English Edition
Dhivehi Edition

ލިޔުނީ: ފާތިމަތު މިންހާލް/ ޝަމްސުއްދީން ސްކޫލް

12 ސެޕްޓެމްބަރ ވީ ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ސައިންސް ކާރނިވަލް ޝަމްސުއްދީން ސްކޫލުގައި ބާއްވައިފިއެވެ.

އައްޑޫގެ 11 ސްކޫލަކުން ބައިވެރިވި، މި ސައިންސް ކާރނިވަލްގައި 287 ދަރިވަރަކު ވަނީ 75 ޕްރޮޖެކްޓް ހުށަހަޅާފައެވެ.

ގިނަ ޢަދަދެއްގެ އުފެއްދުންތެރި ޕުރޮޖެކުޓުތަކެއް ފެނިގެންދިޔަ މިފެއަރ އިންސާފުކުރުމަށް މާލެއިން ވަޑައިގެންނެވި 6 ޖަޖުން ވަނީ ފެއާރގައި ހިމެނުނު ޕްރޮޖެކުޓުތައް އިންސާފުކުރުމުގައި ހަރަކާތްތެރިވެފައެވެ.

ސައިންސް ކާރނިވަލްގެ އެންމެ ބޮޑު ބޭނުމަކީ ސައިންސް މާއްދާއަށް ކުދިން ޝައުޤުވެރިކަން އުފެއްދުމާއި، ދިރާސާ ކުރުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމާއި، ސައިންސްގެ ދާއިރާއިން އުފެއްދުންތެރި ދަރިވަރުންތަކެއް ބިނާކުރުމެވެ.

މިސައިންސް ކާރނިވަލް އިން ހޮވުމަށް ނިންމާފައިވާ ހާއްސަ ވަނަތަކުގެ ތެރޭގައި “ބެސްޓް އިންވެންޓާރ އެވާރޑް”، “ބެސްޓް ޕްރައިމަރީ ފޭސް ޕްރޮޖެކްޓް”، “ބެސްޓް ސެކަންޑްރީ ފޭސް ޕްރޮޖެކުޓް”، “ބެސްޓް އޯލް ރައުންޑް ގުރޫޕް”، “ބެސްޓް އޯލް ރައުންޑް އިންޑިވިޖުއަލް ޕްރޮޖެކުޓް” އަދި “ބެސްޓް ސްކޫލް” ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ސައިންސް ކާރނިވަލުން ވަނަވަނައަށް އަންނަ ދަރިވަރުންނަށް ދެވޭ މެޑަލްއާއި ޓްރޮފީ ހަދިޔާކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެނޑް ޓެކުނޮލޮޖީ ގެ ފަރާތުންނެވެ.

ނިމިގެންދިޔަ ސައިންސް ކާރނިވަލް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ސެޕްޓެމްބަރ ގައި ޝަމްސުއްދީން ސްކޫލުގައެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުން އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެނޑް ޓެކުނޮލޮޖީ އޮނަރަބުލް މުހައްމަދު މަލީހު ޖަމާލް އެވެ.