ބާރުގަދަ ތޫފާން ފްލޮރެންސް އެމެރިކާއަށް އެރުމާއި ގުޅިގެން އެ ގައުމުގެ އިރުން އޮންނަ ސަރަހައްދުތަކުގައި ފެންބޮޑުވެދާނެކަމުގެ އިންޒާރު އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ދީފި އެވެ
މިދިޔަ ހުކުރު ދުވަހު ނޯތު ކޮރޮލީނާ އަށް ތޫފާން އެރި އިރު ގަޑިއަކު 150 ކިލޯ މީޓަރު (90 މޭލު) ގެ ބޭރު މިނުގައި ވައިޖެހިފައިވާއިރު ތޫފާނުގެ ގަދަ ވިއްސާރަ އާއި ބޮޑު ރާޅު އެރުމުގެ ސަބަބުން އައްސޭރީގެ ހިސާބުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ
މި ތޫފާނުގައި މިހާތަނަށް ފަސް މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، އެތަކެއް ހާސް މީހުން ވަނީ ސަރުކާރުން ގާއިމުކުރެވިފައިވާ ވަގުތީ ހިޔާތަކަށް ޖަމާވެފަ އެވެ
ތޫފާނުގެ ސަބަބުން ވާޖީނިއާ، މޭރީލަންޑް، ވޮޝިންގްޓަން، ނޯތު އަދި ސައުތު ކެރޮލައިނާގައި މިހާރުވެސްކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު ތޫފާނުގެ އަސަރު އެމެރިކާގެ ދެކުނަށް ވެސް ކޮށްފާނެކަމަށް ލަފާކުރެވޭތީ، ޖޯޖިއާގައި ވެސް މިހާރު ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ
ނޯތު ކެރޮލީނާ އިން އެތައް ލައްކަ ގެއަކުން ކަރަންޓް ކެނޑިފައިވާ ކަމަށް ސްޓޭޓުގެ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީން ބުނެފައިވާއިރު ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނެފައި ވަނީ ތޫފާންގެ ވައިގެ ސްޕީޑް ތަންކޮޅެއް ދަށްވެފައިވާ ކަމަށެވެ. އަދި މި ތޫފާނުގެ ދަރަޖަ މިހާރުވަނީ ދަށް ކުރެވިފައެވެ
.