English Edition
Dhivehi Edition

އައްޑުއަށް އާދެވޭގޮތް ވުމަކީ އަހަރެން ވަރަށް އުފާވި ކަމެކެވެ. އެތައް ޒަމާނަކަށް ފަހު އަހަރެންގެ އުންމީދު ފުރިހަމަވީމައެވެ. އެހާ ގިނަދުވަހު ބޭރުގައި ކިޔަވަން އުޅުނީމާ އައްޑުއަށް އަންނާނެ ފުރުސަތެއް އޮތީ ނުލިބިފައެވެ. އެހެންނަމަވެސް އެއީ އަހަރެންގެ އަބަދުވެސް ހުވަފެނެކެވެ.

އަހަރެން އައިސް ހުންނަން ޖެހުނީ ފޭދޫގައެވެ. އެއީ ވަރަށް ހިތްގައިމު ކުޑަ ގެޔެކެވެ. މޫދަކާ ދުރެއް ނޫނެވެ. ގޭގެ ވެރިޔަކަށް ހުރީ ޢުމުރުން ދުވަސްވެފައިވާ އަންހެނެއް ނަމަވެސް ހުންނަނީ އަބަދުވެސް ފެންވަރާ ރީތިވެގެންނެވެ. މުޅިގޭގައިވެސް ހުންނަނީ އޭނާ ޖަހާފައި ހުންނަ ސެންޓުގެ ވަސް ހިފާފައެވެ. އެއީ އެހާ ހެޔޮވެސް މީހެއް މެއެވެ.

އަހަރެން އައިސް ވީ މަދު ދުވަސްތަކުގެ ތެރޭގައި އަހަންނަށް ފެނުނީ މިރަށުގެ އަންހެނުންގެ ހިތްހެޔޮކަމާއި ސާފުތާހިރުކަމެވެ. މަގުމަތީން ސައިކަލެއްގައި އަންހެނަކު ދިޔަޔަސް ދުވާނީ ކޮންމެވެސް ކަހަލަ ސެންޓެއްގެ މީރު ވަހެކެވެ.

އަހަރެން ކުރަން އައި ކަމަކީ މުޅި އަތޮޅުގެ ކަރަންޓު ހުރިހާ މައްސަލައެއް ހައްލުކޮށްދިނުމަށެވެ. އެހެންކަމުން އަހަރެން އުޅުނީ ބުރަކޮށްނެވެ. ވިޔަސް ހަވީރު ގަޑީގައި އަހަރެން ރަށުތެރެއަށް ނުކުމެ އުޅެމެވެ. ކޮންމެހެންވެސް މިރަށުގައި ހުންނަ މީރު ހެދިކާ އާއެކު ސައިބޮއި ހަދަމެވެ.

ހުރިހާ ފަހަރު ކައްކާފައި ހެދިކާ ހަދާކަށް ސަކީނާއަކަށްވެސް ވަގުތެއް ނުވާނެކަން އަހަންނަށް ގަބޫލު ކުރެވެއެވެ. އެހެންވެ އަހަރެން ކައިރީގައި ހުންނަ ސައިހޮޓަލަށް ގޮސް ހަވީރު ސަޔަށް ހެދިކާ ގަންނަނީއެވެ.

އަހަރެން ހެދިކާ ގަންނަ ސައިހޮޓަލަކީ ކުޑަ ތަނަކަށް ވާތީ މާގިނަ މީހުން ވަދެއެއް ނޫޅެއެވެ. ވިޔަސް އެތަނުގެ ހެދިކާ މީރުކަމާމެދަކު ދެމީހަކު ދެބަހެއް ނުވާނެއެވެ.

