English Edition
Dhivehi Edition

މިޤަރުނުގައި ހިފާނެ އެންމެ ދިގު، އަދި އެންމެ ފުރިހަމަ ހަނދު ކޭތަ ހިފައިފިއެވެ

ރޭ ހިފި ހަނދުކޭތަ، ރާއްޖޭއާއި ދުނިޔޭގެ ގިނަ ހިސާބުތަކަށް ވަރަށް ސާފުކޮށް ފެނިފައިވާއިރު ގިނަ ބަޔަކުވަނީ ހާދުކޭތަ ބަލާފައެވެ

ރޭ ފުރިހަމަ ހަނދުކޭތަ ހިފަން ފެށުމުގެ ކުރިން 11:24 ގައި ފަޅި ހަނދު ކޭތައެއް ހިފިއިރު ފަޅިކޭތައަށްފަހު ފުރިހަމަ ހަނދުކޭތަ ރާއްޖެ ގަޑިން ދަންވަރު 1:21 އިން ފެށިގެން މެންދަމު 2:13 އަށް ވަނީ ހިފާފައެވެ. ފުރިހަމަ ހަނދުކޭތަ ގާތްގަނޑަކަށް އެއް ގަޑިއިރާއި 43 މިނެޓް ވަންދެން ހިފާފައި ހުރިއިރު ފަޅި ކޭތައާއި ފުރިހަމަ ކޭތަ އެއްކޮށް، ޖުމުލަ 6 ގަޑިއިރާއި 40 މިނެޓަށް ހިފާފައި ހުއްޓެވެ. ފުރިހަމަ ހަނދުކޭތައިގެ ވަގުތު ހަނދު ފެނުނީ ރަތް އޮރެންޖު ކުލައެއްގައެވެ. މިއީ އިރުގެ އަލި ދުނިޔޭގެ ވައިގެ ފަށަލަތަކުގެ ތެރެއިން ގޮސް ހަނދަށް އެޅުމުން ފެނުނު ކުލައެކެވެ..

ޔޫރަޕާއި އިރުމަތީ އޭޝިޔާ، އޮސްޓްރޭލިޔާއާއި ބައެއް އެހެނިހެން ސަރަޙައްދުތަކަށް ފަޅި ހަނދު ކޭތައެއް ފެނުނު ނަމަވެސް އިރުމަތީ އެފްރިކާ، މެދުއިރުމަތި އަދި ސެންޓްރަލް އޭޝިޔާގެ ޤައުމުތަކާއި އިންޑިއާ ކަނޑުގެ ޖަޒީރާތަކަށް ފުރިހަމަ ހަނދުކޭތަ އެއްވަނީ ފެނިފައެވެ

އިރުކޭތަ އަދި ހަނދުކޭތަ ހިފަނީ، ދުނިޔެ ވަށައިގެން ހަނދު ދައުރުކޮށް އަދި އިރު ވަށައިގެން ދުނިޔެއާއި ހަނދު ދައުރުކުރާތީ އެވެ. އެތަކެތި ދައުރުކުރަމުންދާއިރު، ބައެއްފަހަރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަނުމުން ހިފަނީ އިރުކޭތަ އެވެ. ބައެއްފަހަރު އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަނުމުން ހިފަނީ ހަނދުކޭތަ އެވެ