ޕީޕީއެމްގެ ކޮންގްރެސް ކުއްލިގޮތަކަށް ބާއްވަން ނިންމީ ރައީސް ޔާމީން އާއި އެ މަނިކުފާނުގެ ބައިވެރިންގެ ސިޔާސީ ހަޔާތް ނިމިގެންދާނެ ކަން ގަބޫލު ކުރެއްވޭ ހިސާބަށް ކަންކަން ދިޔުމުން ކަމަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ
ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ ރައީސް ޔާމީން އަކީ ދިވެހި ރައްޔިތުން ފެއިލް ކޮށްފައި ހުރި މީހެއް ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިބްރާހީމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާ ކުރެއްވުމާއެކު ރައީސް ޔާމީނަށް ޕާޓީގެ މުޝްތަޝާރުގެ މަގާމު ވެސް ގެއްލިގެން ދާނެކަމަށެވެ. އަދި އެ ހިސާބުން އެމަނިކުފާނު ވެގެން ދާނީ ބޭކާރު މީހަކަށްކަމަށް ނާދިރާ ވިދާޅުވިއެވެ
ރައީސް ޔާމިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނާދިރާ ވަނީ ފެއިލްވެފައިވާ މީހަކު އަނެއްކާ ޕާޓީގެ ލީޑަރަކަށް އައިސްގެން ކުރަން އުޅެނީ ކޮން ކަމެއްތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ. އަދި ރައީސް ޔާމީނަށް ބަހުގެ ހަމަލާތައް ދެއްވަމުން ނާދިރާ ވިދާޅުވީ މުޅި ޕީޕީއެމް ގަޑުބަޑު ކުރި މީހުންނަކީ ރައީސް ޔާމީން އާއި އެ މަނިކުފާނުގެ ބައިވެރިންކަމަށާއި ދިވެހި ރައްޔިތުން އޮތީ އެމީހުންނަށް ނޫނެކޭ ބުނެފައިކަމަށެވެ.އަދި އެމީހުންނަށް މި ގައުމުން އިތުރު ފުރުސަތެއް ނެތްކަމަށް ނާދިރާ ވިދާޅުވިއެވެ