ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ މަންދޫބުން މިއަދު ސޮއިކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މިއަދު ހެނދުނު 10:00 ގައި ކުރިއަށްދިޔަ މި ސޮއިކުރުމުގެ މަސައްކަތާ އެކު، އިންތިހާބުގެ އެންމެހާ އިންތިޒާމުތައް ފުރިހަމައަށް ނިމިފައިވާ ކަމަށެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހް ރަޝީދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4،121 މީހުންނަށް ލިބިގެންވެއެވެ. އިންތިހާބުގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކޮށް ނިމިފައިވާއިރު، މި އިންތިހާބަށް ބޭނުންވާ 4،154 ވޯޓު ކަރުދާސް މިހާރު ޗާޕުކޮށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އިންތިހާބުގައި ޖުމްލަ 7 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން 5 ފޮށި ބަހައްޓާނީ އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައެވެ. އަދި މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓުލުމަށްޓަކައި ދަރުމަވަންތަ ސްކޫލުގެ ދެކުނު ފަރާތު އިމާރާތުގައި 2 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވަނީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންނެވެ. ކެންޑިޑޭޓް ނަންބަރު 1 ގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ނުކުންނަވަނީ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ސައީދެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓް ނަންބަރު 2 ގައި ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)އެވެ.
މި ޖޫން މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާނެއެވެ. ވޯޓުލާ މީހުންގެ ރަސްމީ ރަޖިސްޓަރީ ސަރުކާރުގެ ގެޒެޓުގެ އިތުރުން އީސީގެ ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ފެންނަން ހުންނާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.