English Edition
Dhivehi Edition

އަހަރެމެން ކާވެނި ކުރީ ލޯބިންނެވެ. ފުރަތަމަ ބައްދަލުވި ވަގުތުންސުރެން އަހަރެމެން ދެމީހުންގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. އެންމެ ފަހުން ކާވެނި އެއީ ފަހުގެ މަންޒިލްކަމަށް ނިންމީއެވެ.

ރިޝްމާ އަހަންނަށް ވުރެން ފަސް އަހަރު ހަގު ނަމަވެސް އެކަމަކާ އޭނާގެ ޝަކުވާއެއް ނެތެވެ. ފިރިހެނުންގެ އުމުރުން ދުވަސް ވިޔަސް ޒުވާން އަންހެން ކުއްޖަކާ އިނދެގެން ރަނގަޅު ގޮތުގައި ދިރިއުޅެވިދާނެ އެވެ. އެއީ ނުހަނު އާންމު ކަމެއް ވެސް މެއެވެ. އެހެންކަމުން އަހަރެމެންގެ ދެމީހުންގެ ކާވެންޏަކީ ވެސް އުފާވެރި ގުޅުމެއްގެ މަތީގައިވާ ކާވެންޏެއްކަމަށް އަހަރެން ދުށީމެވެ.

އަހަރެމެންގެ ކާވެނި ކުރެވުނީވެސް ނުހަނު ކުލަ ގަދަކޮށްނެވެ. ބުރިޖް މަތީގައި ކުރެވުނު ފުރަތަމަ ކާވެނިތަކުގެ ތެރޭގައި ހިމެނިގެންނެވެ. ކޮންމެހެން ކާވެނި ހިލޭ ކުރެވޭތީއެއް ނޫނެވެ. އެއީ އަހަރެމެން ކާވެނި ކުރަން އޮތް ދުވަސްކޮޅު އެކަން އެގޮތައް ހަމަޖެހުމުން ވެސް މެއެވެ. އަދި މީގެ އިތުރުން އަހަރެމެންގެ ކާވެންޏަކީވެސް ހަނދާނީ ކަމަކަށް ހެދުމުގެ ބޭނުމުގައިވެސް މެއެވެ. ބުރިޖްމަތީން ހުރަސްކުރާ ކޮންމެ ފަހަރަކު އަހަރެމެންގެ ކާވެނީގެ މަތީން ހަނދާން އާވާނެތީވެސް މެއެވެ.

ރިޝްމާ އަހަރެންގެ ހިޔަނި ފަދައިން އަހަރެންދާ ހުރިހާ ތަނަކަށް ގޮސް އުޅުނެވެ. ކުރާ ހުރިހާކަމެއްގައި ބައިވެެރިވިއެވެ. އަހަރެމެން ދިރިއުޅެނީ އަހަރެންގެ ގޯތީގައި އަޅާފައިވާ ކުޑަ ގެއެއްގައެވެ. އެއީ ތިންކޮޓަރި ހިމެނޭގޮތަށް އަޅާފައިވާ ކުޑަ ގެއެކެވެ. އެއަށް ވުރެން ބޮޑުކޮށް ގެ އަޅާނެ ތަނަވަސްކަމެއް އަހަރެންގެ ކިބަޔަކު ނެތްމެއެވެ. އެވެސް އެޅުނީ މުޅި އުމުރު އެއްކުރިހާ ފައިސާއާއި ބޭންކުން ނެގި ލޯނު ލައިގެންނެވެ. ގެޔަށް ވަދެވޭ ވަރުވީ މީހުންގެ އަތުން ދަރަންޏަށްވެސް ފައިސާ ނަގައިގެންނެވެ. ގެ ހަދާ ނިމުމުން އެގެ ހިމެނުނީ އަހަރެންގެ ދިރިއުޅުމުގެ ހާލި ކަމުގައެވެ.

ރިޝްމާއާއި އަހަރެން ވަޒީފާ އަދާކުރާއިރުވެސް ލިބޭ ލާރިން ޚަރަދު ކަނޑައި ނަގާފައިވާ ދަރަނި ދެއްކޭވަރެއް ނުވެއެވެ. ހުސްކޮށް ހުންނަ ދެކޮޓަރި ކުއްޔަށް ދޭން މަސައްކަތް ކުރާތާވެސް ކިތަންމެ ދުވަހެކެވެ. ބޮޑަށް މިކަން ބޭނުންވަނީވެސް އަހަރެންގެ ޑިއުޓީއަށް އައި ބަދަލަކުން ރޭގަނޑު ލަހުން ގެޔަށް އަންނަން ޖެހުނީމައެވެ.

