English Edition
Dhivehi Edition
.
މުދައްރިސުންނަކީ އަޅުގަނޑުމެންގެ ލޮބުވެތި ދަރީންގެ ދެވަނަ މައިންބަފައިންނެވެ. މުޖުތަމަޢުގެހުރިހާ ފަރުދުންގެ ކިބައިގައި އަށަގެންނެވުމަށް ކަނޑައަޅައިފައިވާ ޢިލްމާއި،ހުނަރާއި،އުޞޫލުތަކާއި،އަޚްލާޤާއި އިސްލާމީ ޢަޤީދާ ހިމެނޭ ތަޢުލީމީ ޕްރޮގްރާމު ހިންގައިދޭ ހިވާގި މުރާލި ޒިންމާދާރު މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިންނެވެ.
ސ.ހިތަދޫ އަށް އުފަން ފާތުމަތު ފަރުހާދު ނުވަތަ ފަރު އަންޓީއަކީ ވެސް މިފަދަ ހިތްވަރުގަދަ މުރާލި އަޒުމްވަރުގަދަ މުދައްރިސެކެވެ .1990 ވަނަ އަހަރުން ފެށިގެން ކުދިންނަށް އިލްމު އުގަންނައި ދިނުމުގެ މަސައްކަތުގައި ކުރިއަށްދަނީ ފޫހިކަމެއް ވަރުބަލިކަމެއް ނެތިއެވެ
ފަރުއަންޓީ ކިޔަވައިދެމުން އަންނަނީ އައްޑޫ ސިޓީ މީދޫ ޝަރީފީ ޕްރީ ސްކޫލްގައި ކަމުގައިވިޔަސް ފަރުއަންޓީ ނުދަންނަ މީހަކު އައްޑޫ ސިޓީގައި މަދުވާނެއެވެ. ތައުލީމީ ދާއިރާގައި މެދު ކެޑުމެއްނެތި 28 އަހަރު ހިދުމަތްކޮށްދެއްވެފައިވާ ފަރުއަންޓީއަކީ އެންމެންގެވެސް ލޯބި ލިބިފައިވާ ‘އެންމެ ފެވަރިޓް އަންޓީ’އެެވެ
ތައުލީމީ ދާއިރާ ނިކުމެވުނު ގޮތާއި ބެހޭ ގޮތުން ވާހަކަދައްކަމުން ފަރުއަންޓީ ބުނެފައިވަނީ އެންމެ ފުރަތަމަ މަސައްކަތްކުރީ ޕްރައިމެރީ ޓީޗަރެއްގެ ގޮތުގައި ކަމަށެވެ. “1994 ވަނަ އަހަރު ޕްރީ ސްކޫލަށް ބަދަލުވި ގޮތަށް އަދިވެސް މި އުޅެނީ އެންމެ ތުއްތު ކުދިންނާއެކު” ފަރު އަންޓީ ބުންޏެވެ.