އަހަރެން ދާއިރު ސޭޓަކަށް އިންނަނީ ރުޅިއައިއްސަ އިންނަ ސޮރެކެވެ. އެއްޗެއް ގަންނަން އަންނަ މީހަކަށް ބަލާލުމެއް ނޯވެއެވެ. އަމުދުން ހިނިތުންވެލުމެއް ނޯވެއެވެ. ލާރިކޮޅު އަތުލާފައި އަތުގައި އޮންނަ ފޯނާ ދިމާއަށް އެނބުރި ގަންނަނީއެވެ. އޭގެ މާނައަކީ އެމީހަކު އެތަނުން އަވަހަށް ދާންވީއެވެ. އަހަންނަށް ފެންނަ އެހެން ތަންތަނުގެ ކެފޭތަކުގެ ސޭލްސް ކުދީން އުޅޭނީ އެތަނަށް މީހުން ގެނެވެން އޮތް ގޮތަކަށް ގެންނާށެވެ. އެއާ ޚިލާފަށް މިސޮރަށް ރަނގަޅީ އެތަނަށް މީހަކު ނައިއްޔާއެވެ. އޭރުން އޭނާއަށް ފޯނާ ކުޅެން ގިނަ އިރު އުޅެވޭނެތީއެވެ.

އަހަރެން ދެ ދުވަހަކަށް ހުޅުދުއަށް ގޮސް ހުރުމަށްފަހު އަނެއްކާވެސް އެނބުރި ފޭދުއަށް އައިސް ހެދިކާ ގަންނަން އެތަނަށް ހިނގައްޖެއީމެވެ. އެދުވަހު އަހަންނަށް ފެނުނު މަންޒަރު އެހެން ދުވަސްދުވަހާ މުޅީން ތަފާތު ވެއްޖެއެވެ. އެދުވަހު އެކުޑަ ސައިހޮޓާ އޮތީ ފުރިބާރުވެފައެވެ. ހެދިކާކޮޅު ހުރީ ހުސްވާން ކައިރިވެފައެވެ. އަހަރެން އަވަހަށް އެތަނުގައި ހުސްނުވެ ހުރި ހެދިކާކޮޅު ނަގައިފީމެވެ. އަހަރެން ލާރި ދައްކަން ގޮސް ހުއްޓޭތަނުގައި އޮތް ކިޔޫގެ ފުލުގައި އަހަރެންވެސް ޖެހިއްޖެއީމެވެ.

މިއަދު މިތަނުގައި މިހާ ކާރޫބާރޫ ބޮޑުވެގެން މިއުޅެނީ އާ ސޭޓެއް އިނީމާކަން މިހާރު އަހަންނަށް ވިސްނިއްޖެއެވެ. އައްޑޫ އަންހެން ކުދީންގެ ރީތި ކަމުގެ ވާހަކަ އަހަރެން ވަނީ އަހާފައެވެ. އެކަމަކު އަހަންނާ މިހާ ގާތުން މިހާ ރީތި ކުއްޖެއް ފެނިދާނެޔެކޭ އަހަރެން ކުރިޔަކުން ހީކޮށްފައެއް ނުވެއެވެ.

ކިޔޫ ނިމިގެން އަހަންނާ ޖެހުނު އިރުވެސް އަހަރެންނަށް ހުރެވުނީ ކަޅިޖަހާ ނުލާ އެކުއްޖާގެ މޫނަށް ބަލާށެވެ. ބެލެނީ މޫނުމަތީން އައިބެއް ފެނޭތޯއެވެ. އެއީ ހިތެއްގެ ބައްޓަން ލިބިފައިވާ ރީތި މޫނެކެވެ. އިސްތަށިގަނޑު ގަތާލުމެއް ނެތި ހުޅިއެއް ޖަހާފައި ބޯމައްޗަށް އަޅާފައި އޮތް އިރު އޭގެއިން ބައެއް މޫނުމައްޗަށް ވެއްޓިފައިވެސް އޮތްމެއެވެ. އަހަރެން ހިތް އެދުނީ ހުއްދަ އޮތްނަމަ އެ އިސްތަށިކޮޅު މޫނުމަތިން ނަގާދޭށެވެ. އޭނާގެ ލޯ ހުޅުވާލުމުން އަހަރެންނަށް އެލޮލަށް ބެލެއްޓުނު ގޮތަށް އެހެން ދިމާއަކަށް ނުބެލިފައި ހުރެވުނެވެ. ލޮލުގެ ކަޅީގެ ކުލަ ބުރައުން ކަމަށް ދައްކާތީ އަހަރެން ހައިރާންވިއެވެ. އެއީ ފުރިހަމަ ރީތި ދެލޮލެވެ. އެލޮލުގައިވާ ރީތި ކަމުގައި ލާނެއްކަމެއް ވެސް އެކުލެވޭ މެއެވެ. އަހަރެންނަށް އޭނާގެ ލޮލުން ލޯ ނައްޓުވާނުލެވިފައި ހުރިކަން އެނގުމުން އޭނާ އަވަސް އަވަސް އެސްފިޔަ ތަޅުވައިގަތެވެ. އެއާއެކު އޭނާގެ ހިނިތުންވެލުން އަހަރެންގެ ނަޒަރު އެދިމާއަށް ހުއްޓުވައިފިއެވެ. އެއްވަރަކަށް އެތުރިފައި ހުރި ދަތްޕިލަޔާއި ފިނިފެންމާ ކުލައިގެ ދެތުންފަތް ގުޅިފައިވާ ރީތިކަން ފެނިއެވެ.