ރިޝްމާއަކީ ނުހަނު ހިތް ބިރުގަންނަ ކުއްޖެއްކަމުން އަހަރެން ގެޔަށް އަންނަ އިރު އޭނާ އިންނަނީ ބިރުން ވިރިވިރި އެވެ. ވަށައިގެން ހުންނަ ގެތަކުގައި މީހުން އުޅުނެއް ކަމަކު އޭނާ އެގަންނަ ބިރެއް ކުޑައެއް ނުވެއެވެ. މިކަމާ އަހަރެން ނުހަނު ކަންބޮޑުވެއެވެ. އޭނާއަކީ ހާއަލިފު އަތޮޅު ރަށަކުން އައިސް ހުރި ކުއްޖަކަށްވާތީ ތިމާގެ މީހަކުވެސް ނުއުޅެވެ. މާލޭގައި ދަންނަ މީހުން ތިބި ނަމަވެސް ކޮންމެ ރެއަކު ގެޔަށް އައިސް އޭނާއާއެކު ވަގުތު ހޭދަ ކުރާނެ މީހަކު ނުހުރެއެވެ.

އެތަކެއް ދުވަސްތަކެއް މިގޮތަށް ހޭދަވުމަށް ފަހު އެންމެ ފަހުން ޒުވާން ދެމަފިރިއަކު ކޮޓަރިއެއް ހޯދަމުން ގެޔަށް އަތުވެއްޖެއެވެ. އަހަރެން އުފާވީ އެކަނި މީހެއްގެ ބަދަލުގައި ދެމަފިރީން ވީމައެވެ. އެކަނި ފިރިހެނެއް ނަމަ ކިތަންމެ އިތުބާރު ހިފުނަސް އަނބިމީހާއާއެކު އެކަނިވާން ދޫކޮށްލަން ހިތްހަމަ ނުޖެހޭތީއެވެ. އެޔަކީ ރިޝްމާގެ ގޯސްގޮތަކަށް ކަމެއް ކޮށްފާނެތީއެއް ނޫނެވެ. އެފަދަ ހަނި ފުރުސަތެއް ވެސް އަތުވެދާނެތީއެވެ.

ސާމިޙާއި މުނާއަކީ ގުޅޭ ޖޯޑެކެވެ. އެއްވަރެއްގެ ހިތްހެޔޮ މަޖާ ދެމީހުންނެވެ. އެމީހުންގެ އެންމެ ރަނގަޅު ކަމަކީ އިރުއޮއްސުމުގެ ފަހަކުން ބޭރަށް ނުނުކުންނަ ކަމެވެ. އަނެއްކޮޅުން ރިޝްމާއާ މުނާ އެހާ ގުޅެއެވެ. އޭނާ އެމީހުންނާއެކު ކޮންމެވެސް ކަމެއްގައި ބައިވެރިވެގެން އަހަރެން ގެޔަށް އަންނަންދެން ޝަކުވާއެއް ނެތި އުޅެއެވެ. ބިރަކުން އަމުދުން އުޅޭކަށް ނުޖެހެއެވެ. ސިޓިން ރޫމަކީ ދެކޮޓަރިއަށް ވެސް ހިއްސާ ކުރެވޭ ގޮތަށް ހުންނަ ތަނެއް ކަމުން ޓީވީ ބެލުމާއި ތާސް ކުޅުން ނުވަތަ ގޭމެއް ކުޅުމުގައި ނިދަން ވަންދެން ރިޝްމާ ވެސް އެމީހުންނާ ބައިވެރިވެގެން އުޅެއެވެ. ސިޓިންގް ރޫމުގައި ތިންމީހުން ވަގުތު ހޭދަ ކުރަނީ ފޫހި ކަމެއް ނެތިއެވެ. ބައެއް ރޭރޭ އަހަރެންވެސް އެމީހުންނާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލަމެވެ.

