އެމެރިކާ އިން ތުރުކީއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ
ރައީސް އުރުދުއާން މިހެން ވިދާޅުވީ އެމެރިކާގެ ފާދިރީއަކު ތުރުކީން ހައްޔަރުކޮށްފައިވާ މައްސަލާގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަޑިވަޅެއްގައެވެ. ޓެރަރިޒަމްގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ފާދިރީއާ މެދު ގޮތެއް ނިންމާނީ ކޯޓުން ކަމުގައި ތުރުކީން ބުނެފައި ވާއިރު އެމެރިކާއިން ވަނީ މި މައްސަލައިގައި ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ
އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ވިޔަފާރީގެ އެއްބަސްވުންތައް ކެންސަލްކޮށް، އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ތުރުކީ ހިމޭނުން ނުބޭއްވޭނެކަމަށެވެ.މީގެ އިތުރުން އުރުދުޣާން ވިދާޅުވީ އެމެރިކާއިން ނިންމާ ނިންމުމަކަށް ތުރުކީއިން ޖެހިލުންނުވާކަމަށެވެ
މިދިޔަ މަހު ރައީސް ޑޮނަލްޑް ޓްރަމްޕް، ތުރުކީން އެތެރެ ކުރާ އެލުމިނިއަމް އާއި ސްޓީލުން ދެ ގުނަ ޑިއުޓީ ބޮޑުކޮށްފައިވާއިރު އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ތުރުކީ ފައިސާގެ އަގު ވަނީ 40 ޕަސެންޓް ވެއްޓިފަ އެވެ. ތުރުކީން ވެސް ވަނީ އެމެރިކާ އިން އިމްޕޯޓް ކުރާ ރަލާއި ދުންފަތާއި ކާރުގެ ޑިއުޓީ ބޮޑުކޮށްފަ އެވެ