“ހެލޯ!” އޭނާ އަތް ހޫރުވާފައި ލާނެއްގޮތަކަށް ގޮވާލިއެވެ. އޭނާގެ އަޑު އިވުމުން ހީވީ މޫސީގާރަކު ބާންސަރީއަކުން އަހަރެންގެ ހިތުގައި ރާގެއް ކުޅެލިހެންނެވެ. އަހަރެންނަށް ހޭވެރިކަން އައިސް ކުރެވުނު ހަރަކާތަކުން އޭނާގެ ގާތަށް ވަރަށް ހިނިއައެވެ. އަހަރެން ރަކިވީ އެވަގުތު އެވެ. އަވަހަށް އަހަރެން ލާރިކޮޅު ދައްކާފައި އެނބުރި ބަލާލަންވެސް ނުކެރި ހުރެ ހިނގައިގެންފީމެވެ.

އެދުވަހު އަހަރެން ގޮސް ފުރަތަމަވެސް ކޮޓަރިއަށް ވަދެ ބެލީ އަހަރެންނަށް ހުރެވުނު ސިފައަށެވެ. އަހަރެން ބެލި އިރު އަހަރެންގެ އިސްތަށިގަނޑުވަނީ ވަޔާ ހޭވިފައެވެ. ގަމީސް ހުރީ ކޮންމެވެސް ވަރަކަށް ރޫޖެހިފައެވެ. މަތީ ގޮތް ނޭޅުވިއެވެ. އަހަރެންގެ ނިތްކުރިމަތީގައި ދަލުގެ ނިޝާންތައް ހުއްޓެވެ. އެހެން އައިބެއް ނެތެވެ. އަހަންނަކީވެސް އިސްކޮޅު މެދުމިނަށްވުރެން ދިގު ކަސްރަތީ ހަށިގަނޑެއްގެ ވެރިއެއް ކަމުން އެކަކުވެސް އަހަންނަކީ ހުތުރުމީހެކޭ ނުބުނެއެވެ. ޔޫކޭގެ އަންހެން ކުދީން “ހައި ހެންސަމް” އޭ ވަރަށް ގިނައިން ގޮވާހަދާތީ އަހަންނަކީ ވެސް ހެންސަމް މީހެއްކަމަށް ގަބޫލު ކުރެވެއެވެ. އަހަރެން މޮޔަ ހިތަށް އެރީ އެދުވަހު ބޭރަށް ނުކުތް އިރު މޫނު ދޮވެލައި ބޯ އޮމާންކޮށް ނުހަދާ ދެވުނީމައެވެ. އިސްތިރިކޮށްފައި ހުރި ގަމީހެއް ލެވުނުނަމަ ކިހާ ރަގަޅުވީހެވެ. އެކަމަކު އަހަރެން ދިޔައީ މި ބިންމަތީގެ ހޫރު ޕަރީއަކާ ދިމާވާނެ ކަމަކަށް ނޫނެވެ. އަހަރެންނަށް ކުރިމަތިލާން ޖެހޭނީ އެއްކަލަ ރުޅިއައިސްފަ އިންނަ ސޮރާ ކަމަށް ހީކޮށެވެ.