މިގޮތުން ރިޝްމާއަށް އާ ރައްޓެހީން ލިބިފައި ވުމުން ފަހުން އަހަރެން ކޮންމެހެން އަވަހަށް ގެޔަށް އަންނާކަށްވެސް ނޫޅެމެވެ. އަހަންނަކީ ސަޕްލައިއަރެއް ކަމުން މުދާބޭލުމުގެ ގަޑިތައް ހަމަޖެހިފައި އޮންނަ ގޮތުން ވަރަށް ދަންވަރުވެސް ބައެއް ރޭރޭ މަސައްކަތުގައި އުޅެން ޖެހެއެވެ. ކުރީގައި އަވަހަށް އަންނަނީވެސް ކޮންމެވެސް ގޮތަކުން މަސައްކަތް ކުރުގަޅުވާލާފައެވެ.

ރިޝްމާއާ އަހަރެންގެ ގުޅުން އޮމާން ގޮތުގައި ވޭތި ވަމުން ދިޔަކަމުގައި ވިޔަސް ދަރިޔަކު ލިބެން އުޅޭކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އަނެއްކޮޅުން މުނާ މޭނުބައި ކުރާ ވާހަކައާއި ބޮލުގައި ރިއްސާވާހަކަ ރިޝްމާ ދައްކައެވެ. ރިޝްމާ އެވާހަކަ ދައްކަނީ ޝަކުވާގެ ރާގަކަށް ނޫން ކަމުގައި ވިޔަސް އެވާހަކަތަކުން އަހަރެންގެ ހިތަށް ދަތިކަމެއް ވެރިވެއެވެ. އަހަރެންގެ އުމުރުން އަދި ސާޅީސް ނުފުރުނަސް މި އުމުރަށް ދިޔައިމާ ދަރިޔަކު ނެތުމުގެ ނުތަވަސްކަން ގިނަ ފިރިހެނުންނަށް އިހްސާސް ކުރެވެއެވެ. ރިޝްމާއަށް ވެސް އެހެން ހިތަށް އަރާނެކަން އަހަންނަށްވެސް އެނގެއެވެ. އެކަމަކު މިއަކު އަހަރެންނަކަށް އިތުރަށް ކުރެވޭނެ ކަމެއް ނެތްމެއެވެ. އޮތީ ބޭހެއް ފަރުވާއަކުން ހައްލުވޭތޯ ބެލުމެވެ.

އެހެންވެ އަހަރުތެރޭގައި ލިބުނު ފުރަތަމަ ދިގު ޗުއްޓީގައި އަހަރެމެން ދެމީހުން ޓްރީޓޮޕަށް ގޮސް ރަނގަޅަށް ޓެސްޓް ހައްދާލީމެވެ. އަދި މޮޅެތި ޑޮކްޓަރުންގެ ލަފާ ހޯދައި އެމީހުން ދިން އިރުޝާދާ އެއްގޮތަން ކަންތައްކޮށް ބޭސް ބޭނުން ކުރަން ފަށައިފީމެވެ. އެކަމާ ރިޝްމާވެސް ހުރީ އުފާވެފައިކަން އަހަންނަށް އެނގުނެވެ.

އަހަރެންނަށް ރިޝްމާ ކަހަލަ ހެޔޮލަފާ ބަނިޔާދަން ރީތި އަންހެންކުއްޖަކު މި އުމުރުގައި ލިބިފައިވާތީ ހުރެވެނީ ވަރަށް އުފާވެފައެވެ. އޭނާގެ އެންމެ ރަނގަޅު ސިފައަކަށް އަހަންނަށް ފާހަގަ ކުރެވިފައިވަނީ ވަފާތެރިކަމުގެ ސިފަ އެވެ. އެއީ ފިރިހެނަކު އަތްނބެއް ގައިގައި ހުރުމަށް އެންމެ އެދޭނެ އެއް ސިފަކަ ކަމަށްވާތީވެސް މެއެވެ. އެހެންކަމުން އަހަރެންގެ އުމުރުގެ މީހުންގެ ތެރޭން އަހަންނަކަށް ވުރެން ވަކި އުފަލުގައި އުޅެމުންދާ މީހަކު މަދުވާނެކަމަށް އަހަރެންގެ ހިތް ބުނެއެވެ.

