ރައީސް ޔާމީންގެ ޕާޓީ، ޕީޕަލްސް އެލަޔަންސް (ޕީއޭ) އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެއް ކަމަށްވާ، މުހައްމަދު ރަޝީދު (ހިޔަލީ) އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ކުރަން ނިންމަވައިފި އެވެ
ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ،ހިޔަލީ މިއަދު ވަނީ އިބޫގެ ކެންޑިޑޭޓް ނަމްބަރު ކަމަށްވާ “2” ޖައްސަވައި ޓްވީޓް ކުރައްވާފަ އެވެ. ހިޔަލީގެ ޓްވިޓާ އެކައުންޓްގެ ޓައިމްލައިން ފޮޓޯއަކަށް ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ފޮޓޯއެއް ލާފައިވާއިރު ޓްވިޓާގެ ޕްރޮފައިލް ފޮޓޯ ވަނީ އިބޫ،ހިޔަލީގެ އާއިލާއާ ބައްދަލު ކުރައްވާ ފޮޓޯއަކަށް ބަދަލު ކުރައްވާފަ އެވެ
ހިޔަލީގެ އެ ނިންމުމާ ގުޅޭ ގޮތުން އޭނާގެ ބަހެއް އަދި ލިބިފައިނުވާއިރު ހިޔަލީ ވަނީ ދާދި ފަހުން ސްރީީ ލަންކާގައި ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވާފަ އެވެ
ހިޔަލީވަނީ ރައްޔިތުންގެ މަޖިލިހުގެ އައްޑު އަތޮޅު ގޮނޑި، ހަތަރު ދައުރު ފުރުއްވާފައެވެ.