English Edition
Dhivehi Edition

ޗާގޮސް މައްސަލައިގައި ދިވެހިންނަށް ގެއްލިފައިވާ ކަނޑުގެ ސަރަހައްދު އަނބުރާ ހޯއްދެވުމަށް މިއީ އެންމެ އެކަށޭނަ ވަގުތުކަމަށާއި އެހެންކަމުން އެކަމަށް ވީހާވެސް އަވަހަކަށް މަސައްކަތް ފަށްޓަވައި ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލައްވައިފިއެވެ.

ގާސިމް މިފަދައިން ގޮވާލެއްވީ ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން މީގެ ކުރިން ގެންގުޅުނު ވިސްނުން ދޫކޮށްލަން އެ ގައުމުން ނިންމުމާގުޅިގެން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.

މިކަމާ ގުޅޭގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޗާގޮސްގެ މައްސަލައިގައި ދިވެހިންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައި ދެއްވުމަށް ވިސްނުންތެރި ކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފަށްޓަވައި ދެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހުން އެދިވަޑައިގެންފައި ވެއެވެ.

ގާސިމްގެ މެސެޖްގައި، އިނގިރޭސި ދައުލަތާއެކު އަވަސް މަޝްވަރާތަކެއް ފަށްޓަވައި، ޒަމާނުއްސުރެ ދިވެހިން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވައި، މިކަމުގައި ދިވެހިންނަށް ކާމިޔާބު ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ހަމަ އެއާއެކު، މި މަސައްކަތުގައި ދެއްވެންއޮތް ކޮންމެ އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވުމަށް އެމަނިކުފާނާއި، ޖުމްހޫރީ ޕާޓީވެސް އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައި ވެއެވެ.

ޗާގޯސް މައްސަލަ އިސްތިޢުނާފް ކުރެއްވުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމަވާފައިވާ ކަމެކެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއެރި ސަރަހައްދުގެ މައްސަލަ ނިންމައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) މައްސަލަ ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ 28 ވަނަ ދުވަހުއެވެ.