English Edition
Dhivehi Edition
ބޭއޮފް ބެންގޯލްގައި އުފެދިފައިވާ ތޫފާން ދަތުރު ކުރާނެ ކަމަށް ލަފާ ލުރެވޭ މިސްރާބް

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން މިހާތަނަށް އަދި ނެރެފައިނުވާ އޮރެންޖް އެލާޓް އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ މެދުތެރޭގެ ރަށްތަކަށް ނެރުމާއެކު ގިނަ ބަޔަކު މޫސުމާމެދު ސަމާލުވިއެވެ. އޮރެންޖް އެލާޓްގެ ކުރިން ވެސް އައީ ރާއްޖޭގެ އެކި ހިސާބަށް ވައި ގަދަވެ ކަނޑު ގަނދަވެ ވިއްސާރަވަމުންނެވެ. ބައެއް ހިސާބުތަކަށް އުދަ އަރާ މަންޒަރުގެ ފޮޓޯއާއި ވީޑިއޯތަކުން ސޯޝަލް މީޑިއާ ފުރާލަމުންދާއިރު އެކި ހިސާބުތަކަށް މިވިއްސާރާގައި ގިނަ ގެއްލުންތަކެއްވެސް އަންނަނީ ލިބެމުންނެވެ.

މިއީ ބޭއޮފް ބެންގޯލްގައި އުފެދިފައިވާ ޑިޕްރެޝަނަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ވިދާޅުވެފައެވެ. މިއަދުގެ ވަގުތެއްގައި ބޭއޮފްބެންގޯލް ގައި އުފެދިފައިވާ ޑިޕްރެޝަން ތޫފާނަކަށް ބަދަލުވެ ރާއްޖެއާއި ދުރަށް މިސްރާބު ހިފާނެ ކަމަށް މެޓް އޮފީހުން ވިދާޅުވާއިރު މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ މިތޫފާނުގެ ނުސީދާ އަސަރެއް ކަަމަށް ބެލެވެއެވެ.

އެއްވެސް ޙާލެއްގައި ރާއްޖޭގެ ސަރަޙައްދުގަ ތޫފާނެއް އުފެދިގެނެއް ނޫޅޭ. އެ ސިސްޓަމމް ހުރީ ބޭއޮފް ބެންގޯލްގައ. ޑީޕް ޑިޕްރެޝަނަކަށް އޭތި ބަދަލު ވުމަށްފަހު މިއަދުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ. ރާއްޖެއަށް މިތޫފާނުގެ ސީދާ އަސަރެއް ނުކުރާނެ. ތޫފާނުގެ އިންޑައިރެކްޓް އަސަރު މިކުރަނީ. ކުރިއަށް އޮތްތާނގަވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ.ހުޅަނގު މޫސުންވީމަ އަބަދުވެސް މިގޮތަށް މޫސުމީ ވިއްސާރަ ކުރާނެ.

އެސިސްޓެންޓް މީޓީއޮރޮލޮޖިސްޓް ޢަބްދުﷲ ޙާފިޒް

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމްގެ ބާރު ގަދަވެ ރާއްޖޭގެ ބޮޑު ބަޔަކަށް މިދަނީ ގަދަ ވަޔާއެކު ވިއްސާރަ ކުރަމުންނެވެ. މިއާއެކު ރާއްޖެއާއި ދުރުން ބޭއޮފްބެންގޯލް ގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައި ވުމާއި އަދި ހުޅަނގު މޫސުން ކުރިއަށް ޖެހެމުންދާ ވަރަކަށް ރާއްޖެއަށް ވިއްސާރަ ކުރާނެއެވެ.

މިއަދު ހަވީރު 6 އާއި ހަމައަށް މެޓް އޮފީހުން މޫސުން ލަފާކޮށްފައިވާ ގޮތުން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެއެވެ. ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެ އެވެ. ކަނޑު ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށް ލަފާ ކުރެވޭތީ ޢާއްމުކޮށް ހުރިހާ ފަރާތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.

ރާއްޖެއަށް އޮރެންޖް އެލާޓް ފުރަތަމަ ފަހަރަށް ނެރުނު ސަބަބު ހާމަކޮށްދެއްވަމުން މީޓިއޮރޮލޮޖިސްޓް ޙާފިޒް ވިދާޅުވީ ހުދު ރީނދޫ އަދި ރަތް ކުލަ ބޭނުން ކުރާތާ ދުވަސްތަކެއް ވެދިޔަ ފަހުން މިހާރު މޫސުމާ ބެހޭ ބައިނަލް އަޤްވާމީ އިދާރާތަކާއި އޯގަނައިޒޭޝަންތައް ގުޅިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ކޮމަންއެލާޓް ޕްރޮޓޮކޯލް އެއް ޤާއިމް ކުރެވިފައިވާ ކަމަށާއި އެޕްރޮޓޮކޯލްގައި އެރެންޖް އެލާޓް އިތުރު ކޮށްފައިވާކަމަށެވެ.

އިއްޔެ އޮރެންޖް އެލާޓް ނެރެފައިވަނީ 34މޭލާއި 42 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވުމާއެކު ބޯކޮށް ވާރޭ ވެހި އާދަޔާއި ޚިލާފަށް ކަނޑު ގަދަވާނެ ކަމަށް ލަފާކޮށެވެ.

ބޭއޮފް ބެންގޯލްގައި މިއަދު އުފެދޭ ނުރައްކާތެރި ތޫފާން ކެޓަގަރީ 3 ގެ ތޫފާނަކަށް ބަދަލުވެ އިންޑިއާގެ އުތުރުން ބަނގްލަދޭޝް ބޯޑަރާއި ހަމަޔަށް ދަތުރު ކުރާނެ ކަމަށް ބެލެވެއެވެ.

މޫސުމާބެހޭ އިދާރާތަކުން މިތޫފާނުގެ ނުރައްކާ އިންޑިއާގެ ކަލްކަތާ ،ޑާކާ،ޗިޓޮގަން،ބަންގްލަދޭޝް އަދި މިއަންމާ އަށް ވެސް ކުރާނެކަމުގެ އިންޒާރު ދީފައިވެއެވެ. މިސަރަޙައްދުތަކަށް ތޫފާން އަރާނެ ކަމަށް ބެލެވެނީ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދުއެވެ. ބޯވިއްސާރައާއި ގަދަ ވަޔާއެކު ކަނޑު ގަދަވުމުގެ ސަބަބުން އައްސޭރި ފަށުގައި ވާ ރަށްތަކަށް ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތައް ކުރިމަތިވާނެއެވެ. ޚާއްސަކޮށް ކޮވިޑް 19 ގެ އުނދަގޫ މި ދަނޑިވަޅު މިކަމުން އަރައިގަތުމުގައި ވަރަށް ބޮޑެތި ދަތިތަކާ އެޤައުމު ތަކުން ކުރިމަތިލާން ޖެހޭނެއެވެ.