“ވަރިވުން ނޫން ހަމަ އެއްވެސް ގޮތެއް ނެތީތަ؟”
ކޯޓުން އެސުވާލު ތަކުރާރު ކުރިއެވެ.
“އާދެ. އެކަމާ ވަރަށް ވިސްނައިފިން. އެތައް ދުވަހެއް ވަންދެން ވިސްނައިފިން. “އަހަރެން ނުރޯން ގަދައަޅަމުން ބުނީމެވެ. “އަޅުގަނޑަށް އެނޫން ހައްލެއް ނުފެނުނީ.”
ކޯޓުން ސުވާލު ކުރި ގާޒީ އެންމެ ފަހުން އަހަރެންގެ ހުށަހެޅުން ނޯޓްކޮށްފިއެވެ.
“ތިޔަ ކަންތައް ވަރަށް އަވަހަށް ކުރިޔަށް ގެންދާނަން.”
އަހަރެން ކޯޓުން ނުކުތީ އުފަލުން ހުރެކަމެއް ނުވަތަ ހިތްހަލާކުވެފައި ހުރެ ކަމެއް އަހަންނަކަށް ޔަގީނެއް ނުވިއެވެ. އަހަންނަށް ޓެކްސީއަށް އެރެވުނު ތަނާ ރޮއިގަނެވިއްޖެއެވެ.
އޭރު ޓެކްސީގައި އަހަންނާ އެކު ފަހަތުސީޓުގައި އިން އަންހެންމީހާ އަހަރެން ރޯން ފެށުމުން ދެރަވެފައި އިނެވެ. އޭނާ ނުހަނު ލޯތްބާއެކު އަހަރެން މަސަލަސް ކުރެވޭތޯ އުޅުނެވެ.
“ކޮއްކޯ، ނުރޮއި. ދުނިޔޭގައި އުޅޭ އިރު ދެރަވާ ކަންތަކާ ވެސް ދިމާވާނެ. އެކަންތަކަށް ކެތްތެރިވާން ދަސް ކުރަންވާނެ.”
އެއީ މަންމައެއްފަދަ އޯގާތެރި އަންހެނެކެވެ. އަހަރެން އެ އަންހެންމީހާގެ އޯގާވެރިކަން މިވަގުތު ބޭނުން ވިއެވެ.
“ވީކީތްތަ؟”
އަހަރެންގެ ވާހަކަ އޭނާ އަށް ކިޔާދޭނީ ކިހިނެއްހެއްޔެވެ؟ އަހަރެން މި އައީ ފިރިމީހާގެ ގާތުން ވަރިވުމަށް ކޯޓަށް ހުށަހަޅާފައެވެ. އެއީ ދިގުވާހަކައެކެވެ.
އަހަންނާ ޖަވާޒު އިނީ އެތައް ދުވަހަކު ލޯބިން އެކު އުޅުމަށްފަހު އެވެ. ޖަވާޒުގެ ފަރާތުން ދުވަހަކުވެސް އަހަރެން ދެރަވާނެ ފަދަ ކަމެއް ނުފެނެއެވެ. ޝައްކެއްވާނެ އެއްވެސް ހާދިސާއެއް ނުހިނގައެވެ. އަހަރެން ސްކޫލް ދައުރު ނިންމާފައި ފުރަތަމަވެސް ރައްޓެހިވި މީހަކީ އެއީ އެވެ. ކާވެނި ކުރަން ނިންމީ އޭނާގެ ރަނގަޅުކަން ފެނިއެވެ.
