English Edition
Dhivehi Edition
އީސީގެ ނައިބުރައީސްކަން ކުރެއްވި ހަބީބު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބު 21 އަހަރު އެކޮމިޝަނަށް ހިދުމަތްކުރެއްވުމަށްފަހު މިއަދު އެ ކޮމިޝަނުން ވަކިވެ ވަޑައިގެންފިއެވެ.

ހަބީބު އެ ކޮމިޝަނުން މިއަދު ވަކިވެ ވަޑައިގެންފައިވަނީ އޭނާ ފުރުއްވަމުން ގެންދެވި ކޮމިޝަނުގެ މެންބަރުކަމުގެ ދައުރު ހަމަވުމުންނެވެ.

ގާނޫނު ބުނާގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ދައުރު އެއްވެސް މީހަކަށް އަދާކުރެވޭނީ ޖެހިޖެހިގެން ދެ ދައުރުއެވެ. އީސީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ. ހަބީބު ވަނީ މެންބަރުކަމުގެ ދެ ދައުރު ފުރުއްވާފައެވެ.

މެންބަރަކަށް ވެ ވަޑައިގެންނެވުމުގެ ކުރިން ވެސް ހަބީބު ވަނީ އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި 11 ވަރަކަށް އަހަރު މަސައްކަތް ކުރައްވާފައެވެ. ކުރިން އިލެކްޝަންސް ކޮމިޝަނަށް ކިޔަނީ “އިންތިހާބުތަކާބެހޭ އޮފީސް” އެވެ.

ދައުރުހަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގަތްކަން ހަބީބު މިއަދު އިއުލާނުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

ހަބީބްގެ ދައުރު ހަމަވާތީ އޭނާގެ ބަދަލުގައި އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ހަސަން ޒަކަރިއްޔާގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

ކޮމިޝަނަށް މެންބަރަކު ހޮވުމަށް ޒަކަރިއްޔާގެ ނަމާއެކު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި އެހެން 13 ބޭފުޅެއްގެ ނަން ވެސް ރައީސް މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވައިފަ އެެވެ.

މެމްބަރަކު އައްުޔަނުކުރުމާ ގުޅޭ މައްސަލަ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ވަނީ މަޖިލީހުގެ މިިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.

އިލެކްޝަންސް ކޮމިޝަން މެންބަރުކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަން ކުރީ 2013 ގައެވެ. ފުރަތަމަ ދައުރު ހަމަވެ ދެ ވަނަ ދައުރަށް އައްޔަން ކުރީ 2019 ގައެވެ.

އީސީން ވަކިވެ ވަޑައިގަންނަވަމުން ހަބީބް ވިދާޅުވެފައިވަނީ, ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނާއި، މުއައްސަސާތަކުންނާއި ނޫސްވެރިންގެ އިތުރުން ސިޔާސީ ޕާޓީތަކުން އޭނާއަށް ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ.

ޓެގު