English Edition
Dhivehi Edition
ޝަމްސުއްދީން ސްކޫލް ސައިންސް ގަލާ-- ފޮޓޯ : ލުބްނާ މަޖީދް މުހްތާރު / އޭއޯ ނިއުސް

ލިޔުނީ: ހިޒްޔަމް ހާމިދު

ޝަމްސުއްދީން ސްކޫލްގެ ސައިންސް ގާލާ2018 އިއްޔެ ބާއްވައިފިއެވެ.

އިއްޔެ ހަވީރު ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ހުޅުމީދޫ ޕޮލިސް އިންޗަރޖް އިބްރާހިމް މައުރޫފް އެވެ.

މި ސައިންސް ގާލާގައި ދަރިވަރުން ވަނީ އެކުދިންގެ ކިބައިގައިވާ ހުނަރުތައް ސައިންޓިފިކް އެކްސްޕެރިމެންޓްތައް އަދި މިނޫންވެސް ގޮތްތައް ބޭނުންކޮށްގެން ދައްކާފައެވެ. މީގެ އިތުރުން ހެވިކަމުގެ ހަރަކާތްތަކުގެ ގޮތުގައި ބިރުވެރި ހޮހޮޅައާއި ކުޅިވަރުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ޝަރަފްވެރި މެހުމާން ވިދާޅުވީ ސްކޫލް ދަރިވަރުންގެ ހުނަރުތައް ކުރިއަރުވަން މި ކުރެވޭ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި ކިޔެވުމުގެ ހުނަރު ނެތަސް މިފަދަ އެހެނިހެން ހުނަރުތައް ކުދިންގެ ކިބައިގައި ހުރެދާނެ ކަމަށާއި އެކަން އަށަގަނުވަން ޖެހޭނެކަމަށެވެ.

ސްކޫލުން ވަނީ ސައިންސް ގާލާގައި ކުރިއަށް ގެންދިޔަ ސައިންސް ފެއަރގައި ޖަޖް ކޮށްދެއްވައިފައިވާތީ އައްޑޫ ހައި ސްކޫލްގެ ބޭފުޅުންނަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ސްކޫލުން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމީދޫ ޕޮލިހަށާއި، ނަލަފެހި މީދޫއަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ. އަދި ސްކޫލުގެ ހުރިހައި ސްޓާފުން މި ހަރަކާތް ކާމިޔާބު ހަރަކާތަކަށް ހައްދަވައިދެއްވީތީ ޝުކުރު އަދާ ކުރާކަމަށެވެ.

ޝަމްސުއްދީން ސްކޫލުން ދަނީ އެސްކޫލްގެ ދަރިވަރުންގެ ހުނަރުތައް ކުރިއެރުވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މީގެ ކުރީ ދުވަހެއްގައިވެސް ސްކޫލްގެ ޕްރިފެކްޓުންނަށް ވަނީ ސްޓަޑީ ޓުއަރއެއް ބާއްވާފައެވެ.