އަހަރެން ޖަވާޒުއާ ކާވެނިކުރީ އޭނާގެ ފަރާތުން އަހަރެން ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުފެންނާނެ ކަން ޔަގީންކޮށްފައެވެ. އެއީ އަހަރެންގެ ރަހުމަތްތެރީންނާއި އަދި އެނޫން މީހުންނަށްވެސް ކާވެނީގެ ފަހުން ކަންތައް ދިމާވާގޮތް ފެނި އެފަދަ ކަމެއްގެ ތެރެއަށް ނުވަނުމަށް އަހަރެން ނިންމައިގެން ހުރުމާވެސް އެކުގައެވެ. އެހާވެސް ބޮޑަށް އަހަންނަށް ވަނީ ޖަވާޒާ މެދު އިތުބާރު ކުރެވިފައެވެ.
ކާވެނީގެ ފަހުންވެސް އޭނާގެފަރާތުން އޭނާގެ ކިބައިން ފެންނަމުންދަނީ އަހަރެން ހިތް އުފާވާނެހާ ސިފަތަކެވެ. އެހެންވެ އަހަރެން އުޅެމުން ދިޔައީ ވަރަށް އުފަލުންނެވެ. އަހަރެން ފޭސްބުކްގެ ޕޭޖަކަށް ކުރާކޮމެންޓްތަކުގައި ވެސް ހުރިހާ ފިރިހެނުންނަކީ ބޭވަފާތެރިވާނެ ބައެއް ނޫނޭ ލިޔަނީ އެހާވަރަށް ޖަވާޒާމެދު ޔަގީންކަން އޮންނާތީއެވެ.
ޖަވާޒުއާ ބެހޭގޮތުން އެއްދުވަހަކު އޭނާގެ ރައްޓެއްސެއްގެ ފަރާތުން އަހަންނަށް އިވުނު ޚަބަރަކީ އަހަރެންގެ ދުނިޔެ ފުނޑުފުނޑުވެގެން ދިޔަ ޚަބަރަކަށްވީ އެހެންވެއެވެ. އަހަރެން ކުރި ހުރިހާ އުންމީދުތަކާއި ދުށް ހުވަފެންތައް ސައިބޯނި ބޮތްކަކަށް ވެގެން ދިޔައީ އެވަގުތުން ފެށިގެންނެވެ. “ޖަވާޒު ޒީނާ ގޮވައިގެން ޕެރެޑައިސް ރިސޯޓަށް ދިޔަތަން އަހަރެންގެ ލޮލުން ދުށިން. އޭނާ ބުންޏެވެ.
ޖަވާޒުވެސް އެކަމަކާ ދެބަހެއް ނުވިއެވެ.
“އެއީ އޮފީސް ދަތުރެއްގައި.” އޭނާ އެވާހަކައަށް އިންކާރު ކޮށްފިއެވެ.
ޖަވާޒު އުޅެނީ ވިލާ މާކެޓިންގ ގެ މެނޭޖަރަކަށެވެ. ޒީނާއަކީ ވިލާގެ އެހެން ބައެއްގައި އުޅޭ ކުއްޖެކެވެ. ކޮންމެހެން ޖަވާޒުއާއެކު އޭނާ ޕެރެޑައިސްއަށް ދާންވީ ސަބަބެއް ކޮބާހެއްޔެވެ؟
“ފިރިހެނަކު ދުވަހަކުވެސް އެއްބަސްވާނެތަ؟” އަހަރެންގެ ރައްޓެހީން ފޭސްބުކް ޕޭޖްގައި ލިޔުނެވެ. “ކޮބާހީވޭތަ ސިތޫ؟” ، ” މަ ބުނީމެއްނު؟” މިކަހަލަ އެތައް ކޮމެންޓެއް ކުއްލިއަކަށް އެޕޭޖަށް އޮހިގެންފިއެވެ.
އަހަރެން ދައްކާނެ ބަހަނާއެއް ނެތެވެ. އަހަރެން ނާކާމިޔާބުވެއްޖެއެވެ. އަހަރެންގެ ހިތްހަލާކުވެ ނިމިއްޖެއެވެ.