އެއް އުމުރެއްގެ ތުއްތު ކުދިންތަކަކަށް އުގަންނައި ދިނުމަކީ ވަރަށް ބުރަ މަސައްކަތަކަށްވީ ނަމަވެސް ފަރު އަންޓީގެ ހިތުގައި ކުޑަކުދިންނަށް ދެވިފައިވާ ލޯތްބެއްގެ ބޮޑުކަމުން މި މަސައްކަތްކުރަމުންދަނީ އެއްވެސް ބުަރަކަމެއް ނެތިއެވެ. ހުރިހާ ދަރިވަރުންނަކީވެސް ފަރުއަންޓީގެ އުފަން ކުދިންގެ ގޮތުގައި ދެކިގެން އެކުދިންނަކީ މުޖްތަމައުއަށް ބޭނުންތެރި ކުދިންނަށް ހެދުމުގެ މަސައްކަތްކުރަމުންދަނީ އެއްވެސް ކުއްޖަކު ތަފާތު ކުރުމެއް ނެތިއެވެ
. މި ދާއިރާގައި މަސައްކަތްކުރަމުންދާއިރު ފަރު އަންޓީ އެންމެ އުފާވަނީ ބެލެނެވެރިންގެ ލޯތްބާއި އިހުތިރާމު ލިބުމާއެކު ފަރުއަންޓީ އުގަންނައިދިން ދަރިވަރިވަރުން މުޖްތަމައުއަށް ބޭނުންތެރި ދަރިންނަށްވުމުންނެވެ.” އެންމެ އުފާވަނީ ޕްރީ ސްކޫލްގައި އުގަންނައި ދިން ދަރިވަރުން ރަގަޅު ނަތީޖާ ހޯދާ ރަގަޅު ވަޒީފާ ތަކުގައި އުޅޭތަން ފެނުމުން’. މިހާރުވެސް އެ ހުރިހާ ކުދިންވެސް އަންޓީދެކެ ވަރަށް ލޯބިވާނެ” ފަރުއަންޓީ ބުންޏެވެ
މި ދާއިރާގައި މަސައްކަތްކުރަމުންދާއިރު ފަރު އަންޓީ ދެރަވަނީ ހަމައެކަނި އެކުގައި މަސައްކަތްކުރާ އަންޓީން ވަކި ހިސާބަކުން ކިޔަވައިދިނުމުގެ ދާއިރާ ދޫކޮށްލާތީ ކަމަށް ފަރު އަންޓީ ބުންޏެވެ
.
ފަރުއަންޓީ ކިޔަވައިދިނުމަށް ހުރި ޝައުގެއްގެ ބޮޑުކަމުން އެއްވެސް ދުވަސްވަރެއްގައި އެކަމުން ލިބޭ އާމްދަނީއަކަށް ބަލާފައެއްނެތެވެ.އަބަދުވެސް ފަރުއަންޓީ މަސައްކަތްކުރަމުން ދިޔައީ ރަގަޅު މުޖްތަމައުއެއް ބިނާ ކުރުމަށެވެ. ކުދިންނާ މާލޭގައި ދިރިއުޅެމުންދާއިރުވެސް ފަރު އަންޓީ ރަށުގައި މަޑުކޮށްގެން ހުރުމުގެ އެންމެ ބޮޑު ސިއްރަކީ މި ދެރަށުގެ ދަރިވަރުން ދޫކޮށްލާފައި ދާން ބޭނުންނުވުމެވެ.
ފަރު އަންޓީއަށް މި މަސައްކަތުގައި ކުރިއަށް ދިއުމަށް އަބަދުވެސް އާއިލާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ. “ހާއްސަކޮށް ފިރިމީހާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. މިއީ ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ ދާއިރާއެއް އެކަމަކު ސްކޫލްގެ ކަމެއްގަ ކިތަންމެ ބިޒީ ވިޔަސް އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ”ފަރު އަންޓީ ބުންޏެވެ. މީގެ އިތުރުން މިދާއިރާއިން ކުރިއަށް ދިއުމަށް ފަރުއަންޓީއަށް އެންމެ ބޮޑު ހިތްވަރެއް ދޭ އެއްފަރާތަކީ ޝަރީފީ ޕްރީ ސްކޫލްގެ ޕްރިންސިޕަލް އަލީ ޝަރީފްކަމަށް އަންޓީ ބުންޏެވެ
.
“އަންޓީ ދުނިޔޭގައި ސަލާމަތުން ހުރިހާ ދުވަހު މި މަސައްކަތުގައި ދެމި ހުންނާނަން. މިއީ ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެއް” ފަރު އަންޓީ ބުންޏެވެ. މީގެ އިތުރުން ފަރުއަންޓީގެ ވާހަކަ ނިންމާލަމުންވެސް ބުނެފައިވަނީ އަންޓީގެ ދަރިވަރަކަށް ދުވަހަކުވެސް ދެރަ ގޮތެއް ވުމަށް ނޭދޭ ކަމަށާއި ހުރިހާ ކުދިންނަށްވެސް ކާމިޔާބަށް އެދޭ ކަމުގައެވެ