ޕީޕީއެމްގެ ފިކުރަކަށް އަދި ޕީޕީއެމްގެ ސިޔާސަތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ޕީޕީއެމްގެ ވިސްނުމާއި ފަލްސަފާ ދޫކޮށްލުމަށްފަހު ރިފޯމް ކުރެވޭނެ އެއްޗެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ
ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ “އޮޑިން ފުންމާލައިގެން” ދިޔަ މީހުންނަކީ ކޮންމެވެސް މުހުތާދެއް ނުވަތަ އަމިއްލަ އެދުމެއް ފުއްދުމަށް ބޭނުންވެފައި ތިއްބެވި ބޭފުޅުންތަކެއް ކަމަށެވެ.އަދި ޕީޕީއެމަށް ގެއްލުން ދިނީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު މީހުން ކަމަށާއި އެކަން ކުރީ އިދިކޮޅު ފަރާތްތަކުން ނޫން ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ.ޕީޕީއެމްގެ “ލަގަން” އެމަނިކުފާނު ހިއްޕަވައިގެން ހުންނެވިހާ ހިނދަކު އެ ޕާޓީގެ އަސާސްތަކާ ޚިލާފުވެވަޑައިނުގަންނަވާނެކަމަށެވެ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކެމްޕޭންގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރާ ފަރާތްތަކުން “މައުމޫން ރިފޯމް މޫވްމެންޓު”ގެ ނަމުގައި ހަރަކާތްތެރިވާން ފަށާފައިވާއިރު ޔާމީން ވިދާޅުވީ ޕީޕީއެމް އަކީ އެމްޑީޕީ ބަލިކުރަން އުފެއްދި ޕާޓީއެއްކަމަށެވެ. އެހެންކަމުން މިއަދު ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ އެކު މަސައްކަތް ކުރައްވާތީ ހިނިއަންނާނެ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ
މީގެ އިތުރުން ޔާމީން ވިދާޅުވީ ޕީޕީއެމްއަށް ވެރިކަން ލިބުނީ އަތޮޅުތަކުގެ ރަށްރަށުގައި ތިބި ރައްޔިތުން ކުރި ވަރުގަދަ މަސައްކަތުން ކަމަށާއި އަނެއްކާވެސް އެހިތްވަރު ނެރެންވީ ވަގުތު ޖެހިފައިވާކަމަށެވެ