ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ރައީސް އަލީ ވަހީދު މާލެ ވަޑައިގަންނަވާނީ މާދަމާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ
ކުރިން މިއަދު މާލެ ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ނަމަވެސް ބައެއް ގާނޫނީ ކަންކަން ހަމަޖައްސަން ޖެހުމުން މާދަމާ އަށް އެ ދަތުރު ފަސްކޮށްފައިވާކަމަށް ޖުމްހޫރީ ޕާޓީންވަނީ ބުނެފައެވެ. އެ ޕާޓީން ބުނެފައިވަނީ ގާސިމް އާއި އަލީ ވަހީދު އަކީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން، ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ދެ ބޭފުޅުންނަށް ވުމާއެކު، ރާއްޖެ ވަޑައިގަތުމުގެ ކުރިން ނިންމަންޖެހޭ ގާނޫނީ ކަންތައްތަކެއް އެބަހުރިކަމަށެވެ
ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ހުކުމެއް އިއްވާފައިވާ ގާސިމް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ދިރިއުޅުއްވަމުން ގެންދަވަނީ ޖަރުމަނުވިލާތުގައެވެ.
ގާސިމް ރާއްޖެ ވަޑައިގަންނަން ނިންމީ ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