މުޅިރެޔާއި އަނެއް ދުވަހުގެ ހެނދުނުން ފެށިގެން ހަވީރާ ހަމަޔަށް އެހެން ޚިޔާލެއް ނުކުރެވެއެވެ. އެހެން ސޫރައެއް ހިތަކު ނެތެވެ. ލޯމަރާލައިގެން އިނދެވެސް އެ ސޫރަ ކުރެހިދާނެވަރަށް އަހަރެންގެ ހިތުގައި ވަނީ އެސޫރަ ބިންވަޅު ނެގިފައެވެ. އެކަމަކު އެ ހިތްގައިމު އަޑު އެއްވެސް ބާންސަރީއަކުން ކުޅެލެވޭނެ މޫސީގާރެއް ނުހުންނާނެ ކަން ކަށަވަރެވެ.

އެދުވަހު އަހަރެން ދިޔައީ އަތުގައި އޮތް އެންމެ ރީތި މަޑު ވިލުކުލައިގެ ގަމީސްލައި ކަޅު ފަޓުލޫނު ދަށަށް ޖަހައިގެން އަދި އަވި އައިނުވެސް އަޅައިގެންނެވެ. އަހަރެން އެއައިނު އެޅީމާ ބައެއް ފަހަރު ރިތިކްއޭ ޝާހު ރުޚްއޭ މީހުން ކިޔައި ހަދައެވެ. ލޯގަނޑު ކުރިމަތީ އަހަންނަށް ރީތި ވެވުނު އެންމެ ރީއްޗެއް ވެގެން އަހަރެން ތައްޔާރުވެލީމެވެ. ތޫފާނެއް އަޔަސް އެންމެ އިސްތަށްޓެއް ހާވައި ނުލެވޭ ވަރަށް ބޮލުގައި ހެއަރ ޖެލް އުނގުޅައި ފުނާއަޅައިގެންނެވެ.

އަހަންނަށް މިކުރެވުނު ކަންތަކާއި އަހަރެން ދީވާނާ ވެފައި ހުރިވަރު ހިތަށް އެރީގޮސް އެ ފިހާރައަށް ވަދެ ބަލާލީމައެވެ. މިހުރިހާ ފަރިއެއް މިވެނުނީ އެއްކަލަ ފޫހިވެފައި އިންނަ ސޮރަށް ދެއްކެން ހެއްޔެވެ؟ ދެރައީ އެ ސޮރުވެސް އިސްއުފުލާ އަހަރެން ނަލަހެދިގެން ހުރި ވަރު ބަލާ ނުލީމައެވެ.

ހެދިކާގެ ރަހަ ކިތަންމެ މީރަކަސް މިއަދު އޭގައި ނާއުންމީދުގެ ހިތި ރަހައެއް އެކުވެފައި ހުއްޓެވެ. މުޅި ހަފްތާ ހޭދަވެގެން ދިޔައީ އެފަރި ޗާލު ޕަރީ މަގެއްގެ ކޮޅުންވެސް ފެނި ނުލައެވެ.

ފޭދޫގެ އަލަށް ހިއްކި ބޮޑު ބިމަކީ އަހަރެން ވަރަށް ގޮސް ހުންނަ ހިތްވާތަނެކެވެ. ޚާއްސަކޮށް އިރުއޮއްސޭ ވަގުތުއެވެ. އެދުވަހު އަހަރެން ގޮސް އެތަނުގައި ހުރީ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމަށް ލުޔެއް ލިބޭތޯއެވެ. ވަކި ޚިޔާލެއް ނެތި ތޮށިގަނޑުގެ މަތީގައި ދުވަމުން ދިޔަ ކަކުނިތައް އިރުއޮއްސޭ ދަޅައިގެ އަލިއެޅިގެން ހަރަކާތްތެރި ވާތަން ބަލަން އަހަރެން ހުރީ ހިނދުކޮޅަކަށް ނަމަވެސް ރީތި ޕަރީގެ މަތީން ހަނދާން ނެތިފައެވެ. އެވަގުތު ކުއްލިއަކަށް ޕަރިންދާއެއް ގޮވާލިފަދަ އަޑަކާއެކު ދެކުއްޖެއްގެ ހީލުމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.
“އަރީޝް.” މިހެން ގޮވާލި އަޑު އިވުނީ އެއްކަލަ ބާންސަރީގެ އަޑުން ކަން ވެސް އަހަންނަށް ޔަގީންވިއެވެ.

