ޕީއެންއެފުން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތައް ލައިވްކޮށް ދެއްކުން ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން، ޗެނަލް13 އަށް އަންގައިފިއެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްްރޮންޓް (ޕީއެންއެފް) އިން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތައް ލައިވް ނުކުރުމަށް ޗެނަލް13 އަށް އަންގާފައި ވަނީ އެ ހަރަކާތުގައި ދައްކަމުންދާ މަންޒަރުތަކާއި އެކި ފަރާތްތަކުން ދައްކާ ވާހަކަތައް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަމަށް ބުނެއެވެ. އަދި އެ މަންޒަރުތަކާއި އަޑުތަކަކީ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑުތަކާ ހިލާފު މަންޒަރުތަކާއި އަޑުތައް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ބްރޯޑްކާސްޓް ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ސިޓީއާއި ފޯނުން ގުޅައިގެންވެސް އެފަދަ ލައިވްތައް ނުދެއްކުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ކޮމިޝަނުގެ އެންގުމާ ހިލާފަށް މިހާރުވެސް ކޮންމެ ރެއަކުވެސް ޕީއެންއެފް މުޒާހަރައިގެ ލައިވް ދައްކަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ގާނޫނު ބަޔާންކުރާ ހަމަތަކާ ހިލާފު މަންޒަރާއި އަޑު އާންމު ކުރަމުންދާ މައްސަލަ ބަލަމުންދާ ކަމަށް ބުނެ އެ ކޮމިޝަނުން ވަނީ ޕީއެންއެފްގެ އެ ހަރަކާތް ވަކިގޮތެއް އަންގަންދެން މެދުކަނޑާލުމަށް އަންގާފައެވެ.