ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ތ. ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫއަކީ ހިރިލަންދޫގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކޮށް، މަސް ފިނިކޮށް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ފެށި ވަރަށް މުހިންމު މަސައްކަތެކެވެ.
ހިރިލަންދޫއަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ މަސް ގަނެ، މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރުކުރަމުން އަންނަ ރަށަކަށްވާއިރު، ބާނާ މަސް ގިނަ ދުވަހަށް ތާޒާކަންމަތީ ރައްކާކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ އެ ރަށަށް މިހާރު ނުހަނު ބޭނުންތެރިވެފައިވާ ކަމެކެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ‘ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް މޮޑެލް’ ގެ ދަށުންނެވެ.
މި އެއްބަސްވުމުގެ ދަށުން ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއްގެ އިތުރުން 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރަކާއި، 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމެއް އަދި މަސް ޕްރޮސެސްކުރާނެ ހާއްސަ ސަރަހައްދެއް ގާއިމުކުރާނެއެވެ. މީގެއިތުރުން ކޮމްޕްރެސަރު ބަހައްޓާ ކޮޓަރިއަކާއި، ކަރަންޓު ވިއުގައާއި ބެކަޕް ޖަނަރޭޓަރާއި، އަލިފާނުން ރައްކާތެރިވުމުގެ ނިޒާމުތައް އެޅުމާއެކު، އިމާރާތުގެ ބޭރުގެ އެންމެހައި މަސައްކަތްތައް ނިންމައި އެ ސައިޓު އެއްކޮށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯލްޑް ސްޓޯރޭޖުގެ ސަބަބުން ބާނާ މަސް އުކާލަން ނުޖެހި ގިނަ ދުވަހު ތާޒާކަންމަތީ ރައްކާކުރެވިގެންދާނެއެވެ. އަދި ހިރިލަންދޫގައި މަސް ކައްކައި ހިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އެއްވެސް މެދުކެނޑުމެއްނެތި ތާޒާ މަސް ލިބުމުގެ ފުރުސަތު ފަހިވެ، ވިޔަފާރިތަކަށް ބޮޑު ހަލުވިކަމެއް ގެނެސްދޭނެއެވެ.
މި ނިޒާމު ގާއިމުކުރެވި ހިދުމަތް ދޭން ފެށުމުން ހިރިލަންދޫގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ. ހަމައެއާއެކު، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.