އަހަރެން އެނބުރި ބަލާލުމާއެކު ނޭވައެއް ލާންވެސް ހަނދާނެއް ނުވިއެވެ. “އަރީޝް ހޯދަން މިތަނަށް މިއައީ. “ ހަމަ އެއަޑުން މިހެން ބުނެލިއެވެ. ދެންތިބި ކުދިންވެސް ހަމައެއް އަޑަކުން ބުނެފިއެވެ. “އަރީޝް އަހަރެމެންނަށް ކޮފީއެއް ދޭންވީނު.”

އަހަރެން އުފަލުން އެ ދައުވަތު ބަލައިގަތީމެވެ. އަހަރެމެން ގޮސްތިބީ “ފޭދޫ ބެރިސްޓާ” ގައެވެ. އޭރު އިރު އޮއްސި އުދަރެހަށް ގަދަ ނޫކުލައަކާ ފިޔާތޮށި ކުލަތަކެއް އަރަމުން ދަނީ އެވެ. އެކުލަތައް އަހަރެން ބަލަން އިނީ ލީނާގެ ދެލޮލާއި މޫނުންނެވެ.

އެއީ ލާނެއް މޫނެކެވެ. ސަމާސާ އެކުލެވޭ ބެލުންތަކެކެވެ. ސަކަ ހަރަކާތްތަކާއި ކުދިކުދި ޖެއްސުމުގެ ބަސްތަކެވެ. ލޯބިވެތިވެފައި މާނަ ފުން ބަސްތަކެކެވެ. އެކޮފީގެ ދައުވަތަކީ ލީނާގެ ރޭވުމެއްކަން ފަހުން އެނގުނެވެ. އޭނާއާއެކު ދެން އެތިބީ ލީނާގެ އެންމެ ބެސްޓް ފުރެންޑު ދެކުދިންނެވެ. މަރީއާ މުނާއެވެ.

އެހަވީރުގެ ކުރުކަން ވިސްނުނީ ގެޔަށް ދެވުމުންނެވެ. އެކޮފީގެ މީރު ރަހަ އަރުތެރޭގައި ނުފިލާ ހުއްޓެވެ.

ދެން އައި ފިނި ހަވީރުތަކާއި ކޮފީތަކާއި ބައްދަލުވުންތަކާއި ހަނދުވަރީ ޖާދުވީ ވަގުތުތަކުގެ ވާހަކަ ތަފްސީލުކޮށް ލިޔުމުގެ ގާބިލުކަމެއް އަހަރެންގެ ކިބަޔަކު ނެތެވެ. އެއީ ހަމަ ޔަގީނުންވެސް ލޯބީގެ އެންމެ ރީތި ފަސާނާތައް ލިޔާ ލިޔުންތެރީން ވެސް ނުކުޅެދޭނެ މަނާޒިރުތަކެކެވެ. ސިފަކުރުމަށް ކުޅަދާނަ ކުރެހުންތެރީންގެ ފިހިތައް ހަމައިން ނައްޓުވާލާނެ ފަދައެވެ. ޅެންވެރީންގެ ޚިޔާލު ހުސްވެ ގައިމު މާޔޫސްވެދާނެ ފަދައެވެ.

އެކަމަކު މި ރީތި ހުވަފެން އެހާ ކުއްލިއަކަށް ފުނޑުފުނޑުވެގެން ދާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ ހަމަ ކުއްލިއަކަށް ލީނާ ގެއްލެން ވީ ކީއްވެހެއްޔެވެ؟ އެއޮތްފަދަ ޖާދުވީ ރީތި ކުލަ ހުވަފެން ސައިބޯނި ބޮތްކެއް ހެން ފެޅި ޖައްވުގެ ތެރެއަށް ގެއްލި ނިމިދިޔައީ ހަމަ ކުއްލިއަކަށެވެ.

މާޔޫސްކަމާއި އާވާރާކަމުގެ ކަނުއަނދިރިކަން އަހަރެންގެ ވަށާލީ ބަލަބަލާ ހުއްޓައެވެ. ހިތުގައި އަޅަން ފެށި ވޭނުގެ ގަދަކަމުން ނޭވާ އެތެރެހައްޓަކަށް ނުފެތޭވަރު ވެއްޖެއެވެ.

