English Edition
Dhivehi Edition

2009 ވަނަ އަހަރު އެމެރިކާގެ އަންހެނަކު ރޭޕްކުރިކަމަށް ބުނެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަލުން ބަލަން ފަށައިފައިވާކަމަށް ލަސް ވޭގަސްގެ ފުލުހުން ބުނެފިއެވެ

މި މައްސަލަ ފުލުހުން އަލުން ބަލަން ފަށާފައި މިވަނީ ޖަރުމަނުގެ ޑާ ސްޕީގަލް މެގަޒިންގައި މި ވާހަކަ ޝާއިއުކޮށްފައިވަނިކޮށެވެ. އެ މެގަޒިންގައިވާ ގޮތުން ރޮނާލްޑޯ އުމުރުން 34 އަހަރުގެ ކެތުރީން މަޔޯގާ ރޭޕްކުރީ ލަސް ވެގާސްގެ ހޮޓަލެއްގައި ކަމަށާއި އެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ލަސް ވޭގަސްގެ ފުލުހުންނަށް އެ މައްސަލަ ހުށަހެޅިކަމަށެވެ

އެހެންނަމަވެސް 2010 ވަނަ އަަހަރު ކޯޓުން ބޭރުގައި ރޮނާލްޑޯގެ ޓީމާއި ކެތުރީންގެ ވަކީލުން ވަނީ އެއްބަސްވުމަކަށް އައިސްފައިކަމަށްމި މެގަޒިންއިންވަނީ ބުނެފައެވެ. އަދި އާންމުންނާ ހިސާބަށް އެ ހާދިސާގެ ޚަބަރު ނުގެންދިއުމަށް ޝަރުތުކޮށް ކެތުރީން އަށް ރޮނާލްޑޯގެ ފަރާތުން ތިން ލައްކަ ހަތްދިހަ ފަސްހާސް އެމެރިކާ ޑޮލަރު ދޭން އެއްބަސްވިކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް ފަހުން ރޮނާލްޑޯވަނީ އެގްރީމެންޓްގައިވާ ކަންތައްތަކާއި ހިލާފުވެފައިވާކަމަށް ކެތުރީންގެ ވަކީލުންވަނީ ބުނެފައެވެ

ލަސް ވޭގަސްގެ ފުލުހުން ބުނެފައިވަނީ 13 ޖޫން 2009 ގައި ކެތުރީން، ރޭޕް ގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް އެ އަމަލު ހިންގި ފަރާތާއި ބެހޭ އެއްވެސް މައުލޫމާތެއް ދީފައިނުވާކަމަށެވެ. އަދި އެ މައްސަލަ ބެލުން ހުއްޓާލަން ޖެހުނީ ކެތުރީންގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބިގެން ކަމުގައި ފުލުހުން ވަނީ ބުނެފައެވެ

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ސެޕްޓެމްބަރު 2018 ގައި ކަމަށާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް ދެވެން ނެތްކަމަށެވެ

މި މައްސަލައިގައި އިންސްޓާގްރާމް މެދުވެރިކޮށް ރޮނާލްޑޯ ބުނެފައިވަނީ އޭނާގެ މައްޗަށް އެކަހަލަ ބޮޑު އިލްޒާމެއް އަޅުވާފައިވަނީ އަމިއްލަ ފަރާތްތަކެއް ޕްރޮމޯޓްކުރުމުގެ ނިޔަތުގައިކަމަށެވެ. އަދި އެ އިލްޒާމު ދޮގުކުރަމުން ރޮނާލްޑޯ ބުނެފައިވަނީ އަމިއްލައަށް ޕްރޮމޯޓްވުމަށްޓަކައި އެފަދަ ވާހަކަތައް ދެއްކުމަކީ އާންމުކަމެއް ކަމުގައެވެ