މިރޭ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސަރކިއުލަރއެއްގައި ބުނެފައި ވަނީ ޖޫން 05 ވާ ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ގަޑިން 22:45 އިން ފެށިގެން ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެ ކަމަށެވެ. މި ހަނދުކޭތަ ހިފަންފަށާނީ 22:45 ގައި ކަމަށާއި އަދި ހަނދުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ، މިރޭގެ މެންދަމު 00:24 ގައި ކަމަށާއި، ހަނދުކޭތަ ވީއްލާނީ މިރޭ މެންދަމު 02:04 ގައި ކަމަށްވެސް އެ ސަރކިއުލަރގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން މިއީ ފަނޑުހިޔަނީގެ ކޭތަޔަކަށްވުމުން ކޭތަފާޅުވާނީ ވަރަށް ކުޑަކޮށް ކަމަށާއި، މި ކޭތައާއި ގުޅިގެން ކޮންމެރަށެއްގައިވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި ހޮނިހިރު ވިލޭރޭގެ މެންދަމު 00:15 ގައި ކޭތަނަމާދު ކުރުން އޮންނާނެ ކަމަށް އެ ސަރކިއުލަރގައި ބުނެފައި ވެއެވެ.
ވީމާ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ޖޫން 06 ވާ ހޮނިހިރު ވިލޭރޭގެ މެންދަމު 00:15 ގައި ކޭތަނަމާދު ކުރެވޭނޭ އިންތިޒާމު ކައުންސިލް އިދާރާތަކުން ހަމަޖައްސައި ދިނުމަށް ސަރކިއުލަރގައި އެދިފައި ވެއެވެ.
މިރޭ ރާއްޖޭގެ ރަށްރަށުގައި ކޭތަ ނަމާދު ކުރުމަށް ނިންމި ކަމުގައިވީނަމަވެސް، މާލޭގެ އިތުރުން ހަ ރަށެއްގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުން އަދިވެސް ވަނީ މެދުކަނޑާލައިފަ އެވެ.