English Edition
Dhivehi Edition
ވޯޓު ފޮއްޓެއް

ޒުވާނުންގެ ތެރެއިން 18 އަހަރު ފުރިގެން ވޯޓު ލާން ގިނަ ފަރާތްތަކެއް ޝައުގުވެރިނުވުމަކީ މުސްތަގުބަލަށްބަލާއިރު ގޯސް ފާލެއް ކަމަށާއި އެކަމަށް ޤައުމީ ފެންވަރުގައި އަވަސް ހައްލެއް ބޭނުންވާކަަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެ އެވެ.

ހަސަން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލަށް ވޯޓުލުމުގެ ހައްގު ލިބި 18 އަހަރު ފުރިފައިވާ ގިނަ ޒުވާނުންނަކީ ވޯޓުލުމަށް ޝައުގު ނުހުންނަ ފަރާތްތައް ކަަމަށާއި މި މައްސަލައަށް ގައުމީ ފެންވަރުގައި ހައްލުކުރަން ޖޭހޭކަމަށެވެ.

ޒުވާނުން ވޯޓު ނުލާ ސަބަބުތައް ދެނެގަތުމުގެ ގޮތުން އިލްމީ ދިރާސާއެއް ކުރުމުގެ މުހިއްމުކަން ފާހަގަކޮށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުންވެސް ޒުވާނުން ވޯޓުލާން ޝައުގުވެރިކުރެވޭނެ ފަދަ ކަކަން ހޯދުމުގެ މަސައްކަތް ކުރަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.

“ރާއްޖޭގައި ޒުވާނުން ވޯޓުލާ މިންވަރު މަދުވާ ސަބަބު ދެނެގަންނަން ޖެހޭ. މަޖިލިސް އިންތިހާބަށް ގިނަބަޔަކު ވޯޓުލާން ނުނުކުތް ސަބަބުތަކެއް އެބަހުރި,” -ހަސަން ޒަކަރިއްޔާ-

ވޯޓުލާ މީހުންގެ އަދަދު އިތުރުވާ ނަަަމަވެސް މިފަހުން އައިސް ވޯޓުލާ މީހުންގެ ނިސްބަތް މަދުވަމުންދާ ކަމަކީ ކަންބޮޑުވާންވީ ސަބަބެއްކަމަށް އިލެކްޝަންސް ގެ މެމްބަރު ހަސަން ވަނީ ފާހަގަކުރަށްވައިފައެވެ.

މިފަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބަކީ މިހާތަަނަށް ބޭއްވި ހުރިހާ ބޭއްވި މަޖިލިސް އިންތިހާބުތަކުގެ ތެރެއިން ވޯޓުލީމީހުންގެ ނިސްބަތް އެންމެ މަދު އިންތިހާބުކަމަށްވާއިރު މި އިންތިހާބުގައި ވޯޓުލާފައިވަނީ ވޯޓު ލުމުގެ ހައްގު ލިބައިފައިވާ މީހުންގެ ތެރެއިން އެންމެ 75 އިންސައްތަ އެވެ.

ޓެގު