ކަން މިހެން އޮތްކަމުގައި ވިޔަސް އަހަރެންގެ ހަޔާތަށް ވެސް ބޮޑު ޒަލްޒަލާއެއް އަތުވެއްޖެއެވެ. އެއީ ކުއްލިއަކަށް ދިމާވި ކަމެކެވެ. އަހަރެންނަށް ތަންކޮޅެއް ލަހުން ގެޔަށް އާދެވުނު ރެޔަކު އަހަރެންނަށް އާދަޔާ ޚިލާފު މަންޒަރެއް ފެނުނީއެވެ. އެއީ އަހަންނަށް ހީވި ގޮތަކަށް ވެސް ވެދާނެއެވެ. އަހަންނަށް ފެނުނީ އަހަރެން އައިސް ދޮރު ހުޅުވުމާއެކު ރިޝްމާ ކުއްލިއަކަށް ސޯފާގައި އިން ތަނުން ދުރަށް ޖެހިލި ތަނެވެ. ސޯފާގެ ކޮޅުގައި އިނީ ސާމިޙުއެވެ. އެއާ ޖެހުނު ގޮނޑީގައި ގުޅަޔަކަށް މުނާ އޮތެވެ. ބަލާ ބެލުމަށް އޭނާއަށް އޮތީ ނިދިފައެވެ. ނުވަތަ ކޮންމެވެސް ސަބަބަކާހެދި ހަރަކާތެއް ނުކޮށެވެ. ސިޓިންގ ރޫމުގައި ދިއްލާފައި ހުރީ ހަމަ އެކަނި ކަނުގައި އިންނަ ކުޑަ ބޮއްކެވެ. އެހެންކަމުން އަހަންނަކަށް ވެސް އެވަގުތު އެހާ ސާފުކޮށް އެތަނެއް ނުފެނުނެވެ.

އަހަރެން އައުމާއެކު އާދައިގެ މަތީން ރިޝްމާ ތެދުވެގެން އައިސް އަހަންނާއެކު ކޮޓަރިއަށް ވަދެއްޖެއެވެ. އެހެން ރޭރެއާ ޚިލާފަށް މިރޭ ސައިހަދަންހޭއެއް ރިޝްމާ އަހައެއް ނުލިއެވެ. އެއީ ގިނަ ރޭރޭ އަހަރެން ސައިބޮއިގެން އަންނާތީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ ހަނދާން ނެތުނީއެވެ.

ދެން ރިޝްމާ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ފުރަގަހަށް އެނބުރުނީއެވެ. އެހެންޏާ ފަދައިން ފެންވަރައި ތާޒާވެގެން އައިސް އިރުކޮޅަކު ވާހަކަ ދައްކައިލާ ހީނސަމާސާ ކޮށްލާ ހެދުމެއް ނެތިއެވެ. އަހަރެން އޭނާގެ ކޮނޑުގައި އަތްވެސް ޖައްސާލީމެވެ. އެކަމަކު މަގަތަކަށް ނޭނބުރުނެވެ.

މިރޭ އަހަންނަށް އެފެނުނު ކުޑަ މަންޒަރު އަހަރެންގެ ނިދި ޚަރާބުކޮށްލައިފިއެވެ. ހައިރާންވަނީ އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެނުނު، ކަމަކަށް ނުވާކަހަލަ ކަމަކާހެދި އަހަރެންގެ ހިތަށް މިކަހަލަ ނުތަނަވަސް ކަމެއް ވެރިވީމައެވެ. ގިނަފަހަރަށް ދެމަފިރިއެއްގެ ދެމެދުގައި މައްސަލަތައް ދިމާވާން ޖެހޭ ސަބަބަކީ އަސްލެއް ނެތް ޝައްކުތަކާހެދި ކަން އަހަންނަށް ވެސް އެނގެއެވެ. މިކަމުގައި ރިޝްމާގެ ކުޑަވެސް ބޭވަފާއެއް ނޯންނާނެ ކަމަށް އަހަރެން ގަބޫލު ކުރަން ބޭނުންވިއެވެ. ސާމިޙުއަކީ މީހެއްގެ ފިރިޔެކެވެ. އޭނާގެ އަންހެނުން އެއޮތީ ކައިރީގައެވެ. ނިދާފައި ކަމެއްވެސް އަދި ޔަގީނެއް ނޫނެވެ. ވިޔަސް އަހަރެންގެ ހިތަށް މިކަމުގެ ސަބަބުން ހައިޖާނެއް ވެރިވެގަތެވެ. ސުވާލުތައް ފުނިޖެހި އޮބި އޮންނަ ވަރެއް ނުވިއެވެ.

