޕީޕީއެމުން ކުރާ ކަމެއްތޯ ޔަގީންކުރުމަށް އެ ޕާޓީ އަށް ސިޓީއެއް ފޮނުވުމަށް ވަނީ ނިންމައިފަ އެވެ. އަދި ކޮމިޝަންގެ މެމްބަރުން ވަނީ އެކަމަކީ ޕީޕީއެމް އިން ކުރާ ކަމަކަށް ވާނަމަ، އެކަން ވަގުތުން ހުއްޓާލުމަށާއި މުޒާހަރާ ތަކުރާރުކުރާ ނަމަ، ފިޔަވަޅު އަޅަން ނިންމާފައެވެ
މީގެ އިތުރުން އީސީގެ މެމްބަރު އަކްރަމް ވިދާޅުވީ ޕީޕީއެމް އޮފީހުގެ ދޮރުމަތީގައި ކުރަމުންދާ މުޒާހަރާތަކަކީ އެއްވެ އުޅުމުގެ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގަވައިދާ ހިލާފަށް ކުރަމުންދާ މުޒާހަރާތަކެއް ކަމަށާއި އެހެންވެ، އެކަން ހުއްޓުވައި ދިނުމަށް އެދި ފުލުހުންނަށް ހުށަހެޅުމަށް ވެސް ނިންމާފައިވާކަމަށެވެ
ރިޝްވަތު ނަގައިގެން ވޯޓުން ވައްކަންކޮށްފައިވާ ކަމަށް ބުނެ ޕީޕީއެމް އިން އީސީގެ މެމްބަރުންގެ މައްޗަށް ކުރަމުންދާ ތުހުމަތު ތަކާއި ގުޅިގެން އަކްރަމް ވިދާޅުވީ ސާބިތު ނުހިފޭ ވާހަކަ ދައްކާ ނަމަ އެ މީހުންގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެ ވާހަކަތައް ޓީވީން ބްރޯޑްކާސްޓް ކުރާ ޗެނަލްތަކުގެ މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް، ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް އަކްރަމްވަނީ ވިދާޅުވެފައެވެ