އަހާނީ ކާކު ކުރެން ހެއްޔެވެ؟ އަހަރެމެންގެ ލޯބީގެ ދެމެދަށް ރައްޓެއްސަކުވެސް ނުގެންނަމެވެ.

އެއާއެކު އަހަރެންގެ މުޅިދުނިޔެ އަބަދަށްޓަކައި ކަޅުފޮއި ރޭތަކަށް ވެއްޖެއެވެ. އޭގެ ފަހަކުން ނިދި ލޮލާ ހަމަޔަކަށް ނުފޯރިއެވެ.

ދެން އައި ޚަބަރު އަދި ވަކީން ހިތްދައްޗެވެ.

ލީނާ މާލެ ދަނީއެވެ. އާއިލާއާއެކުގައެވެ. އޭނައާ އަހަރެންގެ ގުޅުމަށް މައިން ބަފައިން ހުރަސް އެޅީއެވެ. އޭނާ އިނުމަށް އެމީހުން އެދެނީ އިތުބާރު މީހަކާއެވެ. މާލޭން ތިހެން އަންނަ މީހުން މިރަށު ކުދިންނާ އިނދެފައި ދަރިޔަކު ދީފައި ދަނީ މަދެއްކޮށެއް ނޫނެވެ.

މި ޚަބަރު ގެނެސްދިނީ ލީނާގެ ބެސްޓް ފުރެންޑުންނެވެ. ދެރައީ އެވަރުންވެސް ލީނާގެ ފޯނަށް ގުޅޭނެ ގޮތެއް ނުވީމައެވެ.

އަހަރެންވެސް ހިތުގެ މަތީގައި ހިލަ ގަނޑެއް ބާއްވައިގެން އަހަރެން އަދާކުރަން އައި ވަޒީފާގެ މަސައްކަތް ނިމެންދެން އުޅެފީމެވެ. ދެމަސް ފަހުން އަހަރެން ފުރައިގެން ދިޔައީ އެރީތި ހިތްގައިމު ހަނދާންތަކާއި އެފޮނި ޖާދުވީ މަންޒަރުތަކަށް އަބަދަށްޓަކައި އަލްވަދާޢު ކިޔާފައެވެ.

މާލެ ދެވުމުން ރައްޓެހީންގެ ފުރަތަމަ ސުވާލަކަށްވީ އައްޑޫން އައިއިރު “ދޮންދީނާ” އެއް ނުގެނެއީ ކީއްވެހޭއެވެ. އެއީ އަހަރެންގެ ވެސް ހިތާމައެކެވެ. ދޮންދީނާއެއް އަހަރެންގެ އަތަށް ވެސް އެރިއެވެ. އޭގެ ފަރިކަމާއި ލައްޒަތު އަހަރެންވެސް ވަނީ އިހުސާސްކޮށްފައެވެ. އެކަމަކު އެދޫނި އަތަށް ފުށްކޮޅުދީފާ އުދުހިގެން ގޮސް ގެއްލި ނިމިއްޖެއެވެ. އޮތީ އަތަށް ދޫކޮށްލި ފުއްކޮޅާއި ފޮނި މާޒީގެ ހިތި ހަނދާނެކެވެ.

އަހަރެންނަށް މާލެ ދެވުމާއެކު ހަމަ ކުއްލިއަކަށްހެން ކާވެނީގެ ދައުވަތެއް ލިބިއްޖެއެވެ. އެއީ ވަރަށްވެސް ރީތި ކުއްޖެކޭ އެއައި މީހާ ބުންޏެވެ. އެއީ އެކުއްޖާ އެދިގެން ހުށަހެޅޭ ކާވެނީގެ ދައުވަތެކޭވެސް ބުންޏެވެ.

އަހަރެން ހުރީ އެ ދައުވަތު ގަބޫލު ކުރާ ގޮތަކަށް ނޫނެވެ. އަމުދުން އެއީ އައްޑުގެ ކުއްޖެއްކަން އެނގުމުންނެވެ. އަހަރެންގެ ހިތާ ކުޅުމަށްފަހު އެހިތް ޗިސްކޮށްލި ކުއްޖަކީވެސް އައްޑޫ ކުއްޖެއް ވީމައެވެ.

