ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވި ހާއްސަ ތަހުނިޔާގެ މެސެޖުގައެވެ.
ރައީސް ޑރ. މުއިއްޒު، ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ޕްރައިމް މިނިސްޓަރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ވިދާޅުވީ، ސައުދީ އަރަބިއްޔާއަކީ ރާއްޖެއަށް އަބަދުވެސް އިތުބާރު ކުރެވޭ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ އެތައް ސަތޭކަ އަހަރުވީ އިސްލާމީ ވަހުދަތާއި އެއްބައިވަންތަކަމުގެ މައްޗަށް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައިވެސް ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ރައީސް ވިދާޅުވީ، ދެ ގައުމުގެ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ފުޅާވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށްވެސް ދެމެހެއްޓެނިވި ގޮތެއްގައި ބޮޑެތި ފައިދާތަކަކާއި މަންފާތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހާއްސަކޮށް ރާއްޖެ އާއި ސައުދީއާ ދެމެދު އޮތް އިގްތިސާދީ ގުޅުން ކުރިއަށްވުރެ ބޮޑަށް ފުޅާކުރުމަށް ރާއްޖެއިން ބޭނުންވާކަން ރައީސް ހާމަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ސައުދީ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ސައުދީ އިސްވެރިންނަށް އެމަނިކުފާނު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ސައުދީ ރަސްގެފާނަށާއި ވަލީއަހުދަށް ދުޅަހެޔޮ ސިއްހަތަކާއި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ސައުދީ އަރަބިއްޔާގެ އުހުތުންނާއި އަހުންނަށް ދާއިމީ ސުލްހަމަސަލަސްކަމާއި ކުރިއެރުމާއި ފާގަތިކަން މިންވަރުކުރެއްވުން އެދި، އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ނަމުގައި ހެޔޮދުއާ އަރިސްކުރެއްވިއެވެ.