އަހަރެން އޭގެ އަނެއްރޭ އައީ ތަންކޮޅެއް އަވަހަށެވެ. މިރޭވެސް އަހަންނަށް ފެނުނީ ރިޝްމާއާ ސާމިޙު ގާތްގާތުގައި ތިއްބައެވެ. ރިޝްމާ އިނީ ސާމިޙުގެ އަތުގެ މުލައްދަނޑީގައި ހިފަހަށްޓައިގެންނެވެ. އަހަރެން އައުމުން ބެންޑޭޖެއް ނެތްހޭ އަހާލިއެވެ. “މިއުޅެނީ ސާމިޙުގެ އަތް ކަނޑައިގެން ގޮސްގެން.” އޭނާ ނުހަނު ކަންބޮޑުވެފައި ހުރިކަން އެނގުނެވެ.

އަހަރެންނަށް ފާހަގަ ކުރެވުނީ މުނާއަށް ވުރެން ބޮޑަށް ރިޝްމާ ސާމިޙަށް އަޅާލާކަމެވެ. ކުރީފަހަރެއްގައި ބަދިގޭގައި މަސްދަޅެއް ކަނޑަން އުޅެނިކޮށް އަހަރެންގެ އިނގިލި ވަރަށްބޮޑަށް ކެނޑުނެވެ. އެހެންނަމަވެސް ރިޝްމާ އެވަރަށް އަޅާލީތަނެއް ނުފެނެއެވެ. އެކަން ހަނދާންވެ އަހަރެން ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. އަހަރެން ކޮޓަރިޔަށް ވަން އިރުވެސް ރިޝްމާ ސާމިޙުގެ ކައިރީގައި އިނެވެ. އެހާވަރަށް ރިޝްމާ އެހެން މީހަކަށް އަޅާލާތަން ފެނުމުން އަހަރެންގެ ހިތަށް ތޫނު ކަށިތަކެއް ހެރެމުން ދިޔައެވެ.

އޭގެފަހުން އައި ތިން ހަތަރުރޭވެސް އަހަރެން ގެޔަށް އަންނަ އިރު ފެންނަނީ ހަމަ އެކަހަލަ މަންޒަރެކެވެ. ދެމީހުން ސިއްރު ވާހަކައެއް ދައްކަން ތިބޭތަނެވެ. ބައެއްރޭރޭ މުނާ އެތާކު ނުވެސް އިނދެއެވެ. ރިޝްމާ ކޮޓަރިއަށް އަންނަނީ އަހަރެން ނިދޭހާ އިރުކޮށްފައެވެ. އަހަރެން ނުނިދާ އޮތްކަން އެނގުނަސް އަޅާލުމެއް ނެތި އަރާ އޮށޯވެ ނިދަނީއެވެ.

ރިޝްމާއަށް ކުއްލިއަކަށް މިއައީ އަހަރެން ދުވަހަކުވެސް އުންމީދު ކުރި ކަހަލަ ބަދަލެއް ނޫނެވެ. މިހާރު އަހަންނަށް ވަނީ ޝައްކެއް ނޫނެވެ. މިކަން މިހާރު އަހަންނަށް މުޅީން ޔަގީންވެސް ވެއްޖެއެވެ. އެހެން ކަމުން އަހަރެން ގަސްދު ކުރީ ސީދާ މިވާހަކަ ރިޝްމާ ކުރެން އެހުމަށެވެ.
“ކާވެނީގެ ފަހުން އެހެން ފިރިހެނުންނާ ގުޅިގެން އުޅުން އެއީ ރިޝްމާގެ ނަޒަރުގައި ކޮންކަހަލަ ކަމެއް؟”

“ބަލަ ރައްޓެހީން ތިބޭނެއެއްނު؟ ފިރިމީހާ ނޫން މީހަކާ އަނގައިން ބުނެގެންވެސް ނުވޭތަ؟”

އަހަރެމެން އިނދެގެން އުޅޭތާ މިވީ އަހަރަކަށް ވުރެން ގިނަ ދުވަހެވެ. އިހަށްދުވަހު ފެނުނު މީހަކަށް ރިޝްމާގެ މިހާ ބޮޑު އަޅާލުމަކާ ސަމާލުކަމެއް މިދެވެނީ ކީއްވެހެއްޔެވެ؟ ރިޝްމާގެ ހުރިހާ މީހަކީވެސް އަހަރެން ނޫން ހެއްޔެވެ؟ މިއީ އަހަރެންގެ ހިތަށް އެރިގޮތެވެ. ރިޝްމާ ދެކެނީ އޭނާ ބޭނުން މީހަކާ އޭނާ ބޭނުން ވަރަކަށް ވާހަކަ ދެއްކުމަކީ އަހަންނާ ބެހޭ ކަމެއް ނޫން ކަމަށެވެ.