އަހަރެން ނޫނެކޭ ބުނާ އަޑު އަހާކަށް އެމީހުން ބޭނުމެއް ނުވިއެވެ. އަހަރެންގެ ގެއިންވެސް އެދައުވަތު ގަބޫލުކޮށް ކާވެނި ތައްޔާރު ކުރާ ހިސާބަށް ކަންތައް ހިނގައްޖެއެވެ. އެއީ އެއަންހެން ކުއްޖާ އެހެން މީހަކާ އިންނަން ގަބޫލު ނުވެގެން މައިންބަފައިންގެ ރުހުމާއެކު ކުރެވޭ ކާވެންޏެއް ކަމަށްވާތީއެވެ. ކަން ދިމާ ކުރި ގޮތުން އެއާއިލާއަކީ އަހަރެންގެ އާއިލާއާ ވަރަށް ބޮޑަށް ގުޅިފައި އޮތް އާއިލާއެއް ކަމުގައި ވެއެވެ. އެހެންވެ އަހަންނަށް ނޫނެކޭ ބުނާނެ ފުރުސަތެއް ނުލިބުނެވެ.

އަހަރެންވެސް މިއަދު މިވަނީ މީހަކާ އިންނަން ޖެހިފައެވެ. އަމުދުން އަހަރެން މިވަނީ ހިތްހަލާކުވެ އާވާރާވެފައި ކަމުންނެވެ. މުޅި އުމުރުން ލޯބިވެވޭނީ އެކަކު ދެކެ އެއްފަހަރުއެވެ. އެލޯބި ގެއްލުނީމާ ދެން ތިބޭނީ ހައްތާވެސް އަންހެނުންނެވެ. ކޮންމެ އަންހެނެއްވެސް ވާނީ އެއްގޮތެކެވެ. ރަނގަޅާއި ނުރަނގަޅު އެކުލެވިފައިވާ މީހަކަށެވެ. އަހަންނަކަށް ދެކޮޅެއް ހެދޭކަށް ނެތެވެ. ބަހަނާއެއް ދެއްކޭނެ ސަބަބެއް މިއަދަކު ނެތެވެ.

ބުރިޖްމަތީ ކުރެވޭ ކާވެންޏަކީ އަބަދުވެސް ހަނދާނީ ކައިވެނިތަކެކެވެ. ބައެއް ކާވެނި ތަކަކީ އޭގައި ކޮންމެވެސް އާކަމެއް ހިމެނިފައި އޮންނަ ކާވެނި ތަކެކެވެ. މީގެ ތެރޭންވެސް އަހަރެންގެ ކާވެނި މިއީ ހަމަ ގައިމުވެސް ފާހަގަ ކޮށްލެވޭނެ ކާވެންޏެކެވެ. އަހަރެން އިންނަނީ އަހަރެން ނުވެސް ދެކޭ ކުއްޖަކާ ކަމަށްވާތީ އެވެ. މައިންބަފައިންނާ އާއިލާގެ ރޭވުމާއެއްގޮތަށް ފިރިހެން ކުއްޖަކު ކުރާ ކާވެންޏެއް ވީމައެވެ. އަދި މިއީ އަންހެން ކުއްޖާ ޚިޔާރުކޮށްގެން ހުށަހެޅި ކުރެވޭ ކާވެންޏެއް ވީމައެވެ. މިއީ މިކާވެނި ޚާއްސަވި މަދު ސަބަބުތަކެކެވެ.

ހަފްލާގެ ކަންތައް ބާރަށް ހިނގައިގަތް ވަގުތު ބޮޑަށް އަޅައިގަތީ އޭގެ ތެރޭގައި އަހަރެން ދެކެފަރިތަ ސޮރެއް ނުހަނު ހަލުއިކޮށް ހަރަކާތްެތެރިވާ ތަން ފެނުމުންނެވެ. އަހަންނަށް އެމޫނު ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. އެސޮރު ވަރަށް އަވަސް އަވަހަށް ކަންތައް ގަނޑެއް ހިންގަމުން ގެންދިޔައެވެ. އެއީ އައްޑޫގެ ސައިހޮޓަލެއްގައި ކަންނެތްވެ ފޫހިވެފައި ފޯނާކުޅެން އިންނަ ކުއްޖާއެވެ. އޭނާ މިތާ ކީއްކުރަނީހެއްޔެވެ؟ މެހުމާނުންނަށް ހަދިޔާ ބަހަމުން ދަނީއެވެ. އަންހެން ކުއްޖާގެ އާއިލާގެ ފަރާތުންނެވެ.

