English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ގއ. ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލިންކިން ޕާރކް / ގއ. ކަނޑުހުޅުދޫ، މުހައްމަދު މަގުސަދު (45އ) އާއި ފުނަމާގެ / ގއ. ކަނޑުހުޅުދޫ، އަބްދުއްރައްޒާގު ހަސަން (50އ) އެވެ. މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.

ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން. މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު މަގުސަދު ފަސް ދުވަހަށް އަދި އަބްދުއްރައްޒާގު ހަސަން 10 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.