“އަހަރެން މީ ޖަލެއްގައި ބަންދުވެފައި ހުރި މީހެއްތަ؟” ރިޝްމާ އަނެއްކާވެސް އަހާލިއެވެ. “އަހަރެން ބޭނުން މީހަކާ ބޭނުން ވަރަކަށް ވާހަކަ ދެއްކޭނެއެއްނު؟ ދައްކަންވެސް ދައްކާނަން. އެކަކަށް ވެސް އެކަމެއް ނުހުއްޓުވޭނެ.”

މިއީ މިހާރު އަހަރެން ކުރީގައި އިން ރިޝްމާއެއް ނޫނެވެ.

“ކާވެންޏަކީ ޖަލަށް ލެވުމެއް ނޫން. އެކަމަކު ފިރިމީހާއަށް ވުރެން ގަދަރު ކުރެވޭ މީހަކު އަނބިމީހާގެ ކުރިމަތީ ހުރެގެން ނުވާނެ. އެ ގަދަރާ އަޅާލުން ނުދެވޭ އަތްނބަކާއެކު އުޅުމަކީ އަހަރެންގެ ޒަމީރު ގަބޫލު ކުރާ ގޮތެއް ނޫން. ” އަހަރެންގެ ޖަވާބު އޭނައަށް ކަމުނުދާނެކަން ފުރަތަމަވެސް އެނގުނެވެ.

ސާމިޙުއާއި މުނާ އެކޮޓަރި ދޫކޮށް އެހެން ތަނަކަށް ހިނގައްޖެއެވެ. ޖެހިގެން އައި ދުވަހު ރިޝްމާވެސް ހިނގައްޖެއެވެ. އޭނާ ދަމުން އަހަންނަށް ފޮނުވީ ކުރު މެސެޖެކެވެ. “ އަހަރެން ބޭނުމީ މިނިވަންވުން.”

“ އަހަރެން ރިޝްމާ އަޅުވެތި ކުރީ ކޮން އިރަކު؟” މިއީ ދެން ކުރަންޖެހޭ ސުވާލެއް ނޫންކަން ވެސް އެނގެއެވެ. އެކަމަކު އަހަރެން އިންތިހާއަށް ރިޝްމާދެކެ ލޯބިވާތީ އަހާލެވުނު އެއްޗެކެވެ.

“ދިރިއުޅުމަކީ ބުރިޖުގައި ޖަހާފައި ހުރި ތަނބެއްހެން ތަންހަރުވެފައި ހުރުމެއްނޫން. އަހަންނަށް ވެސް އަހަރެން ބޭނުން ކަމެއް ބޭނުން އިރަކު ކުރެވެންވާނެ. ބޭނުން މީހަކާ ވާހަކަ ދެކެވެންވާނެ. އަހަރެން ބޭނުންވަނީ އެ މިނިވަންކަން.”

ރިޝްމާ ނުސީދާކޮށް އެ އެދުނީ ވަރިޔަށެވެ. ކިތަންމެ ލޯބިވިޔަސް ތިމާއަށް ގަދަރު ނުކުރާ އަތްނބަކާ އެކު އުޅެވޭނެ ގޮތެއް ނޯންނާނެއެވެ. އަހަރެންނަށް ކުރެވުނު ގޯހެއް މިއަކު ހަމަ ގައިމުވެސް ނެތެވެ. ދިރިއުޅުމުގެ ޚަރަދު ފޫބެއްދުމަށް ދެމަފިރިޔަކަށް ކޮޓަރިއެއް ކުއްޔަށް ދިނުން ފިޔަވައެވެ. އެއީ ކުށެއްނަމަ އެއީ ބޮޑު ކުށެކެވެ. އެކުށް ހިމެނުނީ އަހަރެންގެ އަތުން އަހަރެންގެ ދިރިއުޅުނު ހާލި އެއްކޮށް އަންދައިލުމަށް ރޯކޮށްލެވުނު ބޮޑު އަލިފާން ގަނޑަކަށެވެ. – ނިމުނީ.