ދުރުގައި ތިބި އަންހެން ކުއްޖާގެ އާއިލާއަށް އަހަރެން ރަނގަޅަށް ބަލައިލީމެވެ. އެއީ އަހަރެން ނުދަންނަ އާއިލާއެކެވެ. އެކަމަކު އެއާއިލާގެ މެދުތެރޭގައި ކާވެނީގެ ހެދުމުގައި ހުރީ އަޅައިގަންނަ ފަދަ ކުއްޖެކެވެ. އެކަމަކު އެކުއްޖާގެ މޫނު އަހަންނަކަށް ރީއްޗަކަށް ނުފެނެއެވެ. އެންމެން ވަށާލާފައި ތިބީމައެވެ.

އެއީ ކާވެނީގެ ހަފްލާ ނިމި އަރޫޝާ އަހަންނާ ހަވާލު ކުރެވުނު ވަގުތެވެ. ހަވާއަރުވަން ފެށީ އެވަގުތުއެވެ. ތަރިތައް ބިންމައްޗަށް އޮހެންފެށީވެސް ހަމަ އެވަގުތުގައެވެ. ރޭގެ ރާނީ އައިސް އަހަރެންގެ ފައިމައްޗަށް ތިރިވީވެސް އެވަގުތުއެވެ. ދުނިޔެމަތީގައިވާ ހޫރު ޕަރީޒާދާ އައިސް އަހަރެންގެ އަތުގައި ހިފެހެއްޓީ ވެސް އެވަގުތުގައެވެ. އެވަގުތު އޭނާ އަހަރެންގެ ލޮލާ ލޯ ގުޅުވާލިއެވެ. އަދި އެއަށް ވުރެންވެސް ކައިރިއަށް އޭނާގެ މޫނު ގެނެސްފިއެވެ.

އަހަރެންގެ ހިތުގެ ހަރަކާތް ހުއްޓުނީ އެވަގުތުއެވެ. އެއީ ދެވަނައެއް ނުވާ ލީނާކަން އެނގުމުންނެވެ.

އެއާ އެކު އަހަރެންގެ ހަޔާތުގެ ބަގީޗާއަށް ދެވަނަ ފަހަރަށް ބަހާރު މޫސުން އައިސް މާތައް ފޮޅިފަރިވެގެންފިއެވެ. މުޅި ޖައްވުތެރެއަށް މީރުވަސް ފަތުރަމުންނެވެ. ކާއިނާތުގައި ދިއްލިފައިވާ ތަރިތައް ފަދައިން ވިދާބަބުޅާ ދެލޮލުން އަހަރެންގެ ލޮލާ ސަމާސާ ކުރަމުންނެވެ. އެ ފިނިފެންމަލުގެ ދެފިޔަ ފަދަ ތުންފަތުން ފޮނިފޮނި މާމުއިގެ ޝަރާބެއްގެ ރަހަ އަހަރެންގެ ތުންފަތުގައި ލައްވާ ދެމުންނެވެ. އެއީ އަހަރެންގެ ހިތުގެ ލޯތްބެވެ. އަހަރެންގެ ހަޔާތުގެ “ދިލް ރުބާ” އެވެ.

ދެން އަހަރެމެން ދެމީހުން އެކުގައި އެލޯބީގެ ފުން ކަނޑަށް ހަމަ ވަގުތުން ގެނބިގެން ހިނގައްޖެއީމެވެ. މުޅި އުމުރު އެކަނޑުގައި ޣަރަގުވެ ދިއުމަށްޓަކައެވެ. އަހަރެން އެންމެ ހިތްއެދޭ ލޯބީގެ ކަނޑުގެ އެންމެ ފުނަށެވެ.

ނިމުނީ