ޖަވާޒުއާ އެ ސުވާލު ކުރެވުނު އަދަދެއް ނުވެސް އެނގެއެވެ. އޭނާ ދިން އެއްވެސް ޖަވާބެއް އަހަންނަކަށް ކަމަކު ނުދެއެވެ. ހައްތާވެސް ބަހަނާއެވެ. އޭނާ ދިޔައީ މެނޭޖަރުގެ ގާތަށް ގެންދާށެވެ. ހައްތާވެސް އޮޅުވާލުމެވެ. އެ ދިޔައީ ބޮޑު މެނޭޖަރުގެ ގާތަށޭ އަހަރެންގެ ރައްޓެއްސަކު ބުންޏެވެ. އެދުވަހާ އެރޭ ޒީނާ ވީ އެ ރިސޯޓްގައިކަން އަހަންނަށް އެނގިއްޖެއެވެ. އަހަރެން ބެލިވަރަކަށް އެކަން ދިޔައީ ސާބިތުވަމުންނެވެ. އެއް ތިކި އަނެއް ތިއްކާގުޅި އެމަންޒަރު ރީއްޗަށް ކުރެހި ނިމިއްޖެއެވެ.
އަހަރެން އެންމެފަހުން ވަރިޔަށް ވެސް އެދިއްޖެއީމެވެ. އެކަމަކު އަހަރެން ވަރިކުރާކަށް ޖަވާޒު ބޭނުމެއް ނުވިއެވެ. “ސިތޫ. މޮޔަވަނީތަ؟ އަހަރެން ސިތޫ ދޫކޮށްލާފަ ޒީނާގެ ގާތަށް ދާނެހެން ހީވަނީތަ؟”
އޭނާ ކިތަންމެ ފަހަރަކުވެސް މިހެން ބުންޏެވެ.
“ނުދާންވީ ކީއްވެ؟” އަހަރެން މިހެން ބުނަނީ ސަބަބެއްނެތިއެއް ނޫނެވެ. “ޒީނާ ދޫކޮށްލާފަ ޖަވާޒު އަހަރެންނާ އިނދެގެން އުޅެންވީ ކީއްވެ؟” އަހަރެން ބުނީމެވެ. ޒީނާހާ ޒަމާނީ އަދި ފެޝަން ކުއްޖަކު މާލެތެރޭން ފެންނާނީ ހާލަކުންވެސް ފަހަރަކުއެވެ. އެއީ ފެޝަން މުބާރާތުން މީގެ އަހަރުތަކެއް ކުރީގައި އެއްވަނަ ހޯދާފައިވާ ކުއްޖެއްވެސް މެއެވެ. އަހަރެން މިޒުވާބެއް ކުރާކަށްވެސް ބޭނުމެއް ނޫނެވެ. މިހާރު ޖަވާޒު ގެޔަށް އަތުވެއްޖެ މިނޫން ކަމެއް ނޯވެއެވެ. އަހަރެން ބުނާ ހުރިހާ އެއްޗަކަށް އޭނާ ކުރަނީ އިންކާރެވެ. އަހަރެން އެންމެ ރުޅިއައީ އޭނާ ހުވާކުރަންވެސް ތައްޔާރު ކަމަށް ބުނީމައެވެ. އެކަހަލަ ދޮގުވެރިޔަކާ އިނދެގެން އަހަންނަށް އުޅެވޭނީ ކިހިނެއްހެއްވެ؟
“ ހުނ. ފިރިހެނެއްނު؟ މަތިމަތީން ހަތްހުވާ ވެސް ކޮށްފާނެ.”، “ދެން އެންމެ ރަނގަޅުވާނީ ވަރިވުން.” އަހަރެންގެ އެފްބީ ފުރެންޑުން އަހަންނަށް ނަސޭހަތްތެރިވިއެވެ. “ސިތޫ ކަލެއާ އިންނާނެ ފިރިހެނަކު ވެދާނެ. ތިއީ ފިރިހެނުން ހުސްވީތާ ކޮޅުމައްޗެއް ނޫން.” މިފަދަ އެތައް ނަސޭހަތެއް އަބަދު އަހަރެންގެ ކަންފަތަށް އިވެމުން ދިޔައެވެ. ތެދެކެވެ. ފިރިހެނުން ހުހެއް ނުވާނެއެވެ. އެކަމަކު ތެދުވެރީން ހުސްވެދާނެއެވެ. އަހަރެންގެ ދުނިޔޭން ތެދުވެރީން ހުސްވެ ނިމިއްޖެއެވެ. އަހަރެން ހީކުރީ ޖަވާޒަކީ އެންމެ ފަހުގެ ތެދުވެރި ވަފާތެރިޔާ ކަމުގައެވެ.
