English Edition
Dhivehi Edition

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ތޫފާން ‘އަސަނި”ގެ ބާރު ގަދަވާނެ ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މި ތޫފާނުގެ އަސަރު ނުސީދާގޮތެއްގައި ރާއްޖެއަށް ކުރާނެކަމަށް ބުނެފައެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވެ ކަނޑުގަދަވާނެކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ތޫފާން އަސަނި މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދާނީ ހުޅަނގު އުތުރާއި ދިމާލަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި އޭގެ ފަހުން އުތުރު އިރުމައްޗާ ދިމާލަށް ތޫފާން ދަތުރުކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން އަސަނިގެ އިތުރުން “ކަރިމް” ގެ ނަން ދީފައިވާ ތީފާނެއްވެސް ވަނީ އުފެދިފައެވެ، މި ތޫފާންވެސް ރާއްޖެއާއި ދުރަށް، އިންޑޮނޭޝިއާ އާއި އޮސްޓްރޭލިއާ ސަރަހައްދަށް ދަތުރުކުރަމުން ދާކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.