“ކޮއްކޯ!” އަނެއްކާވެސް އެއަންހެން މީހާ އަހަރެންގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. “ތިޔަވަރަށް ރޯން ޖެހޭ ވަރުގެ އެއްވެސް ކަމެއް ނޯންނާނެ.”
އެ ދައްތައަށްވެސް އަހަރެންނާ ދިމާވީފަދަ ހާލެއް ދިމާވި ނަމަ ނުރޮއެއް ނުހުންނާނެއޭ އަހަރެން ހިތަށް އެރިއެވެ.
“ކޮއްކޮއަށް އަހަންނަށް ދިމާވެފައިވާ ކަންތައް ދިމާވި ނަމަ ކޮއްކޮ މިހާރު ދުނިޔެއަކުވެސް ނުހުރީސް.” އޭނާ އަހަންނާ ކައިރިއަށް ޖެހިލައިފިއެވެ.
“ދައްތައަކީވެސް އިރެއްގައި ތިކަހަލަ ޒުވާން ކުއްޖެއް. ރައްޓެހިވީ މީހުންވެސް ގިނަ. އިންނަން ހުށަހެޅި މީހުންވެސް މަދެއް ނޫން. ދައްތަ އިނީ އޭގެ ތެރޭން ދައްތައަށް އެންމެ ރަނގަޅުކަމަށް ފެނުނު މީހާއާ. ދައްތަމެންގެ ކާވެނި ކުރެވުނީ އާދައިގެ ގޮތަކަށް. އޭރަކު މިހާރުހެން ބޮޑެތި ޕާޓީ ބާއްވާފައި ވެޑިންގ ޑްރެސްލައެއް ނަހަދާ. އެކަމަކު ދައްތަމެން އިނީ ގޭގައި. ރައްޓެހީންނަށް ސައިތައްޔާރު ކުރުން ފިޔަވައި އިތުރު ކަމެއް ނުކުރޭ. އަހަރެމެން އިނީ އެކުގައި އުޅެން. އިނދެގެން އަހަރެމެން އުޅުނީވެސް ނުހަނު އުފަލުގައި. މައްސަލައެއް ވެސް ނުޖެހޭ.”
އަހަރެން ރުއިން ހުއްޓާލާފައި އެ ދައްތަ އެ ދައްކާވާހަކައަށް ޝައުގުވެރިކަން ދިނީމެވެ. އަހަރެމެން ދެމީހުންވެސް މިދަނީ ވިލިގިލީ ޓަރމިނަލަށެވެ. އޭރު ޓުރެފިކް ގިނަވެގެން ޓެކްސީ ދަތުރުވަނީ ދިގު ވެފައެވެ.
“ދެން ކިހިނެއްވީ، ދައްތާ؟|” އަހަރެންގެ ޝައުގުވެރިކަން ފެނުމުން އެދައްތަ އެވާހަކަ ކުރިޔަށް ގެންދިޔައެވެ.
“ދެންވީ ގޮތަކީ ދިމާވި ކަމަކާ ހެދި އަހަރެންގެ ފިރިމީހާއަށް އިތުބާރު ގެއްލުނީ. އޭނާ ބުނާ އެއްވެސް އެއްޗެއް ގަބޫލު ނުކުރެވެން ފެށީ. އަހަންނަށް ހީވަނީ ހައްތާވެސް އޭނާ ހަދަނީ ދޮގުކަމަށް.”
މިހާރު އަހަރެން މާބޮޑަށް ޝައުގުވެރިވެއްޖެއެވެ. ރުއިމުގެ މަތީން ހަނދާން ނެތިއްޖެއެވެ.
“ދެނޯ؟”
ދެން އަހަރެން އެދުނީ ވަރިޔަށް. އެކަމަކު އޭނާ ވަރިއެއް ނުކުރި. އެހެންވެ އަހަރެން އެނބުރި އައްޑުއަށް އަހަރެންގެ ރަށަށް ހިނގައްޖެއިން.
އަހަރެން ދެން ގަސްތުކުރީ އެއްވެސް މީހަކާ ނީނދެ ހުންނަން. އިންނަން ބޭނުންވިޔަސް އޭނާ ވަރި ނުކުރާހާ ހިނދަކު އަހަންނަކަށް ނުވެސް އިނދެވޭނެނު، ދޯ؟ “
“ވަރިވާން ކޯޓަށް ނުދިޔައީ ކީއްވެ؟ “އަހަރެންގެ ހިތުގައި އޮތް ސުވާލު ނުހިފެހެއްޓުނެވެ.
“އަހަރެން ކޯޓަކަށް ނުދަން. އެއީ އަހަރެންނަކަށް ސާބިތު ހެއްކެއް ފެނިފައެއް ނެތް. އަހަރެން ހީކުރީ އަހަރެން ފުރައިގެން ދާތަނުން އޭނާ އަހަރެން ވަރިކޮށްފައި އެކުއްޖާއާ އިނދެފާނެޔޭ.”
“ދެން ނީނދޭތަ؟”
“އަހަރެއް ފާއިތުވެގެން ދިޔަ އިރުވެސް އޭނާ އަހަރެން ވަރިއެއް ނުކުރި. އޭނާ ހުރީ ހުސްކޮށް. ދެން ކޮންމެވެސް ގޮތަކުން އަހަރެންގެ ފޯނު ނަމްބަރު އޭނާ ހޯދައިގެން ގުޅައިފި.”
“ދެން ދައްތަ ދިޔައީތަ؟”
“ ނޫން. ނުދަން. ކިތަންމެ ވަރަކަށްވެސް އޭނާކި. އަންނާށޭ ބުނި. ގެވެސް ހަދައިފީމޭ އަހަރެން ނެތި އުޅެން ދަތިވެއޭ މިހެން ކިޔައި އާދޭސް ވެސް ކުރި. އެކަމަކު އަހަރެން ހުރީ ގޮތް ދޫކުރާކަށް ނޫން.”
“ދެން ކިހިނެއްވީ؟”
“ ދެން އިވުނީ އޭނާ ވަރަށް ބަލިވި ޚަބަރު. އެހެންވެ އަހަރެންގެ ހިތަށް ކެތްނުކުރެވިގެން އަވަހަށް މާލެއައީ.”
އެ ދައްތަ ކިތަންމެ ފޮރުވަން އުޅުނަސް އެހިތާމައިގެ ކަރުނަ އޮބެހެއްޓޭނެ ހިތްވަރެއް ނުކުރެވުނެވެ.
“ދެން އަހަރެންގެ އެންމެ ލޯބިވާ ފިރިމީހާ… “ އޭނާ ބަޑިފަޅައިގެން ދިޔައެވެ. “މިދުނިޔެ ދޫކޮށްފި. އަހަރެން ދޫކޮށްފި. އަބަދަށްޓަކައި.”
އެ ދައްތަ ރޯންފެށުމުން އަހަރެންގެ ހިތާމަތައް ފިލައިގެން ދިޔަގޮތްވެސް ނޭނގުނެވެ. އަހަރެން އެދައްތައަށް އެހީތެރިވީމެވެ. އެވަގުތު ޓެކްސީ އައިސް ވިލިގިލީ ޓަރމިނަލަށް ހުއްޓާލައިފިއެވެ. އެހެންވެ އަހަރެން އެ ދައްތައަށް އެހީތެރިވެގެން ފެރީއަށް ގެންގޮސް ދިނީމެވެ.
“އަހަރެން އެންމެ ދެރަވީ އަހަންނަށް ފިރިމީހާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން. އޭނާ ހިތުގައި ޖެއްސުނީ ހަމަ ހައްގަކުން ކަމަކާ ނުލާ. …. އެފަކީރު އެންމެ ފަހުން އެހިތާމައިގައި މަރުވެގެން އެ ދިޔައީ.”
އެ ދައްތަ އެކިޔާދިނީ ހިތްފަޅައިގެން ދާވަރުގެ ވާހަކައެކެވެ. އެއީ ހަގީގަތެއް ނަމަ އަހަރެންވެސް މިދަނީ އެ ދައްތަ ދިޔަ މަގުން ކަމަށް ވެދާނެއެވެ. ޖަވާޒުގެ ކުށަކާ ނުލާ އަހަރެން އޭނާ ގާތުން ވަރިވެގެން ހިނގައްޖެ ނަމަ އަހަރެންނަށް ވެސް ޖެހޭނީ އެދައްތައަށް ޖެހިފައިވާ ހާލެވެ. އުމުރު ދެބައި ނުވަނީސް އެވަނީ ހުވަފަތް ވެފައެވެ. އިތުރު މީހަކާ އިންނާނެ ބޭނުމެއް އުންމީދެއް ނެތިފައެވެ. ދިރިއުޅުން ނިމި މާޔޫސްވެފައެވެ. އެއީ އަހަރެންގެވެސް ހާލޭ އެވަގުތު ހިތަށް އެރިއެވެ.
އަހަރެން ގެޔަށް ގޮސް އެރެޔާ އޭގެ އަނެއް ދުވަހު ވިސްނީމެވެ. އަހަރެން ގަސްތުކުރީ ޖަވާޒު އެބުނާ އެއްޗެއްގެ ތެދު ހަގީގަތް ހޯދުމަށެވެ.
“ސިތޫ މޮޔަވީތަ؟” ރަޝީދުބެ ހީނގެންފައި ބުނެފިއެވެ. “ޖަވާޒު ޕެރެޑައިސަށް ފޮނުވީ އަހަރެން. އެއީ އޮފީސްކަމަކު. ޒީނާ ޖަވާޒުއާއެކު ފޮނުވީ މެނޭޖަރަށް ތައާރަފު ކޮށްދޭން. އެދުވަހު ކޮންމެހެންވެސް އިންވެންޓްރީ ނަގަން ޖެހޭތީ. ޒީނާ އެމަސައްކަތް ކުރީވެސް ރިސޯޓްގެ އެހެން މުއައްޒިފުންތަކަކާ އެކު. އޭނާ ކުރިހާވެސް ކަމަކީ ޒީނާ ގޮވައިގެން ގޮސް މެނޭޖަރާ ހަވާލު ކުރުން. އޭނާ ލާފައި ޖަވާޒު ހެނދުނުގެ ފުލައިޓުން ދިޔައީ ހޮލިޑޭއައިލެންޑަށް. ޕެރެޑައިސްގަ މަޑެއްވެސް ނުކުރޭ.”
ރަޝީދުބެ އަހަންނަކަށް ދޮގެއް ނުހަދާނެކަން އަހަންނަށް ޔަގީންކުރެވުނެވެ. ހަމަ ޔަގީނުންވެސް އަހަރެންގެ ގާތު އެގޮތަށް ބުނާށޭ ކިޔާފަ ރަޝީދުބެ ގާތު ޖަވާޒެއް ނުބުނާނެއެވެ. އަހަރެން ރަޝީދުގެ ގާތަށް ދާނެއެކޭވެސް އޭނާގެ ހިތަކަށް ނާރާނެއެވެ. އެއީ ރަޝީދުބެއަކީ އަހަންނާ ދުރުތާ ތިމާގެ މީހެއްކަން އޭނާއަށް ނުވެސް އެނގޭނެތީއެވެ.
ރަޝީދުބެ އަދިވެސް ބުންޏެވެ. “ސިތޫ ކޮއްކޮއަކަށް ނޭނގޭދޯ ޒީނާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ކަމެއްވެސް؟ އެމީހުންގެ ކާވެނި ފަސްކުރީ ބުރިޖްމަތީގައި ކުރަން.
އެވަގުތު އަހަރެންގެ މެޔަށް ފިނިވެގެން ދިޔަ ގޮތްވެސް ނޭނގެއެވެ. ހީވީ މީހަކު އައިސްފެން ބާލިދީއެއް އަހަރެންގެ ބޯމައްޗަށް ކުއްލިއަކަށް އޮއްސާލިހެންނެވެ. އަހަންނަށް އެވީގޮތުން ހަމަ ކުއްލިއަކަށް ރޮއިގަނެވުނެވެ.
އެވަގުތު ރަޝީދުބޭ ފޯނުކޮށްފައި ޖަވާޒުގާތު އައުމަށް ބުނެފިއެވެ.
ޖަވާޒު އައިސް ވަނ އިރުވެސް އަހަރެން މޫނުމަތީގައި އަތްއަޅައިގެން އިނދެ ރޮނީއެވެ.
“ދޭ ސިތޫކޮއްކޮ ގޮވައިގެން ގެޔަށް. “ ރަޝީދުބެ އެންގިއެވެ.
ޖަވާޒުއައިސް އަހަރެންގެ އަތުގައި ހިފައި ކޮޅަށް ނަގައިފިއެވެ. އަހަންނަށް އިޚުތިޔާރެއްނެތި ޖަވާޒުގެ މޭމަތީގައި ބޯއަޅައިލެވުނު އިރު ރަޝީދުބެ އެތާ އިންކަން ވެސް އެވަގުތު ޚިޔާލަކަށް ނައެވެ.
ޖަވާޒު އަހަންނަށް އެވާހަކަ އަލުން ކިޔާދޭން އުޅުމުން އަހަރެން ހުއްޓުވީމެވެ. “މިއޮތްހާ ހައިޖާނެއް އަހަންނަށް މިއުފެއްދުނީ މީހުންގެ ހިތުގައި ފިރިހެނުންނާ މެދު އިތުބާރު ގެއްލިފައި އޮންނާތީ. ޖަވާޒާ ދޭތެރޭ ޝައްކު ކުރެވުނީތީ އަހަންނަށް މާފު ކުރޭ.”
އަހަންނާ ޖަވާޒުގެ ލޯބި އަލުން އާލާވެގެން ދިޔައެވެ. އަހަރެމެންގެ ދެމީހުންގެ ކާވެނި ސަލާމަތް ކުރެވުނެވެ. އެކަމަށްޓަކައި އެދައިތައަށް ވެސް ޝުކުރު ހައްގެވެ.
އަހަރެން އެފްބީ ޕޭޖްގައި ލިޔެލީމެވެ. “ އަހަރެންގެ ފިރިމީހާއަށް އަހަރެން ފުރިހަމައަށް އިތުބާރު ކުރަމެވެ.”
އޭގެ އަނެއް ދުވަހު ކޯޓަށް ގޮސް އަހަރެން ވަރިވާން ހުށަހެޅި ހުށަހެޅުން އަނބުރާ ނަގައިފީމެވެ